
އިންޑިއާ ކަނޑުގެ ވަރުގަދަ އޮއިވަރަށްވެސް ދެން މި ގުޅުން ކަނޑާނުލެވޭނެ: ރައީސް މުއިއްޒު
އިންޑިއާ ކަނޑުގެ ތެރެއިން އަހަރެމެންގެ ގުޅުމާބެހޭ އެތައްވާހަކަތަކެއް ޒަމާންތަކެއްވަންދެން ކިޔައިދީފި ކަމަށާއި, އަހަރެމެން އެކަތިގަނޑަކަށް ހަދައިދިން އެ ކަނޑުގެ އެ ވަރުގަދަ އޮއިވަރަށްވެސް ދެން މި ގުޅުން ކަނޑާނުލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި މޯދީގެ ޝަރަފްގައި މިރޭ ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަދައްކަވުމުންނެވެ.
"ވިޔަފާރިވެރިންގެ ގޮތުގައި, ސައްޔާހުންގެ ގޮތުގައި އަދި އަވައްޓެރިންގެ ގޮތުގައި އަހަރެމެން ތަފާތު އެކި ތަކެއްޗާއި, އެތައް ވާހަކައެއް, އަދި ހިޔާލުތަކެއް މި ކަނޑުގެ ތެރެއިން ޒަމާންތަކެއް ވަންދެން ބަދަލުކުރި. އެއީ މިއަދު އަހަރެމެން އެންމެން ބަދަހި ކޮށްދިން ކަނޑު. އެ ކަނޑާ ގުޅިލާމެހިފައިވާ ކަންކަން އެކަނޑުގެ އޮއިވަރަށްވެސް މިއަދު ކަނޑާނުލެވޭނެ" މޯދީގެ ކުރިފުޅުމަތީ ރައީސް މުއިއްޒު އިންޑިއާ އާއި ދިވެހިރާއްޖެ އާ ދެމެދު އުފެދިފައިވާ ވަރުގަދަ ގުޅުމާ ބެހޭގޮތުން ވިިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއާއަކީ ރާއްޖެ އާ އަބަދުވެސް އެންމެ އެކުވެރި, އަދި އެންމެ އިތުބާރުހިފޭ ބައިވެރިޔާކަން ވެސް ފާހަގަކުރައްވާފައެވެ. ވިޔަފާރިއާއި ސަލާމަތީ ކަންކަން, ސިއްހީ ދާއިިރާއާއި ތައުލީމު ހިމެނޭހެން ގިިނަ ދާއިރާތަކަކުން އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދޭކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އިންޑިއާ އަކީ އަހަރެމެންގެ ހަމަ ކޮންމެ ދުވަހެއްގެވެސް ދިރިއުޅުމާ ގުޅިލާމެހިފައިވާ ތަނެއްކަމަށެވެ.
"އެތައް ސަތޭކަ ދިވެހިން ކޮންމެ ދުވަހަކުވެސް ބޭހާއި, ތައުލީމު އަދި ވިޔަފާރީގެ ކަންކަމުގައި އިންޑިއާއަށް ދަތުރުކުރޭ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ތަރައްޤީގެ އެކި ކަންކަމުގައި އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އެހީތެރިކަން އަގުނުކުރެވޭނެ ކަމަށާއި, މި ފުރުޞަތުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު އުފެދިިފައިވާ މި ހަރުދަނާ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖެއިން ކުރަންޖެހޭ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސްވަނީ އިންޑިއާގެ ބޮޑުވަޒީރަށް އަރުވާފައެވެ.
އަދި އިންޑިއާ ސަރުކާރުން ދިވެހިންނަށް އަބަދުވެސް ދެއްވާ އެހީތެރިކަމާއި, ކޮންމެ ވަގުތަކުވެސް ރާއްޖެއަށް އެހީތެރިކަމުގެ އަތް ދިއްކޮށްލާ ދިއްކޮށްލުމަކީ ދިވެހިން އިންތިހާއަށް ޝުކުރުވެރިކަމާއެކު ފާހަގަކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެރިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނު ތާ 60 އަހަރު ފުރުމާ ގުޅިގެން އެއީ ދެގައުމުގެ ގުޅުމުގެ ވަރަގަދަ ކަން އަންގައިދޭ ކަމެއްކަމށްވެސް ވަނީ ވިދާޅުވެފައެވެ. އަދި މޯދީއާއެކު އިންޑިއާއަށް އިތުރު ފާގަތި ކަމަށް އެދެމުން އިންޑިއާގެ ބޮޑުވަޒީރުކަމުގައި ދެވަނަ އަށް އެންމެ ގިނަދުވަހު ހުންނެވި ބޭފުޅާ އަށްވީތީ އެކަމަށް މަރުހަބާވެސް ވަނީ ދަންނަވާފައެވެ.
ރިއެކްޝަންސް






