'ފެންބާޖު' ވޯޓަރ ބަންކަރިންގެ ޚިދުމަތަށް ނެރެފި
'ފެންބާޖު' ވޯޓަރ ބަންކަރިންގެ ޚިދުމަތަށް ނެރެފި އެވެ. މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ވޯޓަރ ބަންކަރިންގ ޚިދުމަތަށް އެމް.ޕީ.އެލްއިން ހެދި ފެން ބާޖް ބުދަ ދުވަހު ތިލަފުށި ޑޮކްޔާޑުން ބާލާފައިވާ ކަމަށެވެ.
މިއީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހއ.އަތޮޅުގައި ފެށި އިންޓަރނޭޝަނަލް އޯފުޝޯ ބަންކަރިންގ ގެ ޚިދުމަތުގައި ބޭނުންކުރަން އެމްޕީއެލްއިން ތައްޔާރުކުރި ފެންބާޖެކެވެ.
ޖުމްލަ 200 ޓަނުގެ ފެން ރައްކާކުރެވޭ މި ފެން ބާޖް ބޭނުންކުރާނީ އުތުރުގައި ވޯޓަރ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. އެޚިދުމަތުގައި ފުރަތަމަ ބޭން ކޮށްފައި ވަނީ، ކޮޅުވެއްޓި އެއްގައި ކަޅު ހަން ބަހައްޓައިގެންނެވެ. ބަންކަރިންގެ ޚިދުމަތް ފަށާ ދެމަސް ދުވަހުގެ ތެރޭގައި ވޯޓަރ ބަންކަރިންގ އަށް ތައްޔާރު ކުރި “ފެން ބާޖު” ޚިދުމަތަށް ނެރެވުމަކީ އުތުރުގައި އެމްޕީއެލްއިން ފޯރުކޮށްދޭ މެރިޓައިމް ޚިދުމަތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް އެކުންފުނިން ބުންޏެވެ.
ޚިދުމަތަށް ނެރުނު ފެންބާޖުގައި 200 ޓަނުގެ ފެން ރައްކާ ކުރެވެއެވެ. މީގެ ފަހުން ވޯޓަރ ބަންކަރިންގ އަށް ބޭނުންން ކުރާނީ އެމްޕީއެލްއިން ތިލަފުށީގައި ބަނދެ ޚިދުމަތަށް ނެރުނު ބާޖު ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
" މިބާޖުގެ ޚިދުމަތް ފުރިހަމަ ކުރުމަށްޓަކައި ލަސްތަކެއް ނުވެ، ބާޖުގައި ފެން ޕުލާންޓެއް ބަހައްޓައި، ބާޖުގައި ފެން އުފައްދައި ބޭނުންން ކުރަން ފެށޭނެއެވެ." ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރެއްވުމުގެ ގޮތުން، އިގުތިސާދީ އައު ސިނާޢަތްތައް އުފެއްދެވުމުގެ މަސައްކަތްތައް ފެށްޓެވީ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުކަން ފާހަގަކުރައްވާ ވަޖީހު ވިދާޅުވީ ރައީސްގެ ވެރިކަމަށް އެއް އަހަރު ނުފުރެނީސް އިގުތިސާދަށް ދިރުން ގެނެސްދޭނޭ މުހިންމު މަސައްކަތްތަކެއް ފެށްޓެވި ކަމަށެވެ. އޭގެ ތެރެއިން މުހިއްމު އެއްކަމަކީ އިންޓަރނޭޝަނަލް އޯފުޝޯ ބަންކަރިންގ ގެ ޚިދުމަތް ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް