އަހަރެންނަކީ އެންމެ މީހެކެވެ. 7 ބިލިއަން މީހުން ބުންޏެވެ!
ޤަތުލްއާންމަށް 365 ދުވަސްވީއިރު ފަލަޞްޠީނުގެ ބިމުގައި އިޒްރާއިލްއޭ ކިޔުނު ދަޢުލަތެއް އުފަންވީތާ 76 އަހަރުވީއެވެ. ފަލަސްޠީނުގެ އަހުލުވެރިން, އެމީހުންގެ އަމިއްލަ ވަޒަނުންނާއި ގެދޮރުން ނެރެލެވި 1948 ގައި ފެށުނު "ނަކްބާ" (މުޞީބާތް) އަދިވެސް ދަނީ ކުރިއަށެވެ. 1967ގައި އިޒްރާއިލްއިން ފަލަޞްޠީނުގައި ކުރި 6 ދުވަހުގެ ހަނގުރާމައަށްފަހު ހުޅަނގު އައްސޭރި އާއި ޤުދުސް (މަސްޖިދުލް އަޤްޞާ ހިމެނޭހެން) އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަތާ 57 އަހަރުވީއެވެ. ޣައްޒާގައި ޙަމާސްގެ ބާރުދަގަދަވެ, 2007 ގައި އިޒްރާއިލްގެ ކޮންޓްރޯލް ޣައްޒާއަށް ގެއްލުމާއެކު އެއްގަމާއި ކަނޑުން ޣައްޒާގެ ރައްޔިތުން ބަންދުކޮށްފައި ތިބޭތާ 17 އަހަރުވީއެވެ. ޣައްޒާއިން ބޭރުވެވެން އޮންނަ ތިން މަގުގެ ތެރެއިން 2 މަގު ކޮންޓްރޯލް ކުރަނީ އިޒްރާއިލްއެވެ. އަނެއް މަގު ކޮންޓްރޯލް ކުރަނީ މިޞްރުންނެވެ. އެހެންވީމާ މިއީ 7 އޮކްޓޯބަރުގައި ފެށުނުކަމެއް ކަމަށް ދައްކަން އިޒްރާއިލްއިން ކިތަންމެ މަސައްކަތެއް ކުރިއަސް ހަޤީގަތެއް މިއަދު އޮޅުވައެއް ނުލެވޭނެއެވެ.
ތެދެކެވެ. ދިގު ދެމިގެންދިޔަ މި ހަމަލާތަކުގެ ފެށުމަކީ އެއީއެވެ. ހަމާސްއިން އިޒްރާއިލްގެ އާންމުން ގަޞްތަކާނުލާ މެރިނަމަ އެކަންވެސް ތަޙްޤީގުކުރެވެން ވާނެއެވެ. އިޒްރާއިލްއަކީ ބާރުގަދަ ޤައުމެކެވެ. ވަރުގަދަ އިޤްތިޞާދަކާއެކު މުޅި ސަރަޙައްދުގައިވެސް އޮތް އެންމެ އަސްކަރީ އަދި ނިއުކުލިއާ ގޮތުން ޤާބިލް ޤައުމެވެ. އެހެންކަމުން 7 އޮކްޓޯބަރުގެ ހަމަލާއަކީ ނިއުކުލިއާ ގޮތުން އިޒްރާއިލްއަށް ސިހުން ލިބޭވަރުގެ ހަމަލާއެކޭ ބުނުމަކީ ހަމަޖެހޭ ކަމެއްނޫނެވެ. އަދި ހަމަލާތަކުގެ ބަދަލެއްގެ ގޮތުން އާރާއި ބާރުގެ ގޮތުން އުޑާއި ބިމާހާ ފަރަގުބޮޑު, އަދި އަސްކަރީގޮތުން އިޒްރާއިލްގެ ކައިރީގައި ކިރުބޯ ޅަ ކުއްޖަކު ކައިރިން ބަދަލުހިފަން ޣައްޒާގެ 41,800 އާންމުން މަރާލުމަކީ އިޒްރާއިލްއަށް ދުވަހަކުވެސް އެކަމުން ރެކެވޭނެ ކަމެއްނޫނެވެ.
ހަމަލާތަކަށް, ޤަތުލްއާންމަށް އަހަރެއް ވީއިރު އިޒްރާއިލްގެ އުދުވާނު ރަސްމީކޮށް ލުބުނާނަށް ފުޅާކޮށްފިއެވެ. ލުބުނާނާއި ޣައްޒާއިން މަރާލި މިހުންގެ 'ރަސްމީ އަދަދު' 43,000 ފަހަނައަޅައިފިއެވެ. އަހަރެމެންގެ ތެރެއިން ގިނަބަޔަކު އޭރުވެސް މިހާރުވެސް ބުނަމުންދިޔައީ އަހަންނަކީ ހަމަ އެންމެ މީހެއްކަމުގައެވެ. 7 ބިލިއަން މީހުންނަކީ އެންމެ މީހެއް ނޫނެވެ. އިޒްރާއިލްގެ އަސްކަރިއްޔާއަށްވުރެ 7 ބިލިއަން މިހުންގެ އަޑު ގަދަވާންޖެހެއެވެ. އިޒްރާއިލްގެ އުދުވާނާ ދެކޮޅަށް ބަސްބުނެ ފާޅުގައި 7 ބިލިއަން އަޑު ނިކުންނަން ޖެހެއެވެ. ތިބާއަށްވެސް ކުރެވޭނެ ކަންތައް ބައިވަރެވެ. ފަލަޞްޠީނުގެ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެމީހުންގެ ވާހަކަދެއްކުން ހުއްޓާނުލުމެވެ.
ތިބާއަށް އަދާކުރެވޭނީ ކޮން ރޯލެއް!
އިންސާނިއްޔަތަށްޓަކައި, އުއްމަތާއި ދީނަށްޓަކައި ތިބާގެ ހަނުހުރުން ނިމުމަކަށް ގެނެސްދޭށެވެ. މަޢުޞޫމް ފުރާނަތަކެއް ދުނިޔެއާ ވަކިވުމުގެ ސަބަބެއްކަމުގައި ތިބާގެ ހަނުހުރުން ވިޔަނުދޭށެވެ!
އެންމެ ފުރަތަމަ އަދި އެންމެ މުޙިއްމު ކަމަކީ, އަދި މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ދުޢާއެވެ. ތިބާގެ ދުޢާގައި ހަމައެކަނި އެމީހުން ޝާމިލްކޮށްދޭންވީ އެއްނޫނެވެ. ދެއަތް އުފުލާ ކޮންމެ ނަމާދަކަށްފަހު އެމީހުންނަށްޓަކައި ދުޢާ ކޮށްދޭންވީއެވެ. ތިބާގެ އަމިއްލަ ނަފްޞަށާއި ޢާއިލާއަށް ދުޢާކުރާ ފަދައިންނެވެ.
ދެވަނަ ކަމަކީ އިޒްރާއިލްއަށް ވާގިވެރިވާ ވިޔަފާރިތަކާއި ޕްރޮޑަކްޓްތައް ބޭނުން ކުރުމުން މަނާވެ ގަންނަންވީއެވެ. ރާއްޖޭގައި ނަމަ މިކަން ކުރާނެ ފުރުޞަތުތައް މަދެވެ. ނަމަވެސް އެޕްރޮޑަކްޓެއްގައި ޤަތުލްޢާންމުގެ ލޭ ހޭކިފައިވާކަމަށް ތިމާއަށް މަޢުލޫމާތު ލިބިފައިވާ އެންމެހާ ތަކެއްޗާ ދުރުވާށެވެ.
ތިންވަނަ ކަމަކީ ތިބާގެ މުދަލުން އެމީހުންނަށް ހޭދަކުރުމެވެ. އިޒްރާއިލް އިން ފަލަސްޠީނުގައި ޤަތުލްޢާންމެއް ހިންގާ ބައިލައްކަ މީހުން މަރާލައިފިއޭ, އދ ކޮބާހޭ ބުނަން ތިބާއަށް ވަރަށް ފަސޭހައެވެ. ނަމަވެސް ހަޤީގަތަކީ މިހާރުވެސް ފަލަސްޠީނަށް ކިރިޔާވެސް އެހީއެއް އެތެރެކުރެވެނީ އދ މެދުވެރިކޮށް ކަމެވެ.
ސިއްހީ އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދެނީ އދ ގެ ރިލީފް ވަރކްސް ފޯ ޕެލަސްޠީނިއަން ރެފިއުޖީސް (އުންރްވާ) އިންނެވެ. ހުއްޓުމެއްނެތި ހަމަލާ އަށް އަހަރުވީއިރު އދ ގެ 200 އެއްހާ މުވައްޒަފުން ޣައްޒާގައި ވަނީ މަރާލާފައެވެ. ތިބާގެ އާއިލާ މީހަކު އޭގެ ތެރޭގައި ނުވެއެވެ. އެ މަރުގެ ވޭން ތިބާ އިޙްސާސް ނުކުރަމު އެވެ. ހުދު ތިބާއަށް އެކަމެއް ނުވެސް އެނގޭމެއެވެ. އެހެންވީމާ އދ ކޮބާހޭ ކުރާ ސުވާލު ހުއްޓާލުމަށްފަހު އެމީހުން މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭތޯ ބަލަންވީއެވެ.
އދ ގެ ވަރލްޑް ފުޑް ޕްރޮގްރާމްގެ ދަށުން 'ޝެއަރ ދަ މީލް' އެޕްލިކޭޝަން އިން 1 ޑޮލަރަށްވުރެ ކުޑަކޮށް އެއްއިރުގެ ކެއުމެއް ފަލަސްތީންގެ ރައްޔިތަކަށް ފޯރުކޮށްދިނުމުގެ ފުރުޞަތު ތިބާއަށްވެސް އެބަ އޮތެވެ. ދަތި އުނދަގޫ ޙާލަތުގައިވެސް މި ޕްރޮގްރާމްގެ ދަށުން ޣައްޒާއަށް ކާތަކެތި ފޯރުކޮށްދޭކަމަށް ޣައްޒާގައި ޙަރަކާތްތެރިވާ ނޫސްވެރިން ކަށަވަރުކޮށްދެއެވެ. ޞަދަޤާތަކީ ތިބާއާއި ތިބާގެ ރައްބާ ދެމެދު ކުރެވޭ މުޢާމަލާތެކެވެ.
ފަހު ކަމެއްގެގޮތުގައި, ނަމަވެސް ހުއްޓާނުލާ ކުރިއަށް ދާންވީ ކަމަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ކުރާ ވަކާލާތެވެ. އެމީހުން މިނިވަން ވާންދެނެވެ. 76 އަހަރު ވަންދެން އެމީހުންގެ އެ ކެކުޅުން ދުނިޔެއަށް މާބޮޑަށް ހާމަނުވެ ދިޔަކަމުގައި ވިއަސް މިއަދު ފަލަސްޠީނުގެ ހިތްވަރުގަދަ ނޫސްވެރިން އެހަޤީގަތް ދުނިޔެއަށް ހާމަކޮށްދީފިއެވެ.
ދެން އޮތީ އަހަރެމެންގެ އެހީ އެވެ. އެމީހުން އެދެނީ ހިތަށް އުނދަގޫވިއަސް އަދި މަންޒަރު ބަލަން ދަތިވިއަސް އެމަންޒަރުތައް ދައުރުކުރުމަށެވެ. އެމީހުން އެވޭން އުފުލާއިރު އަހަރެމެންނަށް އެ މަންޒަރު ބަލަން ކެތްވާންވެސް ޖެހޭނެއެވެ. މިއީ އެމީހުންނަށްޓަކައި އަހަރެމެންނަށް ކުރެވޭނެ ވަރަށްކުޑަ, ނަމަވެސް މީގެ އާޚިރު ނަތީޖާ ބޮޑުވާނެ ކަމެކެވެ. ފަލަސްޠީނުގެ ވާހަކަ ދެއްކުން ހުއްޓާނުލާށެވެ.
މީގެ އިތުރުން އެބައެއްގެ ސަރުކާރަށްވެސް ޑިމާންޑު ކުރަންވީއެވެ. މިއީ ސިޔާސީ ކަމެއްނޫނެވެ. މިއީ އިންސާނީ އަސާސީ ޙައްގުތަކާ ގުޅޭ ސީރިއަސް މައްސަލައެކެވެ. ޙައްގުގެ މަގުގައި އުއްމަތުގެ ދިފާއުގައި ކުރަންޖެހޭ ޖިހާދެކެވެ. ހަނުހުރުމަކީ ޚިޔާނާތެކެވެ. އުއްމަތުގެ އެއްބަޔަކު އިންތިހާ ވޭނުގައި އެމީހުންގެ މުޅި ޙަޔާތް ހޭދަކުރާއިރު, ތިބާ އެމީހުންނަށްޓަކައި ކޮށްދިނީ ކޮންކަމެއްތޯ ސުވާލުކުރެވޭ ދުވަހެއް އަންނާނެއެވެ. ފަލަސްޠީނުގެ ރައްޔިތުން ޤަތުލްކޮށްފައި އިޒްރާއިލްގެ ސަޙްޔޫނީން މިރާއްޖެ އައިސް އެއްވެސް ޙައްޤެއްނެތި އެމީހުން މެރި 20,000 ކުޑަކުދިންގެ ލެއިން މި ދިވެހިރާއްޖޭގެ ގޮނޑުތައްތައް ކަޅިކުރަން ތިބާ ނުރުހޭނަމަ ޙައްޤުބަސް ބުނުމުގައި ޖެހިލުން ނުވާށެވެ.
ރިއެކްޝަންސް