ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު, ގުންޑޮގަން ބާސެލޯނާ ވެސް ދޫކޮށްލަނީ!
ގުންޑޮގާން މިސިޔަ ސީޒަންގައި ސިޓީގައި

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު, ގުންޑޮގަން ބާސެލޯނާ ވެސް ދޫކޮށްލަނީ!

ސިޓީ ހިމެނޭހެން ގިނަ ކްލަބްތަކަކުން އޭނާއަށް ޝައުގުވެރިވޭ

27 days ago - 18:36
Aug 20, 2024 - 18:37

 

ޓްރާންސްފާގެ ދޮރު ބަންދުވާން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު, ޖަރުމަނުގެ މިޑްފީލްޑަރ އިކާ ގުންޑޮގަން ބާސެލޯނާ ދޫކޮށްދާން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ. އަދި އެނިންމުމަށް އެކްލަބުން އިހުތިރާމްކުރަން ބާސެލޯނާވެސް އޮތީ ތައްޔާރަށެވެ.

33 އަހަރުގެ ގުންޑޮގަން އިއްޔެ ވަނީ އޭނާ ޖަރުމަނުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވާކަންވެސް އިޢުލާން ކޮށްފައެވެ. ޔޫރޯ-2024ގައި ޖަރުމަނު ޓީމުގެ ކެޕްޓަންކަންވެސް ކުރި ގުންޑޮގަން ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 82 މެޗް ކުޅެދީފައެވެ.

އެންމެ ސީޒަނަކަށްފަހު ބާސެލޯނާ ދޫކޮށްދާން ގުންޑޮގަން ނިންމާފައިވާއިރު, ގަތަރާއި, ސައުދީ އެރެބިއާ, އަދި ޔޫރަޕްގެ ކްލަބްތަކުންވެސް އޭނާ އަށް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އޭގެ ތެރޭގައި އޭނާ އެންމެ ފަހުން ކުޅުނު ކްލަބް މެންޗެސްޓަރ ސިޓީވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

Advertisement

ބައެއް މަސްދަރުތައް ބުނާގޮތުގައި ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް އަދިވެސް ގުންޑޮގަން އެޓީމުގައި މަޑުކުރަން އެދެއެވެ. ނަމަވެސް ކްލަބްގެ މެނޭޖްމަންޓުން ބޭނުންވަނީ ގުންޑޮގަން އެ ކްލަބް ދޫކޮށް ދާން ބޭނުންވާނަމަ, އެ ފުރުޞަތު އޭނާއަށް ދިނުމަށް ކަމަށް ރިޕޯރޓްތައް ބުނެއެވެ. 

ފާއިތުވި ސީޒަންގައި ހިލޭ ޓްރާންސްފަރ އެއްގެ ދަށުން މެންޗެސްޓަރ ސިޓީން ކެޓަލޯނިއާގެ ކްލަބް ބާސެލޯނާއަށް ބަދަލުވި ގުންޑޮގަން ވަނީ އެޓީމަށް މިހާތަނަށް 51 މެޗް ކުޅެދީފައެއެވެ. އޭނާ ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާކަމަށް ބެލެވޭއިރު ބާސާގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އަދި އެބައޮތެވެ. 

މެންޗެސްޓަރ ސިޓީން އެޓީމުގެ ދެ މިޑްފީލްޑަރުން ދޫކޮށްލާފައިވާ މިދަނޑިވަޅުގައި ޓީމާ އަލަށް ގުޅުނު 21 އަހަރުގެ މިޑްފީލްޑަރ އޮސްކާ ބޮބްއަށް އަނިޔާވެ އޭނާވަނީ ތިން މަހަށް ކުޅުމާދުރަށް ދާންޖެހިފައެވެ. މިއާއެކު ފުރުޞަތުގެ ބޭނުންހިފާ ގުންޑޮގަން އަލުން ސިޓީއަށް ގެނައުމަށް ކޯޗު ޕެޕް ގާޑިއޯލާގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ސިޓީން ފާއިތު ސީޒަނުގައި ގުންޑޮގަން މަޑުކުރުވަން ބޭނުންވި ނަމަވެސް އޭނާ ނިންމީ ބާސެލޯނާއަށް ބަދަލުވާށެވެ. 

ސީޓީއަށް އޭނާ ކުޅުނު 7 އަހަރު ދުވަހުގެ ތެރޭގައި އެޓީމަށް 300 މެޗް ކުޅެދީ ފަސް ފަހަރު  ޕްރިމިއަރ ލީގު ހޯދައިދިނުމުގައި މުޙިއްމު ދައުރެއް އަދާކުރިއެވެ.

2020-21 ގެ ސީޒަނުގައި ސިޓީއަށ 17 ގޯލް ޖަހައިދީ އެސީޒަންގައި ސިޓީއަށް އެންމެ ގިނަ ގޯލްޖަހައިދިން ކުޅުންތެރިޔާގެ ޝަރަފްވެސް އޭނާ ހޯދިއެވެ. 

ފާއިތުވި ސީޒަންގައި ބާސެލޯނާގައިވެސް ގުންޑޮގަން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އޭނާ ބާސާގައި މަޑުކުރުވުމަށް ކްލަބުން އެހާބޮޑަށް ބާރުނާޅާނީ ކުރިއަށް އޮތް ސީޒަނަށް އެޓީމަށް ގެނައި ސްޕެއިންގެ މިޑްފީލްޑަރ ޑެނީ އޮލްމޯގެ ޓްރާންސްފަރ އަށް ފަހު ކްލަބުން ފައިސާ ހަރަދުކުރުމަށް ކަނޑައާޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމަށް ބަލާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow