
ކުންފުނިތަކުގެ ޙަރަދުކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ޕީސީބީން އަންގައިފި
ސަރުކާރު ހިއްސާވާ ކުންފުނި ތަކާއި ސަބްސިޑަރީ ކުންފުނިތަކުގެ ޚަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އެޅުމަށް ޕްރައިވެޓައިޒޭޝަން އެން ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ) ން ކުންފުނިތަކަށް އަންގައިފިއެވެ.
ޕީސީބީގެ ސާކިއުލާގައި ބުނެފައިވަނީ މިއީ ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި މާލީ ހާލަތުން އަރައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދައުލަތުގެ ޚަރަދުތައް ހަމަހަމަގަށް އެޅުވުމުގެ ގޮތުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އެއްބާރުކުން ދިނުމުގެ ގޮތުން ކުންފުނިތަކަށް އަންގާ އެންގުމެއް ކަމުގައެވެ.
ޕީސީބީން ކުންފުނިތަކަށް މިއަދު ފޮނުވި ސާކިއުލަރ ގައި މައިގަނޑުގޮތެއްގައި ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައިވަނީ ދަތުރުފަތުރުގެ ހަރަދާއި މުވައްޒަފުންގެ މުސާރައާ ގުޅޭ ކަންކަމުގައެވެ.
އެގޮތުން ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ނޫން އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމަށް އަންގާފައި ވެއެވެ. ރަސްމީ ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދިއުން ވީހާވެސް މަދުކޮށް މުހިއްމު ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށްވެސް ސާކިއުލަރ ގައި ވަނީ ބާރުއަޅާފައެވެ. އަދި ބޭރު ޤައުމަކަށް ކޮންމެހެން ދަތުރުކުރަންޖެހޭ ހާލަތުގައިވެސް އިކޮނޮމީ ކްލާހުގައި ނޫން ގޮތަކަށް ދަތުރު ނުކުރަން ވަނީ އަންގާފައެވެ.
މީގެ އިތުރުން ކުންފުނި ތަކުގެ ސީދާ މަސައްކަތާ މާބޮޑު ގުޅުންނެތް ފެއަރ ތަކާއި މަހާސިންތާތަކުގައި ބައިވެރި ނުވުމަށާއި, ބޭރުގެ ފަރާތްތަކުން ޚަރަދުތައް ހަމަޖައްސާލާ އެކަންކަމުގައިވެސް ކުންފުނިތަކުން އެކަމަށް ކުރަންޖެހޭ ޚަރަދު ވީހާވެސް ކުޑަކުރަން ވަނީ އަންގާފައެވެ.
އަތޮޅުތެރެއަށް ކުރާ ދަތުރުތަކުގައިވެސް ފެރީގެ ޚިދުމަތް ލިބޭ ސަރަޙައްދުތަކުގައި ފެރީ މެދުވެރިކޮށް ދަރުރުކުރުމަށް ސާކިއުލަރ ގައި އަންގާފައި ވެއެވެ.
މުވައްޒަފުންގެ ހަރަދު ކުޑަކުރުމުގެ ގޮތުން މިވަގުތަށް ކޮންމެހެން ނަގަންޖެހޭ މުވައްޒަފުން ފިޔަވައި އިތުރު މީހުން ނުނެގުމާއި, މުސާރަ އާއި އިނާޔަތް ތަކަށް ބަދަލުނުގެނައުން ހިމެނެއެވެ. އަދި އިތުރު ގަޑި ލިމިޓް ކުރުމަށާއި, މަސައްކަތް އައުޓްސޯސްކޮށް ނުކޮށް ވާން ނެތް ހާލަތެއްގައި މެނުވީ އެގޮތަށް އަމަލުނުކުރުމަށް އަންގާފައި ވެއެވެ. މުވައްޒަފުންނަށް ޑޮލަރުން މުސާރަދިނުން ހުއްޓާލުމަށް ވެސް ޕީސީބީގެ ސާކިއުލަރ އިން ކުންފުނިތަކަށް އަންގާފައި ވެއެވެ.
މީގެ އިތުރުން އިވެންޓްތަކަށް ކުރާ ހޭދަ ކުޑަކުރުމަށާއި ސްޕޮންސަރ ދިނުމުގައިވެސް އުސޫލާއެއްގޮތަށް އަމަލުކުރަން ޕީސީބީގެ ސާކިއުލަރ ގައި ވަނީ އަންގާފައެވެ. ކަރަންޓް ހަރަދުކުޑަކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވޭ ހާލަތުގައި ހުރި ތަންތަން އެގޮތަށް ބަދަލުކުރުމަށާއި, ކަރުދާސް މަދުކޮށް މުއާމަލާތްތައް ޑިޖިޓަލް ކުރުމަށްވެސް ވަނީ އަންގާފައެވެ.
ރިއެކްޝަންސް






