"ޕޮލިސީއަކީ މޯލްޑިވްސް ފަސްޓް, އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ނުކުރާނެ" – ރައީސް
ރާއްޖެއިން އަބަދުވެސް އިންޑިޔާއިން މަރުހަބާ ކިޔާނެ
ސަރުކާރުން ދަމަހައްޓާނީ 'މޯލްޑިވްސް ފަސްޓް ޕޮލިސީ' ކަމަށާއި, އެކަމަކު އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އިންޑިޔާގެ ރައީސް ދުރުފަދީ މުރުމޫގެ ދައުވަތަކަށް އިއްޔެ އިންޑިޔާއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން 'ޓައިމްސް އޮފް އިންޑިޔާ' އަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއްގައި ރައީސް މުއިއްޒު ވިދާޅުވީ އެހެން ގައުމަކާ ރާއްޖެއިން ބާއްވާ ގުޅުމުގެ ސަބަބުންވެސް އިންޑިޔާގެ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އިންޑިޔާ ކަނޑުގެ ހަމަޖެހުމަށް އަސަރުކުރާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ އިންޑިޔާއާ އޮތް ގުޅުމަކީ އަބަދުވެސް ވަޒަންކުރާ, ދެގައުމުގެ މަސްލަހަތުގެ މައްޗަށް އޮތް ބަދަހި ގުޅުމެއް ކަމަށެވެ. އެގުޅުން އަބަދުވެސް ދަމަހަޓާ ސަރަހައްދުގެ މަސްލަހަތު އިސްކުރައްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ދެއްވިއެވެ. އަދި ރާއްޖެއާއި އިންޑިޔާގެ ގުޅުމަކީ އަބަދުވެސް ވަރުގަދަ ގުޅުމެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިހާރު އިންޑިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދު މުއިއްޒު ފާޅުކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއާއި, ވިޔަފާރީގައިވެސް އިންޑިޔާއަކީ އެންމެ މުހިއްމު އެއް ހިއްސާދާރު ކަމަށެވެ. އަދި ދެގައުމުގެ ދިފާއީ ގުޅުންވެސް ވަރުގަދަކަން ރައީސް ފާހަގަކުރެއްވިއެވެ. އިންޑިޔާ ސިފައިން ރާއްޖެއިން ބޭލި ބޭލުމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ ' ސަރުކާރުން ކުރިކަމަކީ ވެހި ރައްޔިތުން އެދުނު ކަމެއް އެދުނު ގޮތަށް ކުރުން' ކަމަށެވެ. އެކަމުގެ ސަބަބުން ދެގައުމުގެ ގުޅުމަށް އަސަރު ނުކުރާނެ ކަމަށާއި, ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަށް އެކަން 'ބަލައިގަނެވޭނެ' ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ތަކުރާރުކުރެއްވީ ދެގައުމުގެ ގުޅުމާމެދު ހިތްހަމަ ޖެހޭކަމާއި, ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެވެ. އަދި ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ އުއްމީދެވެ.
އިންޑިޔާގެ އެހީގައި ކުރިއަށް ގެންދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖް މަޝްރޫއަށް އިޝާރާތްކުރައްވާ ވިދާޅުވީ އެއީ އިންޑިޔާގެ އެހީގައި ކުރިއަށްދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް ކަމަށާއި, ބްރިޖް މަސައްކަތުގެ ކުރިއެރުމާމެދު ވެސް ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. މީގެއިތުރުން އިންޑިޔާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޖައިޝަންކަރު ދާދިފަހުން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިއުލާނުކުރެއްވި މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ މަޝްރޫއުތަކެއް ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް