ލެވަންޑޮސްކީގެ ދެ ގޯލާއެކު ޔަންގު ބޯއީސްގެ މައްޗަށް ބާސެލޯނާއިން ބޮޑު މޮޅެއް
ރޮބަޓް ލެވަންޑޮސްކީ ކާމިޔާބުކޮށްދިން ދެ ގޯލާއިއެކު ޗެމްޕިއަންސް ލީގުގައި ބާސެލޯނާއިން 5-0 ން ޔަންގު ބޯއީސް ބަލިކޮށްފިއެވެ. މެޗުގެ 8 ވަނަ މިނިޓްގައި ބާސެލޯނާގެ ފުރަތަމަ ގޯލް ލެވަންޑޮސްކީ ކާމިޔާބުކޮށްދިނީ ގޯލް އޭރިއާގެ އަރިމަތިން ރަފީނިއާ ނަގައިދިން ހުރަހަކުންނެވެ.
ބާސެލޯނާގެ ދެވަނަ ގޯލް ޕެޑްރީގެ ގައިގައި ޖެހިފައި ދިޔަ ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ ފޯވާޑް ރަފީނިއާއެވެ. އެއީ މެޗުގެ 34 ވަނަ މިނިޓްގައެވެ. އޭގެ ތިން މިނިޓް ފަހުން އިނީގޯ މާޓިނޭޒް ވަނީ ގޯލެއްޖަހާ ލީޑުގެ ފަރަގު ބޮޑުކޮށްފައެވެ.
މެޗު އެއްކޮށް ކަހަލަ ގޮތަކަށް ކޮންޓްރޯލްކޮށްގެން ކުޅުނު ބާސެލޯނާއިން އެމީހުންގެ ހަތަރުވަނަ ގޯލް ކާމިޔާބު ކުރީ ދެވަނަ ހާފު ފެށިގެން ހަވަނަ މިނިޓްގައެވެ. އިނީގޯ މާޓިނޭޒް ބޮލުން ޖައްސާލި ބޯޅަ ގޯލަށް ފޮނުވާލީ ލެވަންޑޮސްކީ އެވެ. ބާސެލޯނާގެ ފަސްވަނަ ގޯލަކީ 81 ވަނަ މިނިޓްގައި ބައިކޮޅަށް ވައިން ގޯލެކެވެ. އެއީ އަލްހެންޑްރޯ ބަލްޑޭގެ ހުރަހެއް މުޙައްމަދު ޢަލީ ކަމާރާގެ ގައިގައި ޖެހިފައި ގޯލަށް ވަނުމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވެ, އިތުރުވަގުތުގެ ފުރަތަމަ މިނިޓްގައި ޔަންގް ބޯއީސްގެ މޮންޓެރިއޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ވަނީ ގޯލް ބަލައިނުގަންނަށް ނިންމާފައެވެ.
36 އަހަރުގެ ލެވަންޑޮސްކީ އަކީ ޗެމްޕިއަންސް ލީގުގެ ތާރީޚްގައި 30 އަހަރު ވުމަށްފަހު 50 ށްވުރެ ގިނަ ގޯލްޖެހި ދެވަނަ ކުޅުންތެރިޔާއެވެ. ފުރަތަމަ ކުޅުންތެރިޔާއަކީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
ރިއެކްޝަންސް