މީޑިއާ ކޮމިޝަނާ ގުޅޭ ކުއްލި މައްސަލަ ގަވާއިދަށް ނުފެތޭތީ ބަލައިނުގައިން
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް މީޑިޔާ ކޮމިޝަނާ ގުޅޭގޮތުން ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައި ނުގަންނަން ރިޔާސަތުން ނިންމަވައިފިއެވެ. މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ މައްސަލަ ލިބުނު ނަމަވެސް ބަލައި ނުގަންނަން ނިންމެވީ މަޖިލިހުގެ ޤަވާއިދަށް ނުފެތޭތީ ކަމަށެވެ. އެއީ މަޖިލިހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ އ އާއި މ އެވެ. އެ މާއްދާގައި ވާގޮތުން ހުށަހަޅާފައި އޮތް ބިލެއް ނުވަތަ މައްސަލައަކާ ގުޅިގެން ހިނގާފާނެ ބަހުސަކާ ގުޅޭގޮތުން ކުއްލި މައްސަލައެއް ހުށައެއް ނޭޅެއެވެ.
މީކާއީލް މީޑިޔާ ކޮމިޝަނާ ގުޅޭ ގޮތުން ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި މިވަނީ އެބިލާ ގުޅިގެން މީޑިއާގައި މަސައްކަތް ކުރާ ފަރާތްތަކުން އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. އޭގެ ތެރޭގައި މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން ހިމެނެއެވެ. އަދި މީޑިޔާ ކައުންސިލުންވެސް ވަނީ އެކަމާ ގުޅިގެން ބަޔާނެއް ނެރެން ފާސްކޮށްފައެވެ. އިދިކޮޅު އެމްޑީޕީންވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ. ނަމަވެސް އެމްޑީޕީން ބުނެފައިވަނީ އެއީ ސަރުކާރުން އަޑީގައި އޮވެގެން ގެންނަން އުޅޭ ބަދަލެއް ކަމަށެވެ.
އެބިލްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮމިޝަންގެ ކޮންޓްރޯލް ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ގޮތަށް އޮތުމާއި, މީޑިއާ އިދާރާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިންވެސް ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމެވެ. އެބިލަކީ ސަރުކާރުގެ ބައިވެރިވުން އޮތް ބިލެއް ކަމަކަށް ސަރުކާރުން ނުބުނެއެވެ. އޭގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ މީޑިޔާގެ މިނިވަންކަން ހަނިކުރުމަކީ ގަބޫލުކުރައްވާ ހަމައެއް ނޫން ކަމަށެވެ.
މީކާއީލްގެ ކުއްލި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސަރުކާރުން މީޑިޔާގެ ކޮންޓްރޯލް ނެގުމާއި, މިނިވަންކަން ގެއްލުމާއި ސަރުކާރުން ބޭނުންވުމުން ޖޫރިމަނާ ކުރެވޭ ގޮތަށް އޮތުމެވެ.
ރިއެކްޝަންސް