އުތުރު ޣައްޒާ ނަސްލު އެއްކޮށް ނައްތާލަނީ! އެންމެ ހަމަލާއެއްގައި 93 މަރު
އިމާރާތެއްގެ ދަށުން ނަގާފައިވާ ހަށިގަނޑެއް ގެންަދަން މަސައްކަތްކުރަނީ. ފޮޓޯ: އޭއެފްޕީ

އުތުރު ޣައްޒާ ނަސްލު އެއްކޮށް ނައްތާލަނީ! އެންމެ ހަމަލާއެއްގައި 93 މަރު

1 month ago - 06:59
Oct 31, 2024 - 07:57

އިޒްރާއިލްއިން އުތުރު ޣައްޒާގައި ތިބި މަދު މީސްކޮޅު މަރާ ހުސްކުރަނީއެވެ. އުތުރު ޣައްޒާއަށް ފެންފޮދެއް އަދި ކާނާގެ އެއްވެސް މިންވަރެއް ނުލިބޭތާ މިއަދަށް މަހެއްވީއެވެ. ނަމަވެސް ޖަބާލިއާ ރެފިއުޖީ ކޭމްޕާއި, ކަމާލް އަދުވާން އަދި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ތާށިވެފައި 400,000 އެއްހާ މީހުން އެބަތިބިކަމަށް އދ ން މައުލޫމާތު ދީފައިވެއެވެ. އުތުރު ޣައްޒާއިން ކަރަންޓާއި މުވާސަލާތީ ޚިދުމަތްވެސް ކަނޑާލާ ދުނިޔެއާ ގުޅުންކަނޑާލާފައި އޮންނަތާ 3 ހަފުތާ ވަނީ ވެފައެވެ. އިޒްރާއިލްއިން ކޮންމެ ދުވަހަކު އުތުރު ޣައްޒާގައި އެތައް ހަމަލާތަކެއްދީ އެތައްބަޔަކު ދަނީ އެއްވެސް ރަޙްމެއްނެރި މަރަމުންނެވެ. ދޭތެރެ ދޭތެރެއިން ޖަބާލިއާ އަށް ހަމަލާދޭއިރު މިފަހުން އިޒްރާއިލްއިން އަނެއްކާވެސް ދަނީ މީހުން ދިރިއުޅޭކަމަށް ބެލެވޭ އިމާރާތްތަކަށް އަމާޒުކޮށް ބޮން އަޅަމުންނެވެ. ޙާއްސަކޮށް ވަކިވަކި އާއިލާތަކަށް އަމާޒުކޮށް އެއާއިލާތައް އެއްކޮށް ދަނީ ނައްތާލަމުންނެވެ. 

އަންގާރަ ދުވަހުގެ ރޭ އިޒްރާއިލްއިން ބެއިތް ލަހިޔާގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ބޮންއަޅާ 19 މީހުން ވަނީ މަރާލާފައެވެ. އަދި އެންމެ އުތުރުގެ ޓައުނަކަށް ދިން ހަމަލާތަކުގައި 100 އެއްހާ މީހުން ވަނީ މަރާލާފައެވެ. އަންގާރަ ދުވަހުގެރޭ އިޒްރާއިލްއިން އެންމެފަހުން ހަމަލާދީފައިވަނީ އުތުރުގެ އަލް ލޯޙް އާއިލާގެ ގެތައް ހިމޭ ސަރަޙައްދަކަށް ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއާ ހަވާލާދީ  އަލްޖަޒީރާއިން ބުނެފައިވެއެވެ. އޭގެ އެއްދުވަސް ކުރިންވެސް އިޒްރާއިލްއިން ވަނީ ބައިތް ލަހިޔާގައި ހުންނަ އަބޫ ނަޞްރު އާއިލާއަށް ނިސްބަތްވާ ފަސް ބުރީގެ އިމާރާތަކަށް ބޮންއަޅާފައެވެ. ޣައްޒާގެ ހެލްތް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެހަމަލާގައި އެއާއިލާގެ 93 މީހަކު މަރުވެފައިވާ އިރު, މަރާލާފައިވާ މީހުންގެ ތެރޭގައި 25 ކުޑަކުދިންވެސް ހިމެނެއެވެ.

މި ހަމަލާތަކާއެކު އދ ގެ އިންސާނީ ހައްޤުތަކާބެހޭ އޮފީހުން ނެރެފައިވާ ބަޔާނެއްގައި އުތުރު ޣައްޒާގައި އިޒްރާއިލްގެ އަސްކަރިއްޔާއިން ހިންގަނީ "ބިރުވެރި" އަމަލުތަކެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި އިޒްރާއިލްއިން ބެއިތް ލަހިޔާގައި ދެމުން ގެންދާ ވަރުގަދަ ބޮމުގެ ހަމަލާތަކަކީ ފާއިތުވެ ދިޔަ ތިން މަސްދުވަހުގެ ތެރޭގައި ޣައްޒާގައި ދިން އެންމެ ގެއްލުންބޮޑު ހަމަލާތައް ކަމަށްވެސް ވަނީ ބުނެފައެވެ. އދ ގެ ހިއުމެނިޓޭރިއަން އެޖެންސީން ބުނެފައިވާ ގޮތުގައި އަބޫ ނަޞްރުގެ އާއިލާއަށް އަމާޒުކޮށް ދިން ހަމަލާއަކީ ފާއިތުވި ހަފުތާއަށް އެކަނި ބެލިކަމުގައި ވިއަސް އެއް ހަމަލާއެއްގައި މިހާތަނަށް އެންމެ ގިނަ މީހުން މަރާލި ހަމަލާކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

އިޒްރާއިލްއިން ދަނީ ބެއިތް ލަހިޔާގައި އެއްގަމު މަގާއި ވައިގެ މަގުންވެސް ހަމަލާ ދެމުންނެވެ. އަލް ޖަޒީރާއިން އާންމުކޮށްފައިވާ ވީޑިއޯއެއްގައި އަބޫ ނަޞްރުގެ އާއިލާ އަށް ނިސްބަތްވާ އިމާރާތަށް ދިން ހަމަލާއަށްފަހު ކޮންކްރީޓް އާއި ދަނގަޑު ތަކުގެ ތެރެއން ހިރަފުހުން ފޮރުވިފައިވާ މީހަކު ސަލާމަތްކުރަން އާންމުން މަސައްކަތް ކުރާތަން ފެނެއެވެ. އަދި އިމާރާތުގެ ބޭރުގައި މަރުވެފައިވާ އެތައް ހަށިތަކެއް ފޮތިގަނޑުތަކަށްލާ އޮޅާލާފައި ބިންމަތީގައި ބަހައްޓާފައިވާ މަންޒަރުވެސް ފެނެއެވެ.

 މަގުތައްމަތީވެސް ޝަހީދުވެފައިވާ މީހުންގެ ހަށިތައް

އިސްމާއިލް އޮވައިދާ ކިޔާ މީހަކު އަލްޖަޒީރާ އަށް މައލޫމާތު ދިންގޮތުގައި އިޒްރާއިލްއިން އެ ހަމަލާ ދީފައިވަނީ އެއްވެސް އިންޒާރެއް ނުދީއެވެ. "ކަލޭމެންނަށްވެސް ފެންނާނެ, މުޅި އުތުރު ޣައްޒާގެ މަގުތައް މަތީގައި މިހާރު އޮންނާނީ މަރުވެފައިވާ މީހުންގެ ހަށިތައް. ފާރުތަކުގައި ވެސް މީހުންތައް އެލުވިފައި ހުއްޓަވެސް ފެންނާނެ" އިމާރާތްތަކުގެ ދަށުގައި މަރުވެ ތާށިވެގައި އޮތް ދެމީހެއްގެ ހަށިގަނޑަށް އިޝާރާތްކޮށް އޮވައިދާ ބުނެއެވެ.

އަލް ޖަޒީރާއިން ވެރިފައިކޮށްފައިވާ އެހެން ވީޑިއޯއެއްގައި ފަލަޞްޠީނުގެ އަންހެނަކު ބުނާގޮތުން އޭނާގެ އާއިލާގެ އެތައްބަޔަކު ވަނީ މަރުވެފައެވެ. "އަހަރެންގެ ދެ ފިރިހެން ދަރިންނާއި މުޅި އާއިލާ އެއްކޮށް މަރާލައިފި. މީހަކާވެސް ނީނދެހުރި އަހަރެންގެ އަންހެން ދަރިފުޅުވެސް އެމީހުން މަރާލައިފި. އަދި އަހަރެންގެ އަނެއް އަންހެން ދަރިފުޅުވެސް އޭނާގެ ފަސް ދަރިންނާއެކު މަރާލައިފި. އެމީހުންގެ ކުށަކީ ކޮބާ! ކުށެއްނެތް މައުޞޫމް ކުދިންތަކެއް އެގޮތަށް ޤަތުލުކުރަނީ އެމީހުންގެ ކޮން ކުށެއް އޮވެގެން" ހިތްދަތިކަމާއެކު ގިސްލަމުން އެ އަންހެންމީހާ ވިޑިއޯގައި ބުނެއެވެ. އޭއެޕީއަށް މައުލޫމާތި ދިން 30 އަހަރުގެ ރާބީ އަލް-ޝާންދަގްލީ ބުނި ގޮތުގައި އިޒްރާއިލްއިން މަރާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މުޅި އުތުރު ޣައްޒާގައިވެސް ކިރިޔާ ބޭނުންކުރެވޭ ހާލަތުގައި ހުރި ކަމާލް އަދުވާން ހޮސްޕިޓަލް ވަނީ ޒަޚަމްވެ, އަތްފައިވެސް ނެތިގޮސްފައިވާ އެތައްބަޔަކާއެކު ފުރިފައެވެ. ތަޅުންމަތީގައި ޒަހަމްވެފައިވާ މިހުން ތިބިއިރު, މަރުވެފައިވާ ހަށިތައް އެއްސަރަހައްދުތަކުގައި ގިނަ އަދަދަކަށް ހުއްޓެވެ. ހޮސްޕިޓަލްގެ ޑިރެކްޓަރު ހުސާމް އަބޫ ސަފިއާ ބުނެފައިވަނީ އެތާނގައި މީހުނަށް ފަރުވާ ދެވޭނެ ގޮތެއްވެސް އަދި މީހުނެއްވެސް ނެތްކަމުގައެވެ. މީގެ ދެތިންދުވަސް ކުރިން އިޒްރާއިލްއިން ވަނީ ހޮސްޕިޓަލް ރެއިޑްކޮށް އެތާނގައި މަސައްކަތްކުރާ ގިނަ މުވައްފުންތަކެއް ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ގިނަ އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންވެސް ހިމެނެއެވެ. ކަމާލް އަދުވާން ހޮސްޕިޓަލްވެސް ހިމެނޭހެން މުޅި އުތުރު ޣައްޒާ ވަނީ މަރުގެ އަނދަވަޅަކަށް އަދި ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. ހޮސްޕިޓަލްގައި ބޭހެއް, ފަރުވާދޭނެ މީހެއް އަދި ފަރުވާދެވޭނެ ވަސީލަތެއްވެސް ނެތެވެ. 

އަހަރަކަށްވުރެ ގިވަ ދުވަސްވެފައިވާ އިޒްރާއިލްގެ އުދުވާނުގައި މިހާތަނަށް ޣައްޒާއިން އެކަނިވެސް 43,061 މީހުން މަރާލާފައިވާ ކަމަށް ރަސްމީ ހިސާބުތަކުން ދައްކައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންކަމަށް ފަލަޞްޠީނުގެ އޮފިޝަލުން ހާމަކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow