
ހަމަލާތަކާ ގުޅިގެން އިންޑިއާއިން އައިޕީއެލް ހަފުތާއަކަށް މެދުކަނޑާލާ, ޕާކިސްތާން ސުޕަރލީގު ދުބާއީއަށް
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ އަސްކަރީ ނުތަނަވަސްކަމާއެކު އިންޑިއާގެ އެންމެބޮޑު ކުޅިވަރު މުބާރާތް, އިންޑިއަން ޕްރިމިއަރ ލީގު (އައިޕީއެލް) ހަފުތާއަކަށް މެދުކަނޑާލައިފިއެވެ. ޕާކިސްތާނުންވެސް ވަނީ އެމީހުންގެ ސްޕަރލީގު (ޓީ-20) ގެ ބާކީ މެޗުތަކުގެ ކުޅުން ދުބާއީ އަށް ބަދަލުކޮށްފައެވެ.
އައިޕީއެލް އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން މޮޅު ކުޅުންތެރިން ބައިވެރިވާ އިންޑިއާގެ އެތެރޭގެ އެންމެ ބޮޑު މުބާރާތެވެ. އިންޑިއާގެ ކްރިކެޓް ބޯޑުން ހުކުރުދުވަހު ވަނީ މިވަގުތުން ފެށިގެން އައިޕީއެލް ހަފުތާއަކަށް ފަސްކުރިކަން އިއުލާންކޮށްފައެވެ.
"ހާލަތާގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއިއެކު މަޝްވަރާކުރުމަށްފަހު މުބާރާތް ބާއްވާނެތަނަކާއި, އާ ތާވަލް ވަރަށް އަވަހަށް އިއުލާން ކުރެވޭނެ" ކްރިކެޓް ބޯޑުގެ ބަޔާނުގައި ބުނެފައި ވެއެވެ.
ދެ ގައުމުންވެސް މި ނިންމުންތައް ނިންމާފައިވަނީ ރޭވެސް ކަޝްމީރުގައި ދެގައުމުގެ އަސްކަރިއްޔާއިން ވައިގެ ހަމަލާތައް ބަދަލުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އައިޕީއެލް އަކި މުޅި ދުނިޔެއަށްވެސް މަޝްހޫރު އިންޑިއާގެ ކްރިކެޓްގެ އީދެކެވެ. އާންމުކޮށް މާޗް މަހުން މެއި މަހަށް ކުރިއަށްދާ މި މުބާރާތުގައި މިފަހަރު ދުނިޔޭގެ 65 ގައުމަކުން ކުޅުންތެރިން ވާދަކުރެއެވެ. އޭގެ ތެރޭގައި އޮސްޓްރޭލިއާ, ނިއުޒީލެންޑް, ސައުތްއެފްރިކާ, ސްރީ ލަންކާ, ވެސްޓް އިންޑީސް, އިނގިރޭސި ވިލާތް އަދި އަފްޣާނިސްތާންވެސް ހިމެނެއެވެ.
10 ޓީމް ބައިވެރިވާ މި މުބާރާާތުގައު ގްރޫޕް ސްޓޭޖް ފަހަނައަޅާ ދިއުމަށްވެސް ބާކީ އަދި 12 މެޗު ނުކުޅެ އެބައޮތެވެ. ފައިނަލް މެޗު ކުޅެން ކުރިން ހަމަޖެހިފައިއޮތީ މެއި 25 ވަނަ ދުވަހު ކަލްކަތާގައެވެ.
ޕާކިސްތާނުން ކުރިންވަނީ ހަމަލާތާކާއެކު ޓީ-20 ކްރިކެޓް މުބާރާތް ޔުނައިޓަޑް އެރެބް އެމިރޭޓްސް އަށް ބަދަލުކުރިކަމަށް ބުނެފައެވެ. ނަމަވެސް ހުކުރު ދުވަހު އެ ޤައުމުގެ ކްރިކެޓް ބޯޑުން ނެރުނު ބަޔާނުގައި ވަނީ ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސުޕަރލީގު ދުބާއީއަށް ބަދަުކޮށްފައިވާކަނަށް ކަށަވަރުކޮށްދީފައެވެ.
ބުރާސްފަތި ދުވަހު ޕާކިސްތާނުގެ އޮފިޝަލުންވަނީ އިންޑިއާގެ ޑްރޯންއެއް ޕާކިސްތާންގެ ރާވަލްޕިންޑީގެ ކްރިކެޓް ސްޓޭޑިއަމްއަށް ވެއްޓިފައިވާކަން ކަށަވަރުކޮށްދީފައެވެ. އެއީ ބައިނަލްއަގުވާމީ ގިނަ ކުޅުންތެރިންވެސް ކުޅެމުންދާ ސްޕަރ ލީގުގެ ކުޅުންތެރިން މުބާރާތުގެ މެޗެއް ކުޅެން މަދު ގަޑިއިރުކޮޅަކަށް ވެފައި ވަނިކޮށެވެ.
ރިއެކްޝަންސް






