ރައީސުލްޖުމްހޫރިއްޔާ އދގެ ސެކްރެޓަރީ ޖެނެރަލްއާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން ކުރިއަށްގެންދެވީ އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި، ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި ސިޑްސް ޤައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ އިން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައި، ބައިނަލްއަޤްވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ
މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމާއި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ދެފަރާތުންވެސް އިތުރު އެއްބާރުލުން ދިނުމުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރިއެކްޝަންސް