ލިވަޕޫލްގެ ކީޕަރު އެލިސަން އަށް އަނިޔާވެ ހަ ހަފުތާއަށް ކުޅުމާ ދުރަށް!
އެލިސަން ބެކާ: ފޮޓޯ-ލިވަޕޫލް

ލިވަޕޫލްގެ ކީޕަރު އެލިސަން އަށް އަނިޔާވެ ހަ ހަފުތާއަށް ކުޅުމާ ދުރަށް!

9 days ago - 21:31
Oct 9, 2024 - 21:32

އަނިޔާގެ ސަބަބުން ނޮވެމްބަރު ފަހުކޮޅާ ހަމައަށް ލިވަޕޫލްގެ ފުރަތަމަ ކީޕަރު އެލިސަން ސްކޮޑުން ނުފެންނާނެ ކަމަށް ލިވަޕޫލްއިން ޔަޤީންކޮށްދީފިއެވެ. އެލިސަންއަށް އަނިޔާވީ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެ 0-1 ން މޮޅުވި މެޗުގައެވެ. ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުން އިތުރަށް ކުރިއަށް ނުގެންދެވި މެޗުގެ 79 ވަނަ މިނިޓްގައި އެލިސަން ވަނީ ބަދަލުކޮށްފައެވެ. 

32 އަހަރުގެ އެލިސަންގެ ބަދަލުގައި އާދިއްތަ ދުވަހުގެ މެޗުގައި ކުޅެން ނިކުމެފައިވަނީ ލިފަޕޫލްގެ ތިންވަނަ ކީޕަރު ވިޓެޒްލާވް ހޮރެސް އެވެ. ނަމަވެސް އެލިސަން އަށް އަނިޔާ ވުމާއެކު, އޭނާގެ ބަދަލުގައި ދެން ލިވަޕޫލްގެ ގޯލް ބަލަހައްޓާނީ ދެވަނަ ކީޕަރު އަލަޔެންޑްގެ ކޮއިމިން ކެލެހާ އެވެ.

ލިވަޕޫލްއިން އާ ކޯޗު,އާނެ ސްލޮޓް އާއެކު އާފެށުމަކުން ފަށާ, ރަނގަޅު ނަތީޖާ ތަކެއް ދަނީ ހޯދަމުންނެވެ. 18 ޕޮއިންޓާއެކު ޕްރިމިއަރ ލީގު ތާވަލުގެ އެންމެ ކުރީގައި މިވަގުތު އޮތީ ލިވަޕޫލް އެވެ. ނަމަވެސް އެމީހުންގެ އެންމެ އިތުބާރު ކީޕަރު އެލިސަން ނެތި މުހިއްމު މެޗުތަކަކާ ކުރިމަތީލާން ޖެހުމަކީ ލިވަޕޫލަށް ލިބޭނެ ބޮޑު ހުސްކަމެކެވެ.  

އިންޓަނޭޝަނަލް ބްރޭކަށްފަހު ޕްރިމިއަރ ލީގުގައި އަމިއްލަ ދަނޑުގައި ޗެލްސީއާ ދެކޮޅަށް ލިވަޕޫލް ކުޅޭނެއެވެ. އަދި އެއަށްފަހު ޗެމްޕިއަންސް ލީގުގައި އާރުބީ ލައިޕްޒިންގްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗުވެސް ކުރިއަށް އެބައޮތެވެ. ޕްރިމިއަރ ލީގުގައި އާސެނަލްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ކުޅޭ މެޗަށްފަހު ބްރައިޓަންއާ ދެކޮޅަށް ކުޅޭނީ ބްރައިޓަންގެ ދަނޑުގައެވެ. އަމިއްލަ ދަނޑުގައި ބަޔާން ލެވަކޫސަންއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލްއިން ވާދަކުރާނީވެސް ކީޕަރު އެލިސަން ނެތިއެވެ. 

Advertisement

އަނިޔާއަށްފަހު އެލިސަން ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެކަމަށް ބެލެވެނީ ނޮވެމްބަރު 24 ގައި  ޕްރިމިއަރ ލީގުގައި ސައުތަމްޕްޓަންއާ ދެކޮޅަށް ކުޅޭ މެޗުގައެވެ. 

އެލިސަން އަށް އަނިޔާވެ ކުޅުމާ ދުރަށް ދާންޖެހުމުން މާޔޫސްވެފައި ހުރި ކޯޗު ސްލޮޓް ބުނީ އެލިސަން އަކީ އެމީހުންގެ އެއް ނަމްބަރު ކީޕަރު ކަމަށާއި, މުޅި ދުނިޔޭގެވެސް އެންމެ މޮޅު ގޯލް ކީޕަރު ކަމަށެވެ. އެލިސަން ނެތްތަން ވަރަށް ބޮޑަށް ދައްކާނެކަމަށާއި, ނަމަވެސް ދެވަނަ ކީޕަރު ކެލެހާ އަށް އޭނާގެ އިތުބާރު އެބަ އޮތް ކަމަށްވެސް ސްލޮޓް ބުނެފައިވެއެވެ.

ފާއިތުވި ސީޒަންގައިވެސް އެލިސަންގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ ޕްރިމިއަރ ލީގުގެ 10 މެޗު އޭނާއަށް ގެއްލުނެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow