ފުރަތަމަ ހާފުގައި ލެވަންޑޮސްކީގެ ހެޓްރިކުން ބާސެލޯނާ މޮޅު
ފުރަތަމަ ހާފުގައި ލެވަންޑޮސްކީ ހެދި ހެޓްރިކުން އަލްވޭސް ބަލިކޮށް, ލަލީގާ ތާވަލްގެ އެއްވަނައިގައި ބާސާއިން ލީޑެއް ނަގައިފި އެވެ. އަލްވެސްގެ މައްޗަށް ބާސާއިން ކުރި ހޯދީ 3-0 ނެވެ.
މިމެޗުގައި ކާމިޔާބުކުރި ހެޓްރިކާއެކު ލަނޑު ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް 36 އަހަރުގެ ޕޮލަންޑްގެ ފޯވާޑެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މިމެޗު ފެށިތަނާހެން 7 ވަނަ މިނިޓްގައި ލެވަންޑޮސްކީ ވަނީ ފުތަމަ ގޯލް ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑު ޖެހީ ބްރެޒިލްގެ ފޯވާޑް ރަފީނިއާ ނަގައިދިން ހިލޭ ޖެހުމަކުން ނެވެ. ބާސާގެ ދެވަނަ ގޯލް ޖެހުމުގައިވެސް އެހީތެރިވީ ރަފީނިއާއެވެ. ބާސެލޯނާގެ ދެވަނަ ގޯލް ކައުންޓަރ އެޓޭކެއްގައި ލެވަންޑޮސްކީ ކާމިޔާބުކުރީ މެޗުގެ 22 ވަނަ މިނިޓްގައެވެ.
އެރިކް ގާސިއާ ތަނަވަސްކޮށްދިން ފުރުޞަތުގައި ތިންވަނަ ގޯލް ކާމިޔާބުކޮށް ލެވަންޑޮސްކީ ހެޓްރިކް ހެދީ މެޗުގެ 32 ވަނަ މިނިޓްގައެވެ. މިއީ ލަލީގާގެ މިސީޒަނުގައި ނުވަ މެޗުން އޭނާ ކާމިޔާބުކުރި 10ވަނަ ގޯލެވެ. މެޗުގައި ބާސެލޯނާއިން ގިނަ ހަމަލާތަކެއް އުފައްދާ އިތުރު ގޯލްތަކެއް ކާބުޔާބުކުރަން މަސައްކަތްކުރިނަމަވެސް އަލްވެސްގެ ކީޕަރު އެންޓޯނިއޯ ސިވޭރާ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
މި މޮޅާއެކު 24 ޕޮއިންޓާއެކު ބާސެލޯނާއިން ވަނީ ތާވަލްގެ އެންމެ ކުރީގައި ހަމަޖެހިލާފައެވެ. ވާދަވެރި ރެއާލް މެޑްރިޑް ތިން ޕޮއިންޓް މަދުކޮށް 2 ވަނައިގައި އޮތް އިރު އަލްވެސް އޮތީ 10 ޕޮއިންޓާއެކު 12 ވަނައިގައެވެ.
ރިއެކްޝަންސް