މިނިވަންކަމާއި, ސިޔާދަތަށް ބުރޫއަރާ އެއްވެސް ނިންމުމެއް ނުނިންމަވާކަމުގެ ޔަގީންކަން ރައީސް ދެއްވައިފި
އިންޑިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރާއްޖޭގެ މިނިވަންކަމާއި, ސިޔާދަތަށް ބުރޫއަރާ އެއްވެސް ނިންމުމެއް ނުނިންމަވާކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފި އެވެ. އިންޑިޔާ ދަތުރުގެ އެންމެ ފަހު މަންޒިލް, ބެންގަރޫރުގައި އެގައުމުގައި ދިރިއުޅެމުންދާ ދިވެހިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު އޮތީ ރިޔާސީ އިންތިޚާބުގައިވެސް ވައުދުވީ ގޮތަށް ރައްޔިތުން އިސްކުރުމުގެ ސިޔާސަތެއްގެ ގޮތުގައި ކަމަށެވެ. ރައީސް ވިދާޅުވީ މިސަރުކާރުން ގައުމުތަކާ އޮންނާނީ ކޮންކަހަލަ ގުޅުމެއްކަން ފުރަތަމަ ދުވަހު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށަން މެނިފެސްޓޯ ލޯންޗްކުރަން ބޭއްވި ޖަލްސާގައި އިއުލާނުކުރެއްވި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ދެމިހުންނެވީ އެސިޔާސަތުގެ މަތީގައި ކަމަށާއި, އެއީ އަބަދުވެސް ކުރިއަށްގެންދާނެ ސިޔާސަތު ކަމަށެވެ. އިންޑިޔާ ދަތުރުގައިވެސް އިސްކުރެއްވީ ދިވެހިރައްޔިތުންނާއި ގައުމު ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އަޅުގަނޑު އެރޭ (މެނިފެސްޓޯ އިއުލާނުކުރިރޭ) ދެންނެވިން ދިވެހި ރައްޔިތުންނަށް ދިވެހި ގައުމަށް ފަހިވާގޮތަށް ކަންކަން ހަމަޖެހިގެންދާ ގޮތަށް, ރައްޔިތުންނަށް ކަންކަން ފަހިކުރެވޭ ގޮތަށް, އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ގައުމަކާ އެކީގައި ގާތްގުޅުން ބާއްވާނަމޭ. އެގާތްގުޅުން ބާއްވާއިރުގާ އަޅުގަނޑުމެންގެ މިނިވަންކަމާއި, ސިޔާދަތާ އިސްތިޤްލާލު ކަށަވަރުވާކަން އަބަދުމެ ކަށަވަރުކުރާނަމޭ. އެއީ ސިޔާސަތަކީ. އެސިޔާސަތުގެ މަތީން އެދުވަހުން ފެށިގެންވެސް މިއަދާ ހަމައަށްވެސް އަދި ކުރިއަށް އޮތްތަނުގައިވެސް އަޅުގަނޑު މަސައްކަތް ކުރާނީ." ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އެވިޑައިގެންނެވީ އެކަމުގައި އެއްވެސް ދިވެހި ރައްޔިތެއްގެ ހިތުގައި ޝައްކެއް ނުބޭއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިޔާ ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ. ދަތުރުން އެމަނިކުފާނު ކަނޑައެޅުއްވި މަގްސަދު ހާސިލްވެއްޖެ ކަމަށް ވިދާޅުވިއެވެ. ދަތުރުގައި ރައްޔިތުންނަށް ކަންކަން ފަހިވެގެންދާގޮތަށް, ދިވެހިރައްޔިތުންގެ ހައްގުގައި ރައްޔިތުންނަށް މުހިއްމު ކަންތައްތަކަކަށް މަސައްކަތްތަކެއް ފެށި, މަގު ހުޅުވިގެންދިޔަ ކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް