މެންޗެސްޓަރ ޔުނައިޓަޑް އަކީ އަހަރެންގެ ކްލަބެއްނަމަ މައްސަލަ ޙައްލު ކުރާނަން: ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓަޑްގެ އޯނަރަކީ އޭނާ ނަމަ ކްލަބްގައި ހުރި މައްސަލަތައް ޙައްލުކުރެވިދާނެކަމަށް ޤަބޫލުކުރާކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ. ރޮނާލްޑޯ ބުނެފައިވަނި ޔުނައިޓަޑަށް ދިމާވެގެން އުޅޭ މައްސަލަ އާ ކޯޗު ރުބެން އަމޮރިމް އާއެކު ނިމެން ނެތް ކަމަށެވެ.
އަމޮރިމް ޔުނައިޓަޑާ ހަވާލުވިފަހުން ކުޅުނު 10 މެޗުގެ ތެރެއިން 5 މެޗުން ވަނީ ބަލިވެފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުވެސް ހިމެނެއެވެ.
ދެ ފަހަރެއްގެ މަތިން ޔުނައިޓަޑަށް ކުޅެ 145 ގޯލް ކާމިޔާބުކޮށްދީފައިވާ ރޮނާލްޑޯ މިފަހުން އަންނަނީ މެންޗެސްޓަރ ޔުނައިޓަޑްގެ އޯނަޝިޕްގެ ނިންމުންތަކާ މެދު ފާޑުކިޔަމުންނެވެ. ރޮނާލްޑޯ ބުނެފައިވަނީ އެކަމުގައި އޭނާގެ ޤައުމުގެ މީހާއަށް އިނގިލި ދިއްކުރެވެން ނެތް ކަމުގައެވެ. ރުބެން އަމޮރިމް އަކީ ޕޯޗްގަލް މީހެކެވެ.
"ޕްރިމިއަރ ލީގަކީ މުޅި ދުނިޔޭގައިވެސް އެންމެ އުނދަގޫ ލީގު. ހުރިހާ ޓީމެއްވެސް ރަނގަޅު. ހުރިހާ ޓީމެއްވެސް ރަނގަޅަށް ކުޅޭ. ކުޅުންތެރިންވެސް ވަރުގަދަ. އެކަމަކު ފުޓްބޯޅަ މިއަދު ބަދަލުވެއްޖެ. ފަސޭހަ ކަމެއްނޫން އެއީ. އަހަރެން މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ބުނިން. އަދިވެސް ބުނަމުން ގެންދާނަން. ކޯޗުގެ މައްސަލއެއްނޫން މިއުޅެނީ" ސައުދީ ލީގުގެ އަލް ނަޞްރު އަށް ކުޅެމުން އަންނަ ރޮނާލްޑޯ އެކުވެރި އަރަބި އިމާރާތުގެ ދުބާއީގައި އޮތް ގްލޯބަލް ސޮކާ އެވޯޑްސް ހަފްލާގައި ވާހަކަދައްކަމުން ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބުނީ މިއީ އެކުއޭރިއަމް އެއް ކަހަލަ ކަމެއް ކަމަށާއި, ބަލިވެފައި އިންނަ މަހެއް ޓޭންކުން ނަގާ އޭގެ މައްސަލަ ޙައްލުކޮށް އަލުން އެކުއޭރިއަމްއަށް ލައިފިނަމަ އެމަސް އަނެއްކާވެސް ބަލިވާނެ ކަމުގައެވެ. މެންޗެސްޓަރ ޔުނައިޓަޑް އަށް ވެސް ދިމާވެގެން އުޅޭނީ ހަމަ އެ މައްސަލަ ކަމަށާއި, އަބަދު އެއީ ކޯޗުގެ މައްސަލަ ނޫންކަމަށެވެ. އަދި އެއީ ކޯޗަށްވުރެ ބޮޑު މައްސަލައެއް ކަމުގައެވެ.
"އަހަރެން މީ މެންޗެސްޓަރ ޔުނައިޓަޑްގެ އޯނަރުނަމަ އަހަރެން ކްލަބްގައި އުޅޭ މައްސަލަ ސާފުކޮށް އެކަން ޙައްލު ކުރާނަން. އަހަންނަކީ ކޯޗެއްނޫން. އަހަރެން ކޯޗަކަށް ނުވެސްވާނަން. އަދި ކްލަބެއްގެ ރައީސަކަށް ވެސް ނުވާނަން. އެކަމަކު ފަހަރުގާ ކްލަބެއްގެ އޯނަރަކަށް ވެދާނަން. އެކަން ބިނާވާނީ އެ ވަގުތަކަށް. ރަނގަޅު ފުރުޞަތަކަށް" ބޮޑު ކްލަބެއްގެ މިލްކުވެރިކަމަށް ޝައުޤުވެރިވާ ބީދައަކުން ރޮނާލްޑޯ ބުނެފައިވެއެވެ.
އެއްވެސް ކްލަބެއް ބޮލުގައި އެބައިންތޯ ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެމުން ރޮނާލްޑޯ ބުނީ އަދި ނެތް ކަމަށާއި, އެކަމަކު ހަމަ ޔަޤީނުންވެސް ބޮޑު ކްލަބެއްގެ އޯނަރަކަށް އޭނާ ވާނެ ކަމުގައެވެ. "އަހަރެން މިބުނި ވާހަކަ ހަނދާން ބަހައްޓާތި" ނިންމާލަމުން އޭނާ ބުންޏެވެ.
2022 ވަނަ އަހަރު ދެވަނަ ފަހަރަށް ރޮނާލްޑޯ ޔުނައިޓަޑް ދޫކޮށްލިއިރުވެސް ކްލަބު ހިންގާ ގްލޭޒާ އާއިލާއަށް އޭނާ ބޮޑެތި ތުހުމަތު ތަކެއް ކޮށްފައިވެއެވެ. ކްލަބާމެދު އޯނަރުގެ މާބޮޑު އަޅާލުމެއްނެތްކަމުގައި ޓީވީ އިންޓަވިއުއެއްގައިވެސް ރޮނާލްޑޯ ބުނެފައި ވެއެވެ.
ރިއެކްޝަންސް