
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ ތިމާވެއްޓާ ރަށްޓެހި އީވީ ވެހިކަލް- މިނިސްޓަރ އަމީން
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާނީ ތިމާވެއްޓާ ރަށްޓެހި އީވީ ވެހިކަލް ކަމަށް ޓްރާންސްޕޯރޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. "މާލޭ ޓެކްސީ ލައިން" ގެ ނަމުގައި އީ.ވީ ޓެކްސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރެއްވި ފަހުން ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ ވިދާޅުވީ ޚިދުމަތް ދޭނީ ޓެކްނޮލޮޖީގެ އެހީއާއެކު ކަމަށެވެ.
މިނިސްޓަރ އަމީން ވިދާޅުވީ މިއަދު ސޮއި ކުރެވުނު އެއްބަސްވުމުގެ ދަށުން އެމްޓީސީސީއިން ތަޢާރަފްކުރާ ޓެކްސީލައިނަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީއާއެކު މާލެ ޞަރަޙައްދުގެ ޓެކްސީ ޚިދުމަތަށް ވަރަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެންނާނެ ޚިދުމަތެއް ކަމަށެވެ.
" ރައްޔިތުންނަށް ލުއި ފަސޭހަ ކަމާއި، ރައްކާތެރި ކަމާއެކީ ދަތުރުފަތުރު ކުރުމުގެ ފުރުޞަތު ލިބިދޭނެ ޚިދުމަތެއް!. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ ރައްޔިތުންގެ ހެވާއިލާބައަށްޓަކައި ކުރަންޖެހޭ މިފަދަ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އެންމެ ލުއިފަސޭހަގޮތް ހޯއްދަވައި ދެއްވުން ކަމަށް ވުމާއެކު، ވަރަށް އިޚްލާސްތެރިކަމާއެކު ރައީސް މުއިއްޒު އަށް ޝުކުރު ދަންނަވަން" މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް ސަރުކާރުގެ މިޚުދުމަތަށް އިދިކޮޅު އެމްޑީޕީން ވަނީ ފާޑުކިޔާފައެވެ. އެމްޑީޕީގެ ޗެއަރޕަސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ ޓެކްސީ ޑްރައިވަރުންނަށް ދިން ޔަގީންކަމާ ހިލާފުވެ ސަރުކާރުން ޓެކްސީ ވިޔަފާރީގެ ތެރެއަށް ވަނުމަކީ އާމްދަނީ ހޯދުމަށް އެ މަސައްކަތް ކުރަމުންދިޔަ އެތައް ބަޔަކަށް ލިބިގެންދިޔަ ބޮޑު ގެއްލުމެއް ކަމަށެވެ.
އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
ސަރުކާރުން ޓެކްސީ ލައިނެއްގެ ޚިދުމަތް ފަށަނީ މާލެއިން ޓެކްސީ ލިބުމުގައި ވަރަށްގިނަ ގޮންޖެހުންތައް ކުރިމަތިވާކަމުގެ ޝަކުވާތަކާއެކު އެކަން ހައްލުކުރުމަށެވެ.
ރިއެކްޝަންސް






