ސްޕެނިޝް ލަލީގާ: ބާސެލޯނާއިން ސެވިއްޔާގެ މައްޗަށް ބޮޑު މޮޅެއް
ހޯމަ ދުވަހު ލަލީގާގައި ބާސެލޯނާއިން 5-1 ން ސެވިއްޔާ ބަލިކޮށްފިއެވެ. މި މޮޅާއެކު ލީގުގައި ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗު ބާސާއިން ވަނީ ކާމިޔާބުކޮށްފައެވެ. ލަލީގާގެ އެންމެ ފޯރިގަދަ ކުރިމަތިލުން "އެލް ކްލެސީކޯ" ފެށޭ ހަފުތާގައި އޮންނަ އިރު, ތިން ޕޮއިންޓްގެ ލީޑަކާއެކު މިހާރުވެސް ބާސެލޯނާ އޮތީ ތާވަލްގެ އެންމެ ކުރީގައެވެ.
މެޗުގެ ފުރަތަމަ ގޯލް 24 ވަނަ މިނިޓްގައި ޕެނަލްޓީއަކުން ބާސެލޯނާއަށް ކާމިޔާބުކޮށްދިނީ ލެވަނަޑޮސްކީ އެވެ. ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އަދި އަންސޫ ފަޓީގެ ފަރާތުން ސެވިއްޔާގެ ގޯލަށް ނުރައްކާ ކުރަމުން ދިޔަ މެޗުގެ ދެވަނަ ގޯލް 28 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕެޑްރީ އެވެ. އެއީ ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ނަތީޖާ 3-0 ށް ބަދަލުކޮށްލާފައެވެ. ތިންވަނަ ގޯލް 39 ވަނަ މިނިޓްގައި ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތުގައި ކާމިޔާބުކުރީ ވެސް ލެވަންޑޮސްކީ އެވެ. މި ސީޒަން ފެށުނު އިރުވެސް ރަނގަޅު ފޯމެއްގައި ހުރީ ލެވަންޑޮސްކީ މިހާތަނަށް ވަނި 11 ގޯލް މިސީޒަނުގައި ބާސެލޯނާއަށް ކާމިޔާބުކޮށްދީފައެވެ. ބާސާގެ ފަހު ދެ ގޯލް 82 އަދި 88 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ޕައު ޓޮރޭސްއެވެ.
ސެވިއްޔާއަށް ޕްރެޝަރު ބޮޑުވެގެން ދިޔަ ނަމަވެސް އެޓީމުން ވަނީ ބާސެލޯނާގެ ގޯލް ފޫއަޅުވާލުމުގައި ކާމިޔާބު ހޯދާފައެވެ. މެޗު ނިމެން ކައިރިވެފައި ވަނިކޮށް ސެވިއްޔާގެ ހަމައެކަނި ގޯލް 87 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޑުންބޯމު މުޒާމްބޯއެވެ.
މެޗުން މޮޅުވެ ތިން ޕޮއިންޓް ހޯދި ބާސެލޯނާ އެލް ކްލެސީކޯގެ ކުރިން އަދި ބަޔާން މިއުނިކްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅޭނެއެވެ. ވިދިވިދިގެން ތިން މެޗުން މޮޅުވެފައި ވަނިކޮށް ހޯމަ ދުވަހުގެ ބޮޑު ބައްޔާއެކު ސެވިއްޔާއަށް ދެން އޮތީ އެސްޕަނިޔޯލްއާ ވާދަކުރާ މެޗެވެ.
ރިއެކްޝަންސް