އިނގިރޭސި ވިލާތުގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ކޯލް ޕާމާއަށް
އިނގިރޭސި ވިލާތުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ޗެލްސީގެ ފޯވާޑް ކޯލް ޕާމާ ހޯދައިފިއެވެ. ޕާމާ 2023-2024 ވަނަ އަހަރުގެ ސީޒަންގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވާކަން އިނގިރޭސި އެފްއޭ އިން އިއުލާން ކޮށްފައިވަނީ އަންގާރަ ދުވަހުއެވެ.
އިނގިރޭސި ސަޕޯޓަރުންގެ މެދުގައި ވޯޓްލައިގެން ހޮވާ މި މަޤާމްގެ ދެވަނަ ހޯދީ ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންގހަމް އެވެ. ތިންވަން ލިބުނީ އާސެނަލްގެ ބުކާޔޯ ސަކާ އަށެވެ. 2023 ނޮވެމްބަރު މަހު އިނގިރޭސި ޤައުމީ ޓީމަށް ކުޅެންފެށި 22 އަހަރުގެ ޕާމާ ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލްކަމެއް ހޯދާފައެވެ. ގައުމީ ޖަރޒީގައި އޭނާގެ ފުރަތަމަ ގޯލް ޖެހީ މެއި މަހު ބޮސްނިއާ ހެޒަގޮވީނާއާ ދެކޮޅަށެވެ.
ޔޫރޯ-2024 ގައި އިނގިރޭސި ވިލާތުން ކުޅުނު އެއްވެސް މެޗެއްގެ ފުރަތަމަ އެގާރައިން ޖާގަ ލިބިފައި ނުވިނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޕާމާ ވަނީ އެމުބާރާތުގައި ތަފާތު ދައްކާފައެވެ. ފައިނަލް މެޗްގައި ސްޕެއިން ކޮޅަށް އިނގިރޭސިން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ. 70 ވަނަ މިނިޓްގައި ކުޅުމެގެ ތެރެއަށް ނިކުމެ ޕާމާ ވަނީ ތިން މިނިޓް ތެރޭގައި ގޯލް ކާމިޔާބުކޮށް އިނގިރޭސިންނަށް އުއްމީދު އާކޮށްދީފައެވެ. އަދި ސެމީފައިނަލްގައި ނެދަލޭންޑްސް ބަލިކޮށް މުބާރާތުގެ ފައިނަލަށް އިނގިރޭސިން ގެންގޮސްދިނީވެސް ކޯލް ޕާމާ އަދި އޮލީ ވަޓްކިންސް ކާމިޔާބު ކުރި ދެ ގޯލާއެކުއެވެ.
ފާއިތުވި ސީޒަންގައި މެންޗެސްޓަރ ސިޓީއަށް ކުޅުނު ޕާމާ ވަނީ ޕްރިމިއަރ ލީގުގައި ސިޓީއަށް 22 ގޯލް ކާމިޔާބު ކޮށްދީފައެވެ. އަދި ޗެލްސީއާއެކު މިސީޒަނުގައި މިހާތަނަށް 7 މެޗު ކުޅެ 6 ގޯލް ކާމިޔާބުކޮށްފައިވާ އިރު ޕާމާ މިވަގުތު ވެސް ހުރީ ރަނގަޅު ފޯމުގައެވެ.
ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޕާމާ މިހާރު ހުރީ އިނގިރޭސި ޓީމާއެކު އެވެ. ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތް އަމިއްލަ ގައުމުގައި ގްރީސްއާ ދެކޮޅަށް ނިކުންނާއެވެ. އަދި އޭގެ ތިން ދުވަސް ފަހުން ފިންލެންޑާ ދެކޮޅަށް ކުޅޭ މެޗު އެގައުމުގައި އޮންނާނެއެވެ. ނޭޝަންސް ލީގުގެ މެޗުތައް ބުރާސްފަތި ދުވަހު ފަށާއިރު ކެޕްޓަން ހެރީ ކޭން އަށް ވަނީ އަނިޔާވެފައެވެ.
ރިއެކްޝަންސް