ރިޔާސީ ކޮމިޝަންގެ ރިޕޯރޓްގެ އުސް އަލިތައް
ކޮމިޝަނުން ނޫސްވެރިންނާ މައުލޫމާތު ހިއްސާކުރަނީ: ފޮޓޯ-ރައީސް އޮފީސް

ރިޔާސީ ކޮމިޝަންގެ ރިޕޯރޓްގެ އުސް އަލިތައް

ފުލުހުންގެ އިހުމާލާއި, ފަރުވާކުޑަކަން ފާހަގަކޮށްފައިވޭ

5 hours ago - 22:35
Jun 17, 2025 - 22:37

އޭޕްރީލް 18 ވަނަ ދުވަހު ހައްވާ ޔުމްނު ރަޝީދު ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ހ.މިޓާޒު ގޭގެ ފުރާޅު މައްޗަށް ވެއްޓުނު މައްސަލައިގެ ތަހުގީގަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ތަހުގީގު ނިންމާ, ތަހުގީގު ރިޕޯރޓް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު އަށް އެރުވީ މިއަދު އެވެ. ރިޕޯރޓް އެރުވުމާއެކު އެރިޕޯރޓް އުނިއިތުރެއް ގެނައުމެއް ނެތި ޢާއްމުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިއެވެ. އަދި މަދު ގަޑިއިރެއްގެ ތެރޭގައި ރިޕޯރޓް ޢާއްމުކުރެއްވިއެވެ.

72 ސަފްހާގެ އެރިޕޯރޓްގައި އެންމެ މުހިއްމު ވާހަކައަކީ ހައްވާ ޔުމްނު ރަޝީދު ވައްޓާލީ އަދި އަމިއްލައަށް ފުންމާލީ ނޫން ކަމަށާއި, މަސްތުގެ ހާލަތުގައި ވެއްޓުނީ ކަމަށް ބުރަވި ބުރަވުމެވެ. އަދި އެކަމުގައި ރައުދު ފިޔަވާ އިތުރު މީހެއްގެ ބައިވެރިވުން ނެތްކަމަށް ފާހަގަކޮށްފައިވުމެވެ. އެއީ ތިންވަނަ ފަރާތެއް އެތަނުގައި ނެތުމުންނެވެ. ރައުދުގެ ބައިވެރިވުން އޮތް މިންވަރަކީ އެކަން އެނގިހުރެ ކަމާގުޅޭ އެއްވެސް އިދާރާއަކަށް, ފަރާތަކަށް ނޭންގުމެވެ. އެހީތެރިކަން ފޯރުކޮށް ނުދިނުމެވެ. މަސްތުގެ ހާލަތުގައި ހިނގާދިޔަ ކަންކަމުގައި ޔުމްނު އާއި ރައުދުވެސް ޒިންމާވާން ޖެހޭނެކަން ތަހުގީގު ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ. ޔުމްނު ހ.ފެންޓެނޯއީ ގެންދިޔައީ ގަސްތުގައި އަނިޔާއެއްދޭން ކަމަށް ކޮމިޝަނަށް ނުފެންނަކަމަށްވެސް ރިޕޯރޓްގައި ބުނެގައިވެއެވެ. އަދި ސިޑި ގޮޅިން ރައުދު ގަސްތުގައި ޔުމްނު ވައްޓާލުމުގެ ފުރުޞަތު ހަނިކަމަށްވެސް ކޮމިޝަނުން ދެކެއެވެ.

ޔުމުނު ވެއްޓިފައި އޮތްކަން ރިޕޯރޓް ކުރުމަށް ފުލުހުންނަށް ގުޅުމުން, ފުލުހުން އައުން ލަސްވެގެން ދެވަނަ ފަހަރަށް ގުޅިކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. އެކަން ރިޕޯރޓް ކުރީ ދިވެއްސަކު ލައްވާ ބިދޭސީ އެއްކަންވެސް ރިޕޯރޓުން ފާހަގަވެއެވެ. އަދި ފުލުހުން އެތަނަށް ދިއުމުން ސީންއަށް ފުލުހުން ގެންދިޔައީވެސް ބިދޭސީ މީހާކަން ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

މައްސަލައިގެ ތަހުގީގީ މަރުހަލާގައި އެމައްސަލައިގައި ތުހުމަތުކުރެވި އަދި މިހާރު ދައުވާ އުފުލާފައިވާ ރައުދު އަހުމަދު ޒިލާލުގެ ބޭބެ ދާއޫދު އަހުމަދު (ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ) ހޯމް މިނިސްޓަރ އަލީ އިހުސާނަށް ގުޅާ މެސެޖްކޮށްފައިވާކަން ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. އަދި ދެ ކޯލަކަށް މިނިސްޓަރ އިހުސާން ޖަވާބުދީ, އަދި ބައެއް މެސެޖްތަކަށްވެސް ރިޕްލައިކޮށްފައިވާކަން ފާހަގަކޮށްފައިވެއެވެ. އެމައްސަލައާ ގުޅިގެން ހޯމް މިނިސްޓަރ އަލީ އިހުސާނަށް ގުޅާފައިވަނީ ހަމައެކަނި ދާއޫދުކަން މިނިސްޓަރާ ހަވާލާދެއްވާ ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ. ދާއޫދު ކޮމިޝަނަށް ދީފައިވާ މައުލޫމާތާއި, އެހެން މީހުންގެ ވާހަކަތަކާއި ފުށުއެރުން ހުރުމާއެކު ދާއޫދު ދޮގު މައުލޫމާތު ދިންކަންވެސް ފާހަގަކޮށްފައިވެއެވެ.

Advertisement

ޓްރާންސްޕޯރޓް މިނިސްޓަރ މުޙައްމަދު އަމީން އޭރުގެ ޕޮލިސް ކޮމިޝަނަރ އަލީ ޝުޖާއުއަށް ގުޅިކަންވެސް ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް އެކަމުގެ ސަބަބުން ތަހުގީގަށް އަސަރު ނުކުރާ ކަމާއި, އެކަމަކު އެއީ ކުރުން ރަނގަޅު ނޫން ކޯލެއްކަން ފާހަގަކޮށްފައި ވެއެވެ.

ޔުމްނު ވެއްޓުނު ސީރިއަސް މައްސަލައިގެ ތަހުގީގުގައި ފުލުހުން ފަރުވާކުޑަކުރިކަންވެސް ކޮމިޝަންގެ ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައިވަނީ ހާދިސާގެ މައުލޫމާތު އިންވެސްޓިގޭޝަން އޮފިސަރަށް ދިނުން ލަސްވުމާއި, އައި އިންވެސްޓިގޭޝަން އޮފިސަރު ސީން އަށް ދިޔައިރު ހެއްކާ ގަރީނާ ނެގުމުގެ ފުރުޞަތު އޮފިސަރަށް ނެތްކަމެވެ. އެކަން އެތަނުގައި ހުރި އޮފިސަރު ކޮށް ނިންމާ ސީން ރޫޅާލާފައިވާކަން ފާހަގަކޮށްފައިވެއެވެ. ފުލުހުން ކުށުގެ ވެށި ރައްކާތެރިކޮށްފައި ނުވާކަން ތަހުގީގު ރިޕޯރޓްގައި ފާހަގަކޮށްފައި ވެއެވެ.

ފުލުހުންގެ އިހުމާލާއި, ފަރުވާކުޑަކުރި އޮފިސަރުންގެ މައްސަލަ ބެލުމަށާއި, އެފަދަ ކަމެއް ތަކުރާރު ނުވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމަށް ކޮމިޝަނުގެ ރިޕޯރޓްގައި ވަނީ އެދިފައެވެ.

ކޮމިޝަންގެ ރިޕޯރޓްގައި ޔުމްނުގެ ބަޔާނެއް ނެތެވެ. އެކަން ކޮމިޝަނަށް ކާމިޔާބުކުރެވިފައި ނެތީ އާއިލާގެ އެއްބާރުލުން ނުލިބޭތީއެވެ. އާއިލާއިން ބުނަނީ ބަޔާން ދޭވަރަށް ޔުމްނުގެ ހާލަތު ރަނގަޅު ނުވާ ކަމަށެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow