
"ވާނުވާ ބަންދު" މައްސަލަ ޙައްލުކުރުމަށް ކަމާއި ގުޅުންހުރި އިސްވެރިންނާއި ރައީސް މަޝްވަރާކުރައްވައިފި
"ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޝްވަރާކުރައްވައިފިއެވެ.
ރައީސް އޮފީހުގައި ކުރިއަށް ގެންދެވި ބައްދަލުވުމުގައި "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކަށް ފުރުޞަތު ދިނުމުގައި އިލެކްޓްރޯނިކް މޮނިޓަރިންގ ނިޒާމެއް ތަންފީޒުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
މީގެ އިތުރުން "ވާނުވާ ބަންދު" ގައި ތިބި ފަރާތްތަކާ ގުޅޭގޮތުން ވަކާލާތުކުރައްވާ ބޭފުޅުންނާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި އެފަރާތްތަކުން ހުށަހެޅުއްވި ކަންތައްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި މަޝްވަރާތަކުގެ މަޤްޞަދަކީ "ވާނުވާ ބަންދު" ގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މަގުފަހިކުރުވުން ކަމަށެވެ.
މި ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން، އެޓަރނީ ޖެނެރަލް އަޙްމަދު އުޝާމް އަދި ޕްރޮސިކިއުޓަރ ޖެނެރަލް ޢައްބާސް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ.
ރިއެކްޝަންސް






