އަހަރެންގެ ބެލެންޑޯއާ ދޭތެރޭ ރޮނާލްޑޯ ސުވާލު އުފައްދަންޖެހޭ ޖާގައެއްނެތް: ރޮޑްރީ
2024 ވަނަ އަހަރުގެ ބެލެންޑޯގެ ހައްޤުވެރި ފަރާތާ ބެހޭގޮތުން ކްރިސްއާނޯ ރޮނާލްޑޯ ދާދި ފަހުން ދެއްކި ވާހަކަތަކަށް އެވޯޑް ހާސިލްކުރި ރޮޑްރީ ރައްދު ދީފިއެވެ.
ފްރާންސްގެ ފުޓްބޯޅަ މަޖައްލާއިން 1956 ން ފެށިގެން އަހަރަކު އެއްފަހަރު ބާއްވާ ފުޓްބޯޅަ އެވޯޑް 'ބެލެންޑޯ' ފަސް ފަހަރު ރޮނާލްޑޯ ވަނީ ހޯދާފައެވެ.
ބެލެންޑޯގެ ހައްގުވެރި ފަރާތާ ގުޅޭގޮތުން ގިނަ ބައެއްގެ ހިޔާލުތަފާތުވުންތައްކެއް އޭރުވެސް އުފެދި ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. ނަމަވެސް އަރާރުން ފިނިވެ ހަމަޖެހުމެއް ލިބެމުން ދަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާވެސް މިވަނީ ވާހަކައިގެ ކުރި ރޯކޮށްލާފައެވެ. ދުބާއީގައި އޮތް ގްލޯބް ސޮކާ އެވޯޑްސް ހަފްލާގައި ރޮނާލްޑޯ ވަނީ ރޮޑްރީއަށް ވުރެ ރެއާލް މެޑްރިޑްއަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޭއާރަށް އެ އެވޯޑް މާ ޙައްޤުކަމަށް ބުނެފައެވެ.
ރޮނާލްޑޯގެ ވާހަކަތަކާއެކު ރޮޑްރީ ވަނީ އެކަމާ ގުޅިގެން ވާހަކަ ދައްކާފައެވެ. "ރޮނާލްޑޯ އެފަދަ ވާހަކަތަކެއް ދެއްކުމުން އަހަންނަށް ހައިރާން ކަމެއް ލިބުނު. ބެލެންޑޯގެ ކަންކަން ހިނގާ ގޮތް އެންމެ ރަނގަޅަށް އެނގޭނެ އެކަކު އޭނާއަކީ. ވަކިން ހާއްސަކޮށް އެވޯޑް ލިބޭ ފަރާތް ހޮވަނީ ކިހިނެއްކަން" ރޮޑްރީ ބުންޏެވެ.
ރޮޑްރީ އިތުރަށް ބުނީ އޭނާއަށް ވޯޓް ދިނީ އެ އެވޯޑް ލިބެންޖެހޭނެ ކަމަށް ދެކުނު ނޫސްވެރިން ކަމަށާއި, އެމީހުންނަކީ މީގެ ކުރިން އެ އެވޯޑް ރޮނާލްޑޯއަށް ލިބެންޖެހޭނެ ކަމަށް ދެކުނު ނޫސްވެރިންނަށް ވުމަކީވެސް ވެދާނެކަމެއް ކަމަށެވެ. އަދި އެކަމާ ހުދު ރޮނާލްޑޯވެސް އެއްބަސްވާނެހެން އެނާއަށް ހީވާކަމުގައިވެސް ރޮޑްރީ ބުންޏެވެ.
28 އަހަރުގެ ރޮޑްރީ ބެލެންޑޯ ހާސިލްކުރި އިރު މެންޗެސްޓަރ ސިޓީއާއެކު ފާއިތުވި ސީޒަންގައި އޭނާވަނީ ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ. އަދި ސްޕެއިންގެ ޤައުމީ ޖާޒީގައި ޔޫރަޕިއަން ޗެމްޕިއަންޝިޕްވެސް ވަނީ ޙާސިލްކޮށްފައެވެ.
ބެލެންޑޯގެ ފައިނަލް ވޯޓިންގައި ރޮޑްރީއަށް ލިބުނީ 1170 ޕޮއިންޓެވެ. ދެވަނައށް ދިޔަ ވިނީޝިއުސްއަށް 1129 ޕޮއިންޓް ވަނީ ލިބިފައެވެ. ރޮޑްރީއަށް ބެލެންޑޯ ލިބޭނެކަމަށް ބެލެވުމާއެކު ރެއާލް މެޑްރިޑުންވަނީ ބެލެންޑޯ ހަފްލާ ބޮއިކޮޓްކޮށްފައެވެ. ސްޕެއިންގެ މީޑިއާއިން ތުހުމަތު ކުރާގޮތުގައި ރަސްމިއްޔާތަށް ރެއާލުން ހާޒިރުނުވީ ޔުއެފާއިން ނުފޫޒުފޯރުވައިގެން ވިނީޝިއުސްއަށް ލިބެން އޮތް އެވޯޑް ރޮޑްރީއަށް ދޭން ނިންމުމާ ގުޅިގެންނެވެ.
ރިއެކްޝަންސް