ހަތް ލަނޑުގެ ފުރަތަމަ ހާފް ގަބޫލުކުރަން ދަތި- އާޓެޓާ
ވެސްޓް ހޭމް އަތުން 5-2 ން މޮޅުވި މެޗުގެ 7 ލަނޑުވެސް ފުރަތަމަ ހާފްގައި ފެނުމަކީ ގަބޫލުކުރަން ދަތި ކަމެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.
މެޗުން މޮޅުވެ އިނގިރޭސި ޕްރިމިއަރ ލީގު ތާވަލްގެ ދެވަނަ އަށް ޖެހިލި މެޗަށްފަހު އާޓެޓާ ބުނީ އެކަމަކު ފުރަތަމަ ހާފްގެ އަނަތީޖާއިން ދައްކައިދެނީ ދެޓީމްގެ ކުޅުންތެރިންވެސް ގޯލް ކުރިމަތީގައި ކިހާ ހުށިޔާރުކަން ކަމަށެވެ. އާޓެޓާ ބުނީ މެޗުގެ ފުރަތަމަ ތިރީހަކަށް މިނިޓަކީ ހައިރާން ކުރުވަނިވި ވަގުތުތަކެއް ކަމަށެވެ.
މެޗުގެ ފުރަތަމަ 30 މިނިޓްގެ ތެރޭގައި އާސެނަލްއިން ދެ ލަނޑު ޖެހިއެވެ. އެ ދެ ލަނޑު ޖަހައިދިނީ
ޑިފެންޑަރ ގަބްރިއަލް މަގަޅައެސް އާއި ޓްރޮސާޑް އެވެ. އޭގެ ފަހުން ފުރަތަމަ ހާފްގައި ބާކީ އޮތް 15 މިނިޓްގެ ތެރޭގައި އާސެނަލްގެ އަނެއް ތިން ލަނޑު ޖެހީ އޮޑެގާޑް އާއި ކައި ހާވާޓްޒް އާއި ސަކާ އެވެ. ސަކާއާއި އޮޑެގާޑް ލަނޑު ޖެހީ ޕެނަލްޓީންނެވެ.
ވެސްޓް ހޭމްގެ ދެ ލަނޑު ޖެހީ ވެން ބިސާކާ އާއި އެމަސަން އެވެ. މިއީ ޕްރިމިއަރ ލީގުގެ ތާރީޚުގައިވެސް އެއް ހާފެއްގައި މެޗުގެ 7 ލަނޑު ފެނުނު 4 ވަނަ މެޗެވެ. މޮޅާއެކު އާސެނަލް ދެވަނައިގަ އޮތީ އެއްވަނައިގަ އޮތް ލިވަޕޫލަށްވުރެ 6 ޕޮއިންޓް ފަހަތުގައެވެ. އެއީ 13 މެޗުން 25 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލް އެއްވަނައިގަ އޮތީ 12 މެޗުން 31 ޕޮއިންޓާއެކުއެވެ. ލިވަޕޫލް މިރޭ ނިކުންނާނީ ޗެމްޕިއަން މެންޗެސްތަރ ސިޓީއާ ދެކޮޅަށެވެ. ސިޓީ މިވަގުތު އޮތީ ހަތަރު ވަނައިގައެވެ.
ރިއެކްޝަންސް