ޕްރިމިއަރ ލީގު: ޗެލްސީ ބަލިކޮށް ލިވަޕޫލް އިން އެއްވަނަ މަޤާމް ދިފާއުކޮށްފި, ސިޓީ އަށް އުނދަގޫ މޮޅެއް
އެންފީލްޑްގައި އާދިއްތަ ދުވަހު 2-1 ން ޗެލްސީ ބަލިކޮށް, ތާވަލްގެ އެއްވަނަ މަޤާމް ލިވަޕޫލުން ދިފާއުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ގޯލް 29 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ކާމިޔާބު ކުރީ ލިވަޕޫލްގެ މުޙައްމަދު ޞަލާޙް އެވެ.
މެޗުގައި ގިނަވަގުތު މޮޅަށް ކުޅުނީ ލިވަޕޫލްއިން ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ޗެލްސީން ތަނަވަސްކުރިއެވެ. އަދި ގޯލާ އަމާޒުކޮށް ގިނަ ބޯޅަތަކެއްވެސް ފޮނުވާލިއެވެ. ނަމަވެސް 51 ވަނަ މިނިޓްގައި ދެވަނަ ގޯލެއް ޖަހާ ލިވަޕޫލްއިން ވަނީ ލީގުގައި އެމީހުންނަށް މިހާތަނަށް ކުރިމަތިލާންޖެހުނު އެންމެ ވަރުގަދަ އިމްތިހާނުން ފާސްވެފައެވެ. މުޙައްމަދު ޞަލާޙް ތަނަވަސްކޮށްދިން ފުރުޞަތުގައި ޗެލްސީ މޮޅުކޮށްދިނީ ކާޓިސް ޖޯންސްއެވެ.
މި ނަތީޖާއާއެކު އަށް މެޗުން 21 ޕޮއިންޓް ހޯދައިގެން ތާވްލްގެ އެންމެ ކުރިގައި އޮތީވެސް ލިވަޕޫލްއެވެ. 14 ޕޮއިންޓާއެކު ޗެލްސީ އޮތީ ތާވަލްގެ ހަ ވަނައިގައެވެ.
20 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީން އާދިއްތަ ދުވަހު ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ އިތުރު ވަގުތުގެވެސް ފަހުވަގުތުއެވެ. ޑިފެންޑަރު ޖޯން ސްޓޯންގެ ގޯލާއެކު ސީޓިން މެޗު ކާމިޔާބުކުރީ 2-1 ން ނެވެ. މި މޮޅާއެކު ލީގުގައި ސިޓީން ބަލިނުވުމުގެ ރެކޯޑްވަނީ ދަމަހައްޓާފައެވެ.
މެޗު ފެށިގެން ނިމެންދެންވެސް މުޅި މެޗު ޑޮމިނޭޓްކޮށްގެން ކުޅުނީ ސިޓީންނެވެ. ނަމަވެސް 7 ވަނަ މިނިޓްގައި ވުލްވްސްގެ ނެލްސަން ސަމޭޑޯ ނަގައިދިން ރީތި ހުރަހެއް ޖޯގަން ސްޓްރާންޑް ގޯލަށް ފޮނުވާލުމާއެކު ސިޓީއަށްވެސް ކުއްލި ސިހުމެއް ލިބިގެންދިޔައެވެ. އޭގެ ފަހުންވެސް ސަމޭޑޯއަށް ލީޑު ފުޅާކުރާނެ ރަނގަޅު ފުރުޞަތެއް ލިބުން ނަމަވެސް ކީޕަރު އެންޑަރސަން ވަނީ ބޯޅަ ދިފާއުކޮށްފައެވެ.
އެންމެ ފަހުގެ ޗެމްޕިއަން ސިޓީން ގޯލެއް ކާމިޔާބުކޮށް ނަތީޖާ އެއްވަރުކުރީ 33 ވަނަ މިނިޓްގައިއެވެ. ޖެރެމީ ޑޮކޫ ތަނަވަސްކޮށްދިން ފުރުޞަތު ގޯލަކަށް ބަދަލުކޮށްލީ ޑިފެންޑަރު ހޮސްކޯ ގްވާޑިއޮލް އެވެ. އިތުރު ވަގުތުގެ 5 ވަނަ މިނިޓްގައި ޖޯން ސްޓޯން ސިޓީއަށް ލީޑު ނަގައިދިންއިރު މެދުތެރެއަށް ކުޅޭ ބެނާޑޯ ސިލްވަރ ހުރީ އޮފްސައިޑް ޕޮޒިޝަންގައިތޯ ބަލަން ވީއޭއާރުގެ އެހީވެސް ހޯދިއެވެ. ވީއޭއާރުން ގޯލެއްކަށް ނިންމުމާއެކު ކޯޗް ޕެޕް ގާޑިއޯލާ އާއި ސަޕޯޓަންވެސް ވަރަށް ބޮޑަށް އުފާފާޅުކޮށްފައި ވެއެވެ. މެޗުން މޮޅުވި ގޯލް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވީ ފިލް ފޮޑެންއެވެ.
މެޗަށްފަހު ސްޓޯންސް ބުނެފައިވަނީ މިއީ އުނދަގޫ މެޗެއްކަމަށާއި, އޭގެ ކްރެޑިޓް ވުލްވްސްއަށް ދޭންޖެހޭ ކަމަށެވެ. ސިޓީ ހުއްޓުވާ, ހަމަލާތައް އުފައްދަން އެމީހުންކުރި މަސައްކަތުގައި ސިޓީއަށް މޮޅުވެވުނީ އުނދަގުލުން ކަމުގައި އޭނާ ފާހަގަކުރިއެވެ.
ރިއެކްޝަންސް