
އަަހަރެން މިހެން ދިރިއުޅޭނީ ކިނިނެތް! 2025ވަނަ އަހަރުގެ ޕްރެސް ފޮޓޯގެ އެވޯޑް ހޯދި ފޮޓޯގައިވާ މަޙްމޫދްގެ ސުވާލެއް ދުނިޔެއަށް!
މިއީ ޣައްޒާއަށް އުފަން އެންމެ 9 އަހަރުގެ މަޙްމޫދު އައްޖޯރްއެވެ. މަތީގައި އެވާ ފޮޓޯއަކީ 2025 ވަނަ އަހަރުގެ 'ވޯލްޑް ޕްރެސް ފޮޓޯ އޮފް ދި އިޔަރ' ގެ އެވޯޑް ލިބުނު ފޮޓޯއެވެ. ބަލާބެލުމަށް ހަމަ އާދައިގެ ފޮޓޯއެކެވެ. އެކަމަކު އެތައް މިލިއަން އިޙްސާކެވެ. އެތައްހާސް އަހަރުގެ ވޭނާއި ކެކުޅުމެވެ. އެކަމަކު ހަމަ އެންމެ ސުވާލެކެވެ. އަހަރެން މިހެން ދިރިއުޅޭނީ ކިހިނެތް ހެއްޔެވެ!
މަޙްމޫދް ޒަޙަމްވީ ފާއިތުވި އަހަރު އިޒްރާއިލްއިން ޣައްޒާއަށް ދިން ޑްރޯން ހަމަލާއެއްގައެވެ. ހަމަލާގައި މަޙްމޫދުގެ ދެއަތް އެއްކޮށްނެތިދިޔައެވެ. މިހާރު ޤަތަރުގެ ވެރިރަށް ދޯހާގައި ފަރުވާ ހޯދަމުންދާ މަޙްމޫދް ވަނީ އަލްޖްޒީރާގެ ޓީމަށް ވަނީ އިޒްރާއިލްއިން އޭނާ ދިރިއުޅޭ ގެއަށް 2024 މާޗު މަހު ދިން ހަމަލާގެ ވާހަކަ ކިޔާދީފައެވެ.
"އަހަރެން ހިއެއްނުކުރަން ފުރަތަމަ އަސްލު އަހަރެން އެހާބޮޑަށް ޒަހަމްވީކަމަކަށް. އަހަރެން ހީކުރީ އަހަރެން ހަމަ ވެއްޓުނީއޭ. އެކަމަކު އަހަރެން އޮތީ ބިންމައްޗަށް ވެއްޓިފަ. އަހަރެން އޮތީ ވަރަށް ވަރުބަލިވެފަ. އޭރުވެސް ހިތަށްއެރި ކިހިނެތް ބާއޭ މިވީ. އެކަމަކު ހަޤީގަތުގަ އަހަރެންގެ އެއް އަތް އޮތީ މާދުރަށް ވިއްސައިގެން ގޮސްފަ. އަނެއްއަތް އޮތީ އަހަރެންގެ ހަށިގަނޑުން ވަކިވެ އަހަރެންގެ ކައިރިއަށް ވެއްޓިފައި" އަލްޖަޒީރާއަށް މަޙްމޫދު ކިޔާދީފައި ވެއެވެ.
މަޙްމޫދު ބުނީ އޭނާގެ އަތް ފެނޭތޯ ހޯދާލި ކަމަށާއި, އޭނާގެ އަތާއި އެ އަތް ވައްތަރު ނަމަވެސް އެކަން ޤަބޫލުކުރަން އޭނާގެ ސިކުނޑި އެވަގުތު އިންކާރު ކުރި ކަމަށެވެ.
"އެކަމަކު އަހަރެންގެ މަންމަ ބުނީ އަހަރެންގެ ދެ އަތްވެސް ނެތޭ. އަހަންނަށް ރޯންފެށުނީ އެހިސާބުން. އަހަރެން ވަރަށް ދެރަވި. އަހަރެން އެހިސާބުން ވަރަށް ބޮޑަށް ނަފްސާނީވެއްޖެ" މަޙްމޫދު ބުންޏެވެ.
ޣައްޒާގެ ގިނަ ކުޑަކުދިންނެކޭ އެއްފަދައިން މަޙްމޫދުގެ ނަފްޞާނީ ހާލަތު އެދުވަހުން ފެށިގެން ވަރަށްބޮޑަށް ދަށަށްދިޔައެވެ. މަޙްމޫދުގެ ފުރަތަމަ ސާޖަރީ ޣައްޒާގައި ހެދީ އައްސިވެސް ނުކޮށެވެ. އެއީ ޣައްޒާގެ ހޮސްޕިޓަލްތަކުގައި އައްސިކުރެވޭނެ ސިއްޙީ ސާމާނު ނެތުމުގެ ސަބަބުންނެވެ. ހަނގުރާމަ ފެށުނީއްސުރެ އިޒްރާއިލްއިން ދަނީ ޢައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ލިބުމުގައި ދަތިކުރަމުންނެވެ.
"އެމީހުން ސާޖަރީ ހެދިއިރު އަހަރެން އޮތީ ހޭލާ. އެތަދަށް އަހަންނަށް ކެތްވާވަރެއް ނޫން. އަހަރެންނަށް ވަރަށް ބާރަށް ހަޅޭއްލެވުނު" މަޙްމޫދުގެ އަޑުގައި އަދިވެސް ހުރީ ވޭނާއި ސިހުމެވެ.
މަޙްމޫދުއަކީ އިޒްރާއިލްގެ ހަލަމާތަކުގައި ހަށިގަނޑުގެ ބައެއްނެތި ދިރިއުޅުން ވޭތި ކުރަންޖެހިފައިވާ ޣައްޒާގެ އެތައްހާސް ކުޑަކުދިންގެ ތެރެއިން އެކަކެވެ. ޔުނިސެފުން ހާމަކުރިގޮތުގައި 2023 އޮކްޓޯބަރ 7 ން ފެށިގެން ޣައްޒާގައި ދުވާލަކު އެވްރެޖްކޮށް 10 ކުދިންގެ އަތް/ފައި ނެތިދެއެވެ.
556 ދުވަހަށް ބަލައިފިނަމަ އެއީ 5,560 ކުދިންނެވެ. އެއީ ޕަރ ކެޕިޓަރ ގެ ނިސްބަތުން ބެލިނަމަވެސް ދުނިޔޭގެ އެންމެ ގިނައިން އަތާއިފައި ނެތިގޮސްފައިވާ ކުދިންތިބި ތަނެވެ. އެއިން ކޮންމެ ކުއްޖެއްވެސް ސާޖަރީ ހަދަނީ އައްސިކުރެވޭނެ ވަސީލަތްތައް ނެތް ޣައްޒާގައެވެ.
މަޙްމޫދު މިހާރު އަންނަނީ ފޯނުން ލިޔަން ކިޔަން, އަދި ގޭމް ކުޅެން ދަސްކުރަމުންމެވެ. ނަމަވެސް އަތުގެ ބަދަކުގައި އޭނާގެ ފައި ބޭނުންކުރަމުންނެވެ. އެކަމަކު ދިރިއުޅުމުގެ ހުރިހާ ކަމެއްގައިހެން އޭނާއަށް އެހެން މީހުންގެ އެހީތެރިކަން ބޭނުންވެއެވެ. އެއީ ކުރިން މިނިވަންކަމާއެކު އުޅުނު އުފާވެރި ކުއްޖެކެވެ. އެކުއްޖާގެ ކުރީގެ ދިރިއުޅުން ދެއަތާއެކު އުޅުނު ދުވަސްތަކަށް އޭނައަށް އެދެވެއެވެ.
މަޙްމޫދު ބުނިގޮތުގައި ހަމަލާގެކުރިން އޭނާގެ މަންމައާއެކު މާރުކޭޓަށްގޮސް ތަރުކާރީ އާއި މޭވާވެސް ގަނެއެވެ.
"އެކަމަކު މިހާރު ހުރިހާކަމެއްވެސް ވަރަސް އުނދަގޫ. ކާންވެސް އުނދަގޫ. ފާހާނާއަށް ދިއުންވެސް މިހާރު އަންނަށްވަނީ ދަތި އުނދަގޫކަމަކަށް. އެކަމަކު އަހަރެން ވަރަށް މަސައްކަތްކުރަން އަމިއްލައަށް ކަންކަން ކުރެވޭތޯ" މަޙްމޫދު ބުންޏެވެ.
ދެއަތްނެތި މުޅި އުމުރަށް ނުކުޅެދޭ މީހަކަށް ވިއަސް މަޙްމޫދުގެ އުއްމީދަކީ އެނބުރި ޣައްޒާއަށް ގޮސް ޣައްޒާ އާރާސްތުކުރުމެވެ.
"އަހަރެން ބޭނުމީ އަހަރެންގެ ބިމުގައި ދިރިއުޅެން. އެބިން އިޒްރާއިލްއިން އަޅުވެތިކުރާކަށް އަހަރެން ނޭދެން. އެތާގައި (ޣައްޒާގައި) އެތައްބަޔަކު މަރުވެއްޖެ. އަހަރެންގެ ގެއަށްވެސް އިޒްރާއިލްއިން ވަނީ ބޮންއަޅާފަ. އަހަރެން ކިހިނެތް މިހެން ދިރިއުޅޭނީ!" މަޙްމޫދު ބުންޏެވެ.
18 މަސްދުވަސްވަންދެން އިޒްރާއިލްއިން ދެމުންދާ ހަމަލާތަކުގައި ޣައްޒާއިން މަރުވި މީހުންގެ ރަސްމީ އަދަދަކީ 51,000 އެވެ. އަދި ޒަހަމްވީ މީހުންގެ އަދަދު 116,505 އަށް އަރާނެކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން މައުލުމާތު ދެއެވެ.
ރިއެކްޝަންސް






