އިނގިރޭސިވިލާތުގެ ޤައުމީޓީމުގެ އާ ކޯޗަކީ ތޯމަސް ޓުޗެލް
އިނގިރޭސިވިލާތުގެ އާ ކޯޗު ތޯމަސް ޓުޗެލް, ފޮޓޯ; އިނގިރޭސި އެފްއޭ

އިނގިރޭސިވިލާތުގެ ޤައުމީޓީމުގެ އާ ކޯޗަކީ ތޯމަސް ޓުޗެލް

2 days ago - 19:21
Oct 16, 2024 - 19:40

އިނގިރޭސިވިލާތުގެ ޤައުމީ ޓީމުގެ ހެޑް ކޯޗުކަމަށް ތޯމަސް ޓުޗެލް އައްޔަންކޮށްފިއެވެ. ބުދަ ދުވަހު އިނގިރޭސިވިލާތުގެ ގައުމީ ޓީމުގެ ރަސްމީ އެކްސް އެކައުންޓުން ކުރި ޕޯސްޓެއްގައި ވެސް އެކަންވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ޓުޗެލްގެ އެއްބަސްވުން ފެށޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި ޔުއެފާ ނޭޝަންސް ލީގު ނިމެންދެން ވަގުތީ ކޯޗު ލީ ކާސްލީ ޓީމަށް އިރުޝާދު ދިނުމުގައި ދެމިހުންނާނެއެވެ.

51 އަހަރުގެ ޓުޗެލް މަޤާމަށް އައްޔަނުކުރުމުގެ ކުރިން އެކަން ހާސިލްކުރަން އިނގިރޭސި އެފްއޭގެ ޗީފް އެގްޒެކެޓިވް, މާކް ބުލިންގހަމް އަދި ޓެކްނިކަލް ޑިރެކްޓަރ ޖޯން މެކްޑާމޮޓް ވަނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. އިނގިރޭސި ވިލާތަށް އާ ކޯޗެއް ހޯދުމަށް މަސައްކަތްފެށީ އެންމެ ފަހުގެ ކޯޗު, ގެރެތް ސައުތުގޭޓް ޔޫރޯ-2024 އަށް ފަހު މަޤާމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

މީގެ ކުރިން ބޮރޫޝިއާ ޑޮޓްމަންޑް, ޕީއެސްޖީ, ބަޔާން މިއުނިކް އަދި ޗެލްސީއަށްވެސް ކޯޗުކޮށްދީފައިވާ ޓުޗެލް އަކީ އިނގިރޭސި ވިލާތަށް އިރުޝާދުދޭ ތިންވަނަ ބިދޭސީ ކޯޗެވެ. މަޤާމާ ހަވާލުވުމަށްފަހު ޓުޗެލް ދީފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނގިރޭސި ޤައުމީޓީމަށް ކޯޗުކޮށްދޭން ލިބުމުން އޭނަ އެކަމާ ވަރަށް ފަޚުރުވެރިވާކަމަށެވެ.

"އަހަރެންގެ ދުވަސްވީ ޒާތީ ގުޅުމެއް މިޤައުމުގެ ފުޓްބޯޅަ އާއެކު އިނދޭ. މިއާއެކު އަހަންނަށް މިހާރުވެސް ބުނަން ނޭނގޭ ކަހަލަ އުފާވެރިކަމެއް ލިބިދޭ. އިނގިރޭސިން ތަމްސީލުކުރަން ލިބުމަކީ ބޮޑު ފަޚުރެއް. އަހަރެން މިހުރީ ވަރަށް އެކްސައިޓްވެފަ. މިހާ ހުނަރުވެރި އަދި އެހާމެ ޚާއްސަ ޓިމަކާއެކީ މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުނީމަ" ޓުޗެލްގެ އިންޓަވިއުގައި ބުނެފައި ވެއެވެ.

Advertisement

ޓުޗެލްގެ ކޯޗިންގ ކެރިއަރުގައި މައިގަނޑު 11 ކާމިޔާބީއެއް ޙާސިލްކޮށްފައިވެއެވެ. އޭގެ ތެރޭގައި 2021 ވަނަ އަހަރު ޗެލްސީއަށް  ހޯދައިދިން ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ. ޓުޗެލް މީގެކުރިން ވަނީ އިނގިރޭސި ޤައުމީޓީމުގެ ބައެއް ކުޅުންތެރިންނާއެކު މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި މިހާރުގެ އިނގިރޭސި ކެޕްޓަން ހެރީ ކޭންވެސް ހިމެނެއެވެ. ކޭން ވަނީ ޓުޗެލް އިނގިރޭސި ޤައުމީޓީމާ ހަވާލުވުމުން އެކަމަށް މަރުހަބާ ކިޔާފައެވެ. އަދި އަލުން ޓުޗެލްއާއެކު މަސައްކަތްކުރުމަށް ކެތްމަދުވެފައި ހުރިކަމަށްވެސް ކޭން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow