
ދިއްގަރުގައި ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
މ. މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ފަށާފަ
މ.ދިއްގަރުގައި ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ މ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވެވި ރަސްމިޔާތުގެ ތެރެއިންނެވެ.
ދިއްގަރުގައި އިމާރާތް ކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މިމަޝްރޫޢުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމްއެވެ. އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ.
ދިއްގަރުގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކުރީ 105.1 މިލިޔަން ރުފިޔާއަށެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މީގެއިތުރުން މ. މުލަކު ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އައު އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މިމަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުލަކަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ.
މަސައްކަތް ފައްޓަވައިދެއްވީ، ސިއްޙީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާޙިމްއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއެވެ. މިއީ 24.5 މިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.
ރިއެކްޝަންސް






