2024 ގައި ޣައްޒާ: ހަނގުރާމަ އާއިއެކު ވޭނާއި ކެކުޅުމުގެ އަހަރެއް
ވިއްސާރައިގައި ފެންބޮޑުވެ ހަލާކުވެފައިވާ ފޭލިގެތައް ގައިރީގައި ޣައްޒާގެ ކުޑަކުއްޖަކު ހުއްޓިގެން. ފޮޓޯ: އަލްޖަޒީރާ

2024 ގައި ޣައްޒާ: ހަނގުރާމަ އާއިއެކު ވޭނާއި ކެކުޅުމުގެ އަހަރެއް

3 days ago - 22:25
Jan 2, 2025 - 22:43

ޣައްޒާގެ އަހުލުވެރިން އާ އަހަރާ ކުރުމަތިލީ ހިމާޔަތެއްނެތި, ދިރިއުޅުމުގެ އެންމެ އުނދަގޫ ޙާލަތުގައެވެ. ހަޔާތުގައި ބަޔަކު އުފުލާނެ ތަކުލީފާއި, އިންތިހާ އަނިޔާވެރިކަމުގައެވެ.

2024 ވަނަ އަހަރު ފެށުންއިރުވެސް ޤަތުލްއާންމުގެ ދުވަސްތައް ގުނަމުންދިޔަ ޣައްޒާގައި 2024 ވަނަ އަހަރު އެކަނިވެސް 23,842 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ފާއިތުވި އަހަރު އެކަނިވެސް ބައިލައްލަ މީހުން ޒަޙަމްވިއިރު ހަނގުރާމަ ފެށިފަހުން އިޒްރާއިލްއިން ޣައްޒާގެ 46,376 މީހަކު ވަނީ މަރާލާފައެވެ. ނަމަވެސް މިއީ ހަމައެކަނި ޣައްޒާގެ ހެލްތު މިނިސްޓާރީގެ ރަސްމީ ޢަދަދެވެ. ހަނގުރާމަ މޮނިޓަރ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި ފާއިތުވިދިޔަ 14 މަސް ދުވަހުގެ ތެރޭގައި އިޒްރާއިލްއިން މަރާލި ޣައްޒާގެ ރައްޔިތުންގެ އަދަދު ދެލައްކައަށްވުރެ މަތިވާނެއެވެ.

2024 ވަނަ އަހަރަކީ އިޒްރާއިލްއިން ޣައްޒާ ބަންދުކޮށް ހައިހޫނުކަމުގެ އުކުޅުތައް ބޭނުންކޮށްގެން އެތައްބަޔަކު މަރާލި އަހަރެކެވެ. ހައިހޫނު ކަމުގައި އެތައްހާސް ކުޑަކުދިންނެއް ދުނިޔެ ދޫކުރިއިރު އެހީގެ ޓްރަކްތައް ޣައްޒާއަށް ވަނުމުގެ މަގުތައް އިޒްރާއިލް އިން ބަންދުކޮށްފައި އޮންނަތާ އެތައް މަހެއް ވަނީ ވެފައެވެ. 2024 މާޗުން ފެށިގެން ޣައްޒާއަށް އެތެރެވެވިފައިވަނީ މަދު އެހީގެ ޓްރަކްތަކަކަށެވެ.

Advertisement

2024 ވަނަ އަހަރަކީ ނިޒާމީ ގޮތެއްގައި ޣައްޒާގެ ސިއްޙީ އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮން އިޒްރާއިލްއިން ވަރުގަދަ ހަމަލާތަކެއް ދިން އަހަރެކެވެ. ޣައްޒާގެ ސަރުކާރު މީޑިއާ އާޙަވާލާދީ އަލްޖަޒީރާގައި ވާގޮތުން 34 ހޮސްޕިޓަލް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު 80 ހޮސްޕިޓަލް އެއްކޮށް ވަނީ ބަންދުކުރަން މަޖުބޫރު ކުރުވާފައެވެ.

ފާއިތިވި އަހަރަކީ ނޫސްވެރިންނަށާއި, އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި އެތައްބަޔަކު މަރާލި ބިރުވެރި އަހަރެކެވެ. 'ރައްކާތެރި ސަރަޙައްދުތަކެއް' ކަމުގައި ކަނޑައަޅާފައިވާ އެތައް ތަނެއްގައި ސަލާމަތް ހޯދައިގެން ތިބި އާންމު ރައްޔިތުންގެ ފޭލިގެތަކުގައި ހުޅުޖަހާ ދިރިތިއްބާ އަންދާލިއެވެ. ހުއްޓުމެއްނެތި ރެފިއުޖީ ކޭމްޕްތަކަށް ދަނީ ބޮންއަޅަމުންނެވެ.

އުތުރު ޣައްޒާގައި ތާށިވެފައި ތިބި 400,000 އެއްހާ ރައްޔިތުންނަށް ވޭންދެނިވި އަހަރެކެވެ. އުތުރަށް އެހީގެ އެއްވެސް މިންވަރެއް, ފެންފޮދެއް, ބޭހެއް ނުވަތަ ކާބޯތަކެތީގެ އެއްވެސް މިންވަރެއް ވަނުމުގެ ހަނި ޖާގައެއްވެސް ނެތެވެ. ޖިހާދީން ބަނޑަށް ޖެއްސުމުގެ ނަމުގައި އިޒްރާއިލްގެ އުތުރުގެ މުޅި ނަސްލު ސުންނާފަތިކޮށް ނައްތާލުމާ ގާތަށް ދަނީއެވެ. ކިރިޔާ ބޭނުންކުރެވޭ ހާލަތުގައި ހުރު ކަމާލް އަދުވާން ހޮސްޕިޓަލްގައި ތިބި ބަލި މީހުންނާއި މުވައްޒަފުން ގަދަކަމުން ނެރެ, ހޮސްޕިޓަލްގައި ހުޅުޖަހާ އަންދާލައިފިއެވެ. އުތުރު ޣައްޒާގައި އިންސާނަކު ދިރިއުޅެވޭނެ އެއްވެސް ގޮތެއް މިހާރަކު ނެތެވެ.

އިންސާނީ ޙައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން ބުނާ ގޮތުގައި އިޒްރާއިލްގެ މި އަމަލުތަކަކީ ބައިނަލްއަޤުވާމީ ޤާނުނުތަކާ މުޅިން ޚިލާފަށް އިޒްރާއިލްއިން ހިންގާ އިންސާނިއްޔަތާ ޚިލާފް ޖަރީމާ ތަކެކެވެ. އަދި އިޒްރާއިލްގެ މި ހައްދުފަހަނަ އެޅުމަކީ އދ ގެ ޤަތުލްއާންމު މުއާހަދާގައި 'ޤަތުލްއާންމު' މާނަކޮށްފައި އޮންނަ އޮތުން މުރާޖަޢާ ކުރަންޖެހޭ ކަމަކަށް ވަނީ ވެފައެވެ. އެއީ އިޒްރާއިލްއިން ޣައްޒާގައި ހިންގަމުން މިދާ އުދުވާނަކީ ފޮތްފޮތުގައި ޤަތުލްއާންމުގެ މާނަ ލިޔެވިފައި އޮންނަ އޮތުމަށްވުރެ އަނިޔާވެރިކަން ބޮޑު ކަމެއްކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

"ފާއިތުވި އަހަރަކީ އަހަރެމެންގެ ހަޔާތުގެ އެންމެ އަނދިރި އަހަރު. ކިހިނެތް އެނޫންގޮތަކަށް އަހަރެން ބަޔާންކޮށްދޭނީ! އެއީ އަނިޔާވެރިކަމަށްވުރެ ވޭންދެނިވި ހާލަތެއް" ދިއެރް އެލް-ބަލަހްގެ ފޭލިގެއެއްގައި މިވަގުތު ދިރިއުޅެމުންދާ 52 އަހަރުގެ އީމާން ޝަޤްނޯބީ ބުންޏެވެ. ލަދުވެތިކަމާއި, ބިރާއި ސިހުމުގައި އޭނާ އެއްތަނުން އަނެއްތަނަށް މިހާރު ބަދަލުވީ ކިތަށް ފަހަރުކަން ހުދު އޭނާއަށްވެސް ނޭނގޭކަމުގައި އީމާން އިތުރަށް ބުންޏެވެ.

2024 ވަނަ އަހަރުގެ އެންމެ ފަހު ހަފުތާއަކީ ޣައްޒާގެ ރައްޔިތުންގެ ތަކުލީފުތަކަށް އިތުރު ހިތްދަތިކަމެއް ގެނުވި ހަފުތާއެކެވެ. ގަދަ ވަޔާ ވިއްސާރައިގައި ފޭލިގެތައް ހަލާކުވެ, ފޭލިގެތައް ހިމެނޭ ސަރަޙައްދުތަކުގައި ފެންބޮޑުވެ އެތައްބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. ފިނި މޫސުމުގެ ގަދަ ފިނީގައި ގައިހޫނުކޮށްލާނެ ރަޖައެއްނެތްތާނގައި ފެންފޮދެއް ހޫނުކުރެވޭނެ ގޮތެއްނެތި މިލިއަނަކަށްވުރެ ގިނަ ރައްޔިތުން ތިބީ ގޮތްހުސްވެފައެވެ. ގަނޑުވެގެން ތުއްތުކުދިން މަރުވަމުންދާއި މައިންބައިން ހިތާމާއިން ވަނީ ހިތްހަލާކުވެފައެވެ.

"އަހަރެންގެ ހަ ކުދިން ރޭގައި ނިދީ ތެމި ފޯވެފައި އޮތް ތަންމަތީގަ. އެކުދިންގެ ގައިމަތީގަ އަޅާލާނެ ރަޖައެއް އަހަރެންގެ އަތުގަ ނެތް" އީމާން އަލްޖަޒީރާއަށް ބުންޏެވެ.

40 އަހަރުގެ ޝީރީން އަބޫ ނިދާ ބުނި ގޮތުގައި އޭނާއާއި އޭނާގެ ހަތަރު ދަރިން ހަނގުރާމަ ފެށިފަހުން އުޅޭނީ ވަރަށް ހާލުގައެވެ. މީގެ އަހަރެއްކުރިން އޭނާގެ ފިރިމީހާ އިޒްރާއިލްއިން ވަނީ ވަގަށްނަގާފައެވެ. އޭނާ ދިރިހުރިކަމެއް ނުވަތަ ނޫންކަމެއްވެސް ޝީރީން އަކަށް ނޭނގެއެވެ. ފިންޏާއި ބޯވާރޭގައި, ވީދިފައިވާ ފޭލިގެއެއްގައި ހަތަރުކުރިން ގޮވައިގެން އެކަނި މާ އެކަނި އުޅޭންޖެހުމަކީ ހިތްދަތި ދިރިއުޅުމެއްކަމުގައި ޝީރީން ބުންޏެވެ.

"މުޅި އަހަރު މިދިޔައީ މިހެން. ކުދިން ގޮވައިގެން އެއްތަކުން އަނެއްތަނަށް ބަދަލުވެ ހަމަޖެހުމެއްނެތް ދިރިއުޅުމެއްގައި އެކަނި މާ އެކަނި" ޝީރީން ބުންޏެވެ.

އެކިއެކި ބަލިމަޑުކަމުގައި ތިބި އޭނާގެ 9 ކުދިންނަށް ބޭހެއް ލިބޭނެ ގޮތެއްނެތި, ކާއެއްޗެއް އަދި ސާފު ބޯފެން ފޮދެއްނުލިބި ގޮތްހުސްވެފައި 52 އަހަރުގެ މުސާ އަލީ މުޙައްމަދު ބުނީ ކޮންމެ ދުވަހަކުވެސް އޭނާ މަރުވާނެ ކަމަށް އެދި އުއްމީދު ކުރެވޭކަމުގައެވެ.

ފަލަޞްޠީނުގެ ކޮންމެ މީހެއްގެވެސް އުއްމީދަކީ މި ހަނގުރާމަ އަވަހަށް ނިމުމެވެ. މި ހިތްދަތިކަމުގައި އިތުރު އަހަރެއް ހޭދަކުރަން ނުޖެހުމެވެ.

"ޣައްޒާގެ ރައްޔިތުން މިއުޅޭ ހާލުގައި ދުނިޔޭގެ އެހެންތާކު މީހަކު އުޅޭފާނެހެން ހިއެއްނުވޭ. މިއީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ, އެންމެ ހިތްދަތި އަހަރު' އަބޫ ނިދާ ބުންޏެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow