އުތުރު ޣައްޒާގައި އިޒްރާއިލްއިން ހިންގާ ކަންތައްގަނޑުގެ ހަޤީގަތަކީ ކޮބާ!
އުތުރު ޣައްޒާގައި އިޒްޜާއިލްއިން ސުންނާފަތިކޮށްލާފައިވާ ހިސާބެއްގައި ހުރި އދ ގެ ސްކޫލެއް, ފޮޓޯ: ރޮއިތާސް

އުތުރު ޣައްޒާގައި އިޒްރާއިލްއިން ހިންގާ ކަންތައްގަނޑުގެ ހަޤީގަތަކީ ކޮބާ!

1 month ago - 06:48
Oct 21, 2024 - 07:38

އިޒްރާއިލްއިން އުތުރު ޣައްޒާއާއި ދުނިޔެއާ ގުޅުން ކަނޑުވާލާ, އެހީގެ އެއްވެސް މިންވަރެއް އެތެރެވިޔަނުދީ އޮންނަތާ މިއީ 18 ވަނަ ދުވަހެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް ނުލިބި, އުތުރު ޣައްޒާއިން ލިބެންހުރި މަދު ކާބޯތަކެތީގެ ބާވަތްތައް ހުސްވެ މުޅި އުތުރު ޣައްޒާ މިހާރު އޮތީ މިފަހުން ދުނިޔެ ނުދެކޭފަދަ އިންސާނީ ބޮޑު ކާރިސާއެއްގައެވެ. އިންސާނުން ބަނޑަށް މަރުވާން ދޫކޮށް އެވަރުން ނުފުދި, ކޮންމެ ދުވަހަކު އެތައްބަޔަކު ދަނީ މަރަމުންނެވެ.

އިޒްރާއިލްއިން ކުރަނީ ކީއް!

ފާއިތުވެދިޔަ ދެހަފުތާއަކި އުތުރު ޣައްޒާގައި ތާށިވެފައި ތިބި ފަލަޞްޠީން މީހުންގެ ކެތްތެރިކަމުގެ އިމްތިޙާންގެ އެންމެ އުނދަގޫ ދުވަސްތަކެވެ. ޖަބާލިއާ އަދި އަލް މަޤާޒީ ރެފިއުޖީ ކޭމްޕްތަކަށާއި, އަލްއަވްދާ އަދި ކަމާލް އަދްވާން ހޮސްޕިޓަލަށް ވަރުގަދަ ހަމަލާތަކެއް ދީ އެތައްބަޔަކު މަރާލާފައިވެއެވެ. ހޮނިހިރު ދުވަހު ބެއިތު ލަހިޔާއަށް ދިން ހަމަލާގައި އެކަނިވެސް 100 އެއްހާ މީހުން މަރާލިއެވެ. އަދިވެސް މިސަރަޙައްދުތަކުގައި އިޒްރާއިލްގެ އުދުވާނު ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. ހަމަލާތަކުން ރައްކާތެރިކަން ލިބޭތޯ ތަންތަނުގައި އާންމުން ތާށިވެ, ނިކުމެވޭނެ ގޮތެއްވެސް ނެތެވެ. މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމުދުން ރައްކާތެރިކަމެއް ނެތެވެ.

Advertisement

އިޒްރާއިލްގެ އަސްކަރިއްޔާއިން އުތުރު ޣައްޒާއާއި ދެކުނު ޣައްޒާ ވަނީ އަސްކަރިއްޔާގެ އުޅަނދުތަކުން ވަކިކޮށްލާފައެވެ. ޑްރޯންތައް ހުއްޓުމެއްނެތި ސަރަހައްދުގެ ފޯރިމަރަމުންދާއިރު އުތުރު ޣައްޒާއަށް އެއްވެސް އެހީތެރިކަމެއް ވެދެވެން އޮތް ހުރިހާ މަގެއް ވަނީ ބަންދުކޮށްފައެވެ. އދ ގެ އެހީގެ ޕްރޮގްރާމް ކުރިއަށް ނުގެންދެވި އުތުރު ޣައްޒާގައި ހުއްޓާލާފައިވާއިރު, އިންސާނީ އެހީގެ އެއްވެސް މިންވަރެއް އޮކްޓޯބަރު މަހުގެ 1 ން ފެށިގެން އުތުރު ޣައްޒާއަށް އެތެރެކުރެވިފައި ނުވާކަމަށް ވަރލްޑް ފުޑް ޕްރޮގްރާމްއިން ބުނެފައިވެއެވެ. އެއީ ހަނގުރާމަ ފެށިފަހުން އުތުރު ޣައްޒާއަށް ކާބޯތަކެތި ލިބެމުންދިޔަ ހަމައެކަނި މަގެވެ.

ސަބަބަކީ ކޮބާ!

އިޒްރާއިލްއިން ބުނެފައިވަނީ ޖަބާލިއާ އަށް ދިން ހަމަލާތަކުގެ އަމާޒަކީ އެތަނުގައި ހަމާސްގެ ހަނގުރާމަވެރިން އެއްތަންވިޔަ ނުދިނުން ކަމަށެވެ. އަދި ހަމާސްގެ ބާރު އުތުރުން އެއްކޮށް ކަނޑުވާލާ މުލުން ލުހެލުމެވެ.

އުތުރު ޣައްޒާގައި ދިރިއުޅޭ އާންމުންނަށް ވަނީ ކިހިނެތް!

އުތުރުން ލިބޭ މަދު މައުލޫމާތުތަކުން އެނގޭ ގޮތުގައި މިއީ މުޅި އަހަރުގައިވެސް އެމީހުންނަށް ކުރިމަތިވި އެންމެ ބިރުވެރި ދުވަސްތަކެވެ. ޒަޚަމްވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނޭކަމަށާއި, ހޮސްޕިޓަލް އަށް ގެންދެވޭ ހަށިތައް ލެއިން ފޯވެ, ބައިތައް ނެތިފައިވާކަމަށް އުތުރާ ހަވާލާދި މެދުތެރޭ ޣައްޒާގައި ހުންނަ އަލްޖަޒީރާގެ ރިޕޯޓަރު ހާނީ މުހައްމަދު އަލްޖަޒީރާއަށް މައުލޫމާތު ދީފައި ވެއެވެ. ޑޮކްޓަރސް ވިތައުޓް ބޯޑަރސްގެ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓާ ހަވަލާދީ އެނޫހުގައި ވާގޮތުން ހަމަލާތަކުން ރައްކާތެރިކަން ހޯދުމަށް ދުވަމުންދާ އާންމުންގެ ގަޔަށްވެސް އިޒްރާއިލްގެ ސްނައިޕަރުން ބަޑިޖަހާ ދަނީ މަރަމުންނެވެ. އެއީ ސަރަހައްދު ދޫކޮށް ދިއުމުގެ އަމުރުތައްވެސް ނެރެފައިވަނިކޮށް ކަމަށްވެސް މައުލޫމާތު ދީފައި ވެއެވެ. އެހެން ކަމުން ބައެއް މީހުން ސަރަޙައްދު ދޫކޮށް ނުގޮސްވެސް ތިބެއެވެ. އެއީ އެތާ ތިއްބަސް, އަދި އަމުރަށް ކިޔަމަންވެ ދިޔަޔަސް އެމީހުން މަރާލާނެކަން ޔަޤީންވާތީ ކަމުގައި އެމީހުން ބުނެއެވެ. ފާއިތުވި ހަފުތާގައި އެކަނިވެސް އުތުރުގައި 500 އަށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް މޮނިރް އަލް-ބާޝްއާ ހަވާލާދި ފަލަޞްޠީނުގެ ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

އެތައްހާސް ބަޔަކު ޖަބާލިއާ ރެފިއުޖީ ކޭމްޕްގައި ތޮއްޖެހިފައިވާއިރު އދ ގެ ރިލީފް ވަރކް އެޖެންސީ އުންރުވާ އިން މައުލޫމާތު ދޭގޮތުގައި އުތުރު ޣައްޒާގައި ތާށިވެފައި 400,000 މީހުން އެބަތިއްބެވެ. ސިއްޙީ އެހީތެރިންނަށާއި އެމްބިއުލާންސް ތަކަށްވެސް އެއްވެސް ބެލުމެއްނެތި އިޒްރާއިލްއިން ދަނީ ހަމަލާދެމުންނެވެ.

އިޒްރާއިލްއިން ބޭނުންވެގެން މިއުޅޭނީ ކޮންކަމެއް! ޣައްޒާ ޙިޞާރުކުރުންތަ!

އިޒްރާއިލްގެ ހާރެޓްޒް ނޫހުގެ ކޮލަމިސްޓް, ގިޑޯން ލެވީ އަލްޖަޒީރާއަށް ބުނެފައިވާ ގޮތުގައި އިޒްރާއިލްގެ ސަރުކާރުގެ އަމާޒަކީ އުތުރު ޣައްޒާއިން ފަލަޞްޠީނުގެ ރައްޔިތުން ބޭރުކޮށް, ފަލަޞްޠީނުގެ ނަސްލު އެއްކޮށް ނައްތާލުމެވެ.

"އިޒްރާއިލްއިން ކަނޑައަޅައިފި އަސްކަރީ ޖަމާއަތެއްގެ ގޮތުގައި އޮތް ހަމާސްގެ ބާރު ކަނޑުވާލެވިއްޖެ ކަމަށް. ދޭން ކީއްވެ އަދިވެސް ހަމަލާތައް ހުއްޓާނުލާ ކުރިއަށްދަނީ! ސަބަބަކީ އިޒްރާއިލްއިން ބޭނުންވަނީ އުތުރު ޣައްޒާއިން ފަލަޞްޠީންގެ ރައްޔިތުން ހުސްކޮށް އެތަން އިޒްރާއިލްގެ ފުރިހަމަ ބާރުގެ ދަށަށް ގެންނަން" އޭނާ ބުންޏެވެ.

އިޒްރާއިލްއިން ޣައްޒާއިން ފައިބައިފައިވަނީ 2005 ވަނަ އަހަރުއެވެ. ނަމަވެސް 2007 ވަނަ އަހަރުން ފެށިގެން ޣައްޒާއަށް އެއްގަމާއި, ވައިގެ އަދި ކަނޑުން އެތެރެވޭނެ އެންމެހާ މަގެއް އިޒްރާއިލްއިން ވަނީ ބަންދުކޮށްފައެވެ. ބަންދުވެގެން ތިބޭތާ 17 އަހަރު ފަހުން މިފެށި ހަނގުރާމައިގައި އުތުރު ޣައްޒާ އެއްކޮށްހެން މިހާރުވަނީ އިޒްރާއިލްގެ ކޮންޓްރޯލްގެ ދަށުގައެވެ. އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ލަފައަކީ ހުޅަނގު އައްސޭރިގޮތަށް ޣައްޒާވެސް ފަލަޞްޠީން އޮތޯރިޓީން މަދަނީ ކަންކަން ބަލަހައްޓާގޮތަށް މުޅި ޣައްޒާ ހިޞާރުކުރުން ނަމަވެސް ޣައްޒާއާ މެދު އިޒްރާއިލްގެ ހަޤީގީ މަޤްސަދު އުތުރުގައި ކުރަމުންދާ ކަންތަކުން ހާމަވާން އެބައޮތްކަމަށް ލެވީ ބުންޏެވެ.

އިޒްރާއިލް ޣައްޒާ ޙިޞާރުކުރުން ގާނޫނީ ހަމައަކުން ހުއްދަވާނެތަ!

17 އަހަރު ވަންދެން އިޒްރާއިލްއިން ޣައްޒާގެ ރައްޔިތުންގެ މޫވްމެންޓްސް ރެސްޓްކޮށްފައި އޮތް އޮތުމާއި, ޣައްޒާއަށް އިންސާނީ އެހީލިބޭނެ ދޮރާށިތައް އިޒްރާއިލްގެ ކޮންޓްރޯލްގައި ހުރުމާއި އެކު އދ އަދި އެމްނެސްޓީ އިންޓަނޭޝަނަލްއިން ދެކޭގޮތުގައި 2005 ގައި އިޒްރާއިލްއިން ޣައްޒާއިން ފޭބިނަމަވެސް ޣައްޒާއޮތީ އިޒްރާއިލްގެ "އަޅުވެތިކަމުގެ ދަށުގައެވެ". ނަމަވެސް އަސްކަރީ ގޮތުން ޣައްޒާ އިޒްރާއިލްގެ ބާރުގެ ދަށަށް ގެނައުންވާނީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ޚިލާފުވުންކަމަށެވެ. އަދި ހުޅަނގު އައްސޭރި ހިޞާރުކޮށްފައި އޮތްގޮތަށް ޣައްޒާއާމެދު އަމަލުކުރުންވެސް މިނޭނީ ހަމަ ޤާނޫނުތަކާ ޚިލާފުވުން ކަމަށެވެ. އެއީ ހުޅަނގު އައްސޭރީގައިވެސް ފަލަޞްޠީނު މީހުންނަށް އަމިއްލަ އެއްވެސް ހައްޤެއް ނޯވެއެވެ. އިޒްރާއިލްއިން އެތާނގައި އާބާދުތައް ކުރަމުންދާއިރު ހުޅަނގު އައްސޭރީގައި ފަލަޞްޠީންގެ މީހުން ދަނީ އެމީހުންގެ ގެދޮތުން ނެރެލެވެމުންނެވެ. އަދި އަސްކަރިއްޔާއިން މީހުންގެ ގެދޮރަށް ހަމަލާދީ ހިތަށްއެރި ކޮންމެ ވަގުތެއްގައި ދަނީ އިންސާނުން މަރަމުންނެވެ. މިހާރުވެސް ފަލަޞްޠީނު މީހުންގެ ގެތަކުން ނެރެލާ އެތަންތަނުގައި އިޒްރާއިލްގެ 750,000 މީހުން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައި ވެއެވެ.

ބައިނަލްއަޤުވާނީ ޤާނޫނު ބުނާގޮތުން އަޅުވެތިކުރާ ބާރަކުން އަޅުވެތި ކުރެވޭ ގައުމެއްގެ ކަންކަމަށް މާބޮޑަށް އަސަރުކުރާ ކަންކަން ކޮށްގެން ނުވާނެއެވެ. އަދި އެތަނުގައި ދިރިއުޅޭ މީހުން އެތަނެއްގައި ސަލާމާތްތެރި ކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ. އެމީހުންގެ މުދަލާއި ފުރާނަ އަށް ރައްކާތެރިވެ, އިންސާނީ އެހީ އެތަނަކަށް ލިބޭނެ މަގުތައްވެސް ފަހިކުރަން ވާނެއެވެ. ނަމަވެސް އިޒްރާއިލްއިން މިއިން އެއްވެސް ކަމަކަމަށް ބޯލެނބުމެއްނެތި އުތުރު ޣައްޒާގައި ދަނީ ހަނގުރާމައިގެ އެތައް ޖަރީމާއެއް ހިންގާ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ތަކުރާރުކޮށް ޚިލާފްވަމުންނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow