ފަހަތުން އަރާ ބާސެލޯނާ ބަލިކޮށް, ލަލީގާގެ އާ ލީޑަރަކަށް އެތްލެޓިކޯ މެޑްރިޑް
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު ކުޅުނު މެޗުން 2-1 ން ބާސެލޯނާ ބަލިކޮށް, ތާވަލްގެ އެއްވަނަ މަގާމަށް އެތްލެޓިކޯ މެޑްރިޑް ޖެހިލައިފިއެވެ. އެތްލެޓިކޯއިން މެޗު ކާމިޔާބުކުރީ ބާސެލޯނާއިން ގޯލެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރައެވެ.
ބާސެލޯނާއިން ލީޑުނެގީ 30 ވަނަ މިނިޓްގައި ޕެޑްރީއެވެ. ޕެޑްރީއަށް ލީޑު ނަގައިދިނުމުގައި އޭނާއަށް އެހީތެރިވީ މެދުތެރެއަށްކުޅޭ ގަވީއެވެ. ބާސެލޯނާއިން މެޗުގެ ކުރީކޮޅު މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔަ ނަމަވެސް ދެވަނަ ހާފުގައި އެތެލެޓިކޯއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ.
ބާސެލޯނާގެ މެދުތެރެއަށް ކުޅެމުންއަންނަ މާކް ކަސާޑޯއަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގާ އެތްލެޓިކޯއިން ނަތީޖާ އެއްވަރުކުރީ މެޗުގެ 60 ވަނަމެޗުގައެވެ. އެތްލެޓިކޯގެ ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ރޮޑްރީގޯ ޑި ޕޯލްއެވެ.
އެތްލެޓިކޯގެ ގޯލާއެކު ބާސެލޯނާއަށް މެޗުގެ ފޯކަސް ގެއްލި ގާތްގާތުގައި ހެދެމުންދިޔަ މިސްޓޭކްތަކުގެ ފައިދާ ނެގޭތޯ އެތްލެޓިކޯއިން ކެނޑިނޭޅި މަސައްކަތް ކުރަމުންދިޔައެވެ. އެތްލެޓިކޯ އިން ބާސެލޯނާގެ މައްޗަށް ކުރިހޯދި ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނިޓްގައި ނަހޭލް މޮލީނާ ނަގައިދިން ހުރަހެއްގައި އެލެގްޒެންޑަރ ސޯލޮތް އެވެ.
މި ނަތީޖާއާއެކު މިސީޒަންގައި އެތްލެޓްކޯއިން ވަނީ އެންމެ ފަހުން ކުޅުނު 12 މެޗުން މޮޅުވެފައެވެ. 2024 އެތްލެޓިކޯއިން ނިންމާލާނީ ސްޕެއިންގެ އެންމެ މޮޅު ކްލަބްގެ ގޮތުގައެވެ. ބާސެލޯނާއަށްވުރެ ތިން ޕޮއިންޓް އިތުރަށް ހޯދާ 41 ޕޮއިންޓާއެކު ތާވަލްގެ ކުރިއަށް އެތްލެޓިކޯ ވަނީ ޖެހިލާފައެވަ. އާދިއްތަދުވަހު ރެއާލް މެޑްރިޑް އާއި ސެވިއްޔާ ކުޅޭ މެޗުގައި ރެއާލުން ސެވިއްޔާގެ މައްޗަށް ކުރި ހޯދައިފިނަމަ ހެންސީ ފްލިކްގެ ބާސެލޯނާ ތާވަލްގެ ދެވަނައަށް ވެއްޓޭނެއެވެ.
ރިއެކްޝަންސް