
ކޮނޑުގެ ސާޖަރީއަށްފަހު ބެލިންގްހަމް މަދުވެގެން 3 މަސްދުވަހަށް ކުޅުމާ ދުރަށް: މަސްދަރު
ކުރިއަށް އޮތް ސީޒަނުގެ 8 ލީގުމެޗާއި, ޗެމްމިއަންސް ލީގުގެ ގްރޫޕް ސްޓޭޖް މެޗުތައް ގެއްލޭނެ
ރެއާލް މެޑްރިޑްގެ މެދުތެރެއަށްކުޅޭ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމް މިއަދު ލަންޑަންގައި ކުރާ ކޮނޑުގެ ސާޖަރީއަށްފަހު މަދުވެގެން 3 މަސްދުވަހަށް ކުޅުމާ ދުރަށްދާންޖެހިދާނެކަމަށް މަސްދަރުތައް ބުނެފިއެވެ.
މަސްދަރުތަކާ ހަވާލާދީ އީއެސްޕީއެންގައި ބުނެފައިވަނީ ސާޖަރީއަށްފަހު ބެލިންގްހަމައަށް ކުޅުމުގެ ތެރެއަށް އާދެވޭނެކަމަށް ބެލެވެނީ 12 ހަފްތާ ފަހުންކަމުގައެވެ.
22 އަހަރުގެ ބެލިންގްހަމް ރެއާލްއާއެކު ހޭދަކުރި ފުރަތަމަ ސީޒަނާ ހަމައިންވެސް ކުޅެމުން އަންނަނީ ކޮނޑަށް ލިބިފައިވާ އަނިޔާއެކު އެވެ. 2023 ވަނަ އަހަރު ރަޔޯ ވަޔަކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި ކޮނޑުހުޅު ނެއްޓުނުފަހުން އެއްކޮށް ރަނގަޅުނުވެ, ސާޖަރީއަކަށް ދާން ބެލިންގްހަމް ނިންމާ ތަދު އިތުރަށް ބޮޑުވާންފެށުމުންނެވެ.
ރިހެބިލިޓޭޝަންއާއެކު ކުރިއަށް ދިޔަ ނަމަވެސް ދޮޅު އަހަރެއްހާ ދުވަހު ވޭނުގައި އުޅުމަށްފަހު ކްލަބް ވޯލްޑްކަޕްގައި 3-1 ން ޕަޗޫކާގެ މައްޗަށް ކުރިހޯދި މެޗަށްފަހު އޭނާވަނީ ކްލަބްވޯލްޑްކަޕް ނިމުމާއެކު ސަރޖަރީއަށް ދާން ނިންމާފައިވާކަމަށް ބުނެފައެވެ.
"އަހަރެންގެ ކުރީގެ ކޮނޑުއަނބުރާ ލިބެން މިހާރު ބޭނުންވަނީ. މި ތަދާއެކު ދެން ނޫޅޭވޭނެ" ބެލިންގްހަމް ބުނެފައި ވެއެވެ.
ބެލިންގްހަމް ބޮރޫޝިއާ ޑޯޓްމަންޓް އިން ރެއާލަށް ބަދަލުވީ 2023 ގެ ހޫނު މޫސުމުގައެވެ. އެސީޒަންގައި ބެލިންގްހަމް ވަނީރެއާލްއާއެކު ލަލީގާ އަދި ޗެމްޕިއަންސް ލީގުވެސް އުފުލާލާފައެވެ.
ފާއިތުވި ސީޒަންގައި ރެއާލަށް އޭނާ ކުޅެދިން 58 މެޗުން 15 ގޯލް ކާމިޔާބުކޮށް އިތުރު 15 ގޯލް ޖެހުމުގައި ވަނީ އެހީތެރިވެފައެވެ.
ސަރޖަރީއަށްފަހު ރިކަވާވެ އަލުން ކުޅުމުގެ ތެރެއަށް ބެލިންގްހަމް އަންނާނެކަމަށް ބެލެވެނީ އޮކްޓޯބަރު މަހުގެ ކުރީކޮޅުއެވެ. އެހެންކަމުން އެނބުރިއާދެވޭއިރު ކުރިއަށް އޮތް ސީޒަނުގައި ލީގުގެ އަށް މެޗުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ މެޗުތައްވެސް އޭނާއަށް ގެއްލޭނެއެވެ.
ރިއެކްޝަންސް






