
ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ބަނގްލަދޭޝް އަތުން ހޯދި ޕޮއިންޓުން ޒުވާން ޓީމަށް އުއްމީދު
ބަނގްލަދޭޝްއާ ވާދަކޮށް އެއްވަރުވީ 2-2 ން
19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްހގައި ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން ބަނގްލަދޭޝް އަތުން ހޯދި ޕޮއިންޓުން ރާއްޖޭގެ ޒުވާން ޓީމަށް ބޮޑު އުއްމީދެއް ލިބިއްޖެއެވެ.
އިންޑިޔާގެ ގޯލްޑަން ޖުބިލީ ސްޓޭޑިއަމްގައި މިއަދު ފެށި މުބާރާތުގައި ރާއްޖެއިން ޕޮއިންޓެއް ހޯދީ ބަނގްލަދޭޝް އިން ފުރަތަމަ ހާފްގައި ދެ ލަނޑު ޖަހާފައި ވަނިކޮށް, ދެވަނަ ހާފްގައި ދެ ލަނޑު ޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ބަނގްލަދޭޝްއަށް ޖަހައިދިނީ ނަޒުމުލް ހުދާ ފައިސަލް އާއި އެމްޑީ ރިފްއަތު ޖާޒީ އެވެ. ދެވަނަ ހާފްގައި ނިކުމެ ރާއްޖޭގެ ފުރަތަމަ ލަނޑު ޖެހީ 57 ވަނަ މިނިޓްގައި އަނޫފް އަބްދުالله އެވެ, ނަތީޖާ ހަމަހަމަ ކޮށްދިނީ 73 ވަނަ މިނިތްގައި އީތަން އިބްރާހީމް ޒަކީއެވެ.
ރާއްޖެއާއެކު ގްރޫޕް އޭގައި ދެން ހިމެނެނީ ބޫޓާން އެވެ. ގްރޫޕް ބީގައި ހިމެނެނީ އިންޑިޔާއާއި ނޭޕާލާއި ސްރީލަންކާއެވެ.
މިއަދުގެ ޕޮއިންޓް ރާއްޖެއަށް ޚާއްޞަވަނީ ފްލައިޓް ޝިޑިއުލަށް ފަހުވަގުތު ދިމާވި މައްސަލައަކާ ގުޅިގެން ޕްރެކްޓިހެއް ކުރެވޭނެ ވަގުތު އޮއްވާ ޓީމަށް އިންޑިޔާއަށް ނުދެވުމުންނެވެ. ރާއްޖޭގެ ޓީމަށް މުބާރާތް ކުޅޭ ތަނަށް ދެވުނީ މެޗު ފަށަން 24 ގަޑިއިރަށް ވެފައި ވަނިކޮށެވެ.
މުބާރާތް އޮންނާނީ މިމަހު 18 ގެ ނިޔަލަށް އަރުނާލް ޕްރަދޭޝްގައެވެ.
ރިއެކްޝަންސް






