ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
މި އޮކްޓޫބަރު މަހުގެ 20 އިން 22 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ، އެ ގައުމުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. ރައީސްގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ހިމެނޭ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މިއީ ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުނު ތާރީޚީ މުނާސަބަތާ ވެސް ގުޅިފައިވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިވެ، މުހިންމު ދާއިރާތަކުން ގުޅުން ހަރުދަނާކުރުމަށް ފަހި ފުރުސަތުތަކެއް ވަނީ ތަނަވަސްވެފައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއާ ބައްދަލުކުރައްވާފައެވެ. އަދި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފާއެކު ރަސްމީ މަޝްވަރާތައް ބާއްވަވައި، އެ ގައުމުގެ އިސް އޮފިޝަލުންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގެ ތެރެއިން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ 20 ފަހުމުނާމާއަކާއި އެއްބަސްވުންތައް ދެ ގައުމުގެ ދެމެދުގައި ވަނީ ބަދަލުކުރެވިފައެވެ. މީގެ އިތުރުން ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
އިސްލާމްއާބާދުގައި ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް 2026" ގައި ވާހަކަފުޅުދައްކަވަމުން ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ގޮވާލައްވާފައެވެ. އެގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާ، އިމާރާތްކުރުމާއި އިންޖިނިއަރިން، އިއާދަކުރަނިވި ހަކަތަ އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންވެސްޓްކުރުމަށް އެމަނިކުފާނު ދައުވަތު އެރުވިއެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދަތުރުފަތުރުގެ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ވަރަށް އަވަހަށް ފެށުމަށް އަމާޒުހިފާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިއުލާންކުރައްވާފައެވެ.
މީގެ އިތުރުން، ދިވެހި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ގައުމީ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، 100,000 ޒައިތޫނި ގަހުގެ ކުރި އަދި އެކި ބާވަތްބާވަތުގެ 100,000 މުޑުވައް ރާއްޖެއަށް ހަދިޔާކުރުމަށް ޕާކިސްތާނު ސަރުކާރުން ނިންމާފައިވާކަމަށް ވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ރިއެކްޝަންސް





