ނޭޝަންސް ލީގު: 901 ވަނަ ގޯލާއެކު ފަހުވަގުތު ރޮނާލްޑޯ ޕޯޗުގަލް ސަލާމަތްކޮށްދީފި
ނޭޝަންސް ލީގުގައި އާދިއްތަ ދުވަހު ޕޯޗްގަލް އިން 2-1 ން ސްކޮޓްލެންޑް ބަލިކޮށްފިއެވެ. ސްކޮޓްލެންޑް ރޮއްވާލީ 88 ވަނަ މިނިޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
ޕޯޗުގަލްގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލް ކާމިޔާބު ކުރީވެސް ސްކޮޓްލޭންޑުން ނެވެ. މެޗު ފަށައިގެން 7 ވަނަ މިނިޓްގައި ބޮލުންޖަހާ ފޮނުވާލި ރީތި ބޯޅައެއް ގޯލަށް އަމާޒުކޮށްގެން ސްކޮޓްލެންޑަށް ލީޑު ނަގައިދިނީ ސްކޮޓް މިކްޓޮމިނޭ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ބަދަލުކޮށްލެވޭތޯ ޕޯޗުގަލްއިން ޖުމްލަ ސޯޅަ ޝޮޓް ގޯލަށް އަމާޒުކުރި ނަމަވެސް, ފުރަތަމަ ހާފު ނިމުނީ 0-1 ން ސޮކޮޓްލޭންޑް ކުރިގައި އޮވެއެވެ.
ސްކޮޓްލެންޑުގެ އުއްމީދުތައް ފުނޑުފުނޑުވީ މެޗުގެ 54 ވަނަ މިނިޓްގައި ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ ބްރޫނޯ ފެނާންޑޭޒް ވަރަށް ދުރުން ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވުމާއެކުއެވެ. ނަތީޖާ އެއްވަރުކުރަން ބުރޫއަށް އެހީތެރިވެދިނީ ރަފެލް ލެއާއޮ އެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުން ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމުގެ ކުރިންވެސް ގޯލާ އަމާޒުކޮށް ދެ ހަމަލާއެއް ފޮނުވާލިއެވެ. މެޗުން މޮޅުވި ގޯލް ރޮނާލްޑޯ ކާމިޔާބު ކޮށްދިނީ ނުނޯ މެންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ބުރާސްފަތި ދުވަހު ޕޮލަންޑާ ދެކޮޅަށް ކުޅުނު މެޗުންވެސް ސްކޮޓްލެންޑް ބަލިވެފައިވާއިރު, ސްކޮޓްލޭންޑް އެންމެފަހުން ކުޅުނު އަށް މެޗުންވެސް ވަނީ ބަލިވެފައެވެ.
ރިއެކްޝަންސް