ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރ އަބޫ ސަފިއާ ހައްޔަރުކޮށްފައިހުރީ އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ތެއިމަންގައި: ރިޕޯޓް
އަބޫ ސަފިއާ އަކީ އިޒްރާއިލްގެ އަނިޔާވެރިކަން ކަމާލް އަދުވާން ހޮސްޕިޓަލްއިން ދުނިޔެއަށް ގެނެސްދިން ހީރޯ.
އިޒްރާއިލްއިން އުތުރު ޣައްޒާގެ ކަމާލް ޢަދުވާން ހޮސްޕިޓަލް އަންދާލުމަށްފަހު އެ ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ. އަބޫ ސަފިއާ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަބޫ ސަފިއާ އެންމެ ފަހުން ފެނިފައިވަނީ އެދުވަހު ސުންނާފަތިވެފައި އޮތް ހޮސްޕިޓަލްގެ ގޯތިތެރޭގައި އިޒްރާއިލްގެ ޓޭންކަރުތަކާ ދިމާއަށް ހިނގާފައި ދަނިކޮށްނެވެ. އޭނާ އޭރުވެސް ހުރީ ހުދު ކުލައިގެ ޑޮކްޓަރ ސްކްރަބްގައެވެ. އެ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
އޭގެ ފަހުން އަބޫ ސަފިއާ އާ ބޭހޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން އަބޫސަފިއާ ހައްޔަރުކޮށްފައި ހުރީ އަނިޔާވެރިކަމަށް މަޝްހޫރު އަސްކަރީ ބޭސްގައި ކަމަށް ސިއެންއެންގެ ރިޕޯޓެއްގައި ބުނެފިއެވެ.
ރިޕޯޓް ބުނާގޮތުން 51 އަހަރުގެ އަބޫސަފިއާ ހުރީ އިޒްރާއިލްގެ ނެގެވް ސަހަރާގައި ހުންނަ ސްޑެ ތެއިމަން އަސްކަރީ ބޭސްގައެވެ. އެތަނަކީ ރޭޕްއާއި, އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ތަނެއްކަމަށް މީގެ ހަފުތާއެއް ކުރިން އެތަނުން މިނިވަންކުރި ފަލަޞްޠީނުގެ ބައެއް ޤައިދީންނާ ޙަވާލާދީ ރިޕޯޓްގައި ބުނެފައި ވެއެވެ.
"އެތަނުގައި ތިބި ދެ ޤައިދީއަކު މިދިޔަ ހަފުތާ ބަންދުގައި ވަނީ ދޫކޮށްލާފަ. އެމީހުންނަށް އަބޫ ސަފިއާ އެތަނަށް ގެންދިޔަތަން ފެނިފައިވޭ. އެހެން ޤައިދީއަކަށް އެތަނުގައި އަބޫ ސަފިއާގެ ނަން ކީއަޑު ވެސް އިވުނު ކަމަށް ބުނި" ހޯމަ ދުވަހު ޝާއިއުކޮށްފައި އޮތް ސީއެންއެންގެ ރިޕޯޓްގައި ވެއެވެ.
ހުކުރު ދުވަހު އިޒްރާއިލްއިން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލް ރެއިޑްކޮށް, ހޮސްޕިޓަލްގައި ހުޅުޖެހުމަށްފަހު ގިނަ ޑޮކްޓާރުންތަކަކާއި, ނަރުހުން އަދި އިތުރު މުވައްޒަފުންތަކެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި އަބޫ ސަފިއާ އާ ހުކުރު ދުވަހުން ފެށިގެން ގުޅުން ކެނޑިފައިވާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އަދި އެހެނިހެން އިދާރާ ތަކުންވެސް ބުނެފައި ވެއެވެ.
ހޮސްޕިޓަލް އަންދާލި އިރު އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަ 75 ބަލިމީހުންނާއި, އެހީތެރިން އަދި ޑޮކްޓަރުންނާއި ނަރުހުންނާއި, އެހެނިހެން ސިއްހީ އަދި އިދާރީ މުވައްޒަފުންނާއި އެކު 350 މީހުން ވަނީ ގަދަކަމުން ހޮސްޕިޓަލްއިން ނެރެފައެވެ. ކަމާލް އަދުވާން އަކީ ހުއްޓުމެއްނެތި 14 މަސްދުވަސްވަންދެން އިޒްރާއިލްއިން ހަމަލާދެމުން އަންނަ އުތުރު ޣައްޒާގައި ކިރިޔާ ޙިދުމަތް ދެވޭ ހާލަތުގައި ހުރި ހަމައެކަނި ހޮސްޕިޓަލް އެވެ.
ހޮނިހިރު ދުވަހު އިޒްރާއިލްއިން ނެރުނުބަޔާނެއްގައި ބުނެފައިވަނީ ހޮސްޕިޓަލްގެ ޑިރެކްޓަރު ހައްޔަރުކޮށްފައިވަނީ "ހަމާސްގެ ޓެރަރިސްޓެއްކަމަށް ތުހުމަތުކޮށް" ގެނެވެ. އަދި ހޮސްޕިޓަލް ބޭނުންކޮށްފައިވަނީ "ހަމާސްގެ ކޮމާންޑް އަދި ކޮންޓްރޯލް ސެންޓަރެއް"ގެ ގޮތުގައި ކަމުގައިވެސް ވަނީ ބުނެފައެވެ.ނަމަވެސް އެއްވެސް ފަހަރަކު އިޒްރާއިލްއިން އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ދައްކާފައެއް ނުވެއެވެ.
ހޯމަ ދުވަހު އިޒްރާއިލްއިންއިން ވަނީ އިޒްރާއިލްގެ ފައުޖުތަކުން އަބޫސަފިއާ ހައްޔަރުކުރުމުގެ އިރުކޮޅެއް ކުރީގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް އާންމުކޮށްފައެވެ. ވީޑިއޯގައި ބަލިމީހުންނާއި މެޑިކަލް ސްޓާފުން ހޮސްޕިޓަލްއިން ރައްކާތެރިކަމާއެކު ނެރެވޭތޯ އޭނާ މަސައްކަތްކުރާ މަންޒަރު ފެނެއެވެ. އިޒްރާއިލްގެ އަސްކަރިއްޔާއިން ހޮސްޕިޓަލް ހުސްކުރުމަށް ދީފައިވަނީ އެންމެ 15 މިނިޓެވެ.
އާދިއްތަ ދުވަހު އިޒްރާއިލްގެ އަސްކަރިއްޔާއިންވަނީ ފަލަޞްޠީނުގެ 20 މީހަކާއި 240 "ޓެރަރިސްޓަކު" އެ ހޮސްޕިޓަލްއިން ހައްޔަރުކުރިކަން އިއުލާން ކޮށްފައެވެ. އަދި އެއީ އަސްކަރިއްޔާއިން ހިންގި އެންމެ ބޮޑު އެއް އޮޕަރޭޝަން ކަމަށްވެސް ވަނީ ބުނެފައެވެ. އިޒްރާއިލްއިން ތަކުރާރުކޮށް ހޮސްޕިޓަލް ދޫކޮށްދާން އެންގި އެންގުމަށް އަބޫ ސަފިއާ އިޖާބަ ދީފައެއް ނުވެއެވެ. ހޮސްޕިޓަލްގައި ހިންގި އުދުވާނު ވީޑިއޯކުރި މީހަކު ބުނި ގޮތުގައި ހޮސްޕިޓަލްއިން ހައްޔަރު ކުރި މީހުންނަށް އިޒްރާއިލްގެ ސިފައިން ވަރަށް އަނިޔާކުރިއެވެ. އަދި ބައެއް މީހުންގެ ލައިގެން ހުރި އަންނައުނު ވީދާ, ގައިދީންގެ އަންނައުނު ލާން މަޖުބޫރު ކުރުވިއެވެ.
އަބޫ ސަފިއާގެ އާއިލާއިން މަޢުލޫމާތު ދިންގޮތުގައި 'ތެއިމަން' އަކީ އަނިޔާވެރިކަމާއި ލާއިންސާނީ އަދަބު ދިނުމަށް މަޝްހޫރު ތަނެކެވެ. އަދި އެމީހުންގެ ބައްޕައަށް އެތަނުގައި ޖައްސަނީ ކޮންހާލެއްކަމެއް ނޭނގޭކަމަށްވެސް އަބޫ ސަފިއާގެ ދަރިއަކު ބުނެފައިވާކަމަށް އަލްޖަޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ.
އަބޫ ސަފިއާ ހައްޔަރުކުރުމާ ގުޅިގެން ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް އެކްސްގައި ވަނީ އަބޫ ސަފިއާ ދޫކޮށްލުމަށް އިޒްރާއިލްއަށް ގޮވާލާފައެވެ. މީގެ އިތުރުން ސިއްހީ ޙިދުމަތްތަކާ ގުޅޭ އަދި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އާއި ހިއުމަން ރައިޓްސް ޑިފެންޑަރސް ފަދަ އެކިއެކި މަދަނީ ޖަމްއިއްޔާ ތަކުންވެސް ވަނީ އަބޫ ސަފިއާ މިނިވަން ކުރުމަށް ގޮވާލާ ބަޔާންތައް ވަނީ ނެރެފައެވެ.
އދ ން ބުނެފައިވާ ގޮތުގައި އިޒްރާއިލްގެ އަސްކަރިއްޔާއިން މުޅި އުތުރު ޣައްޒާގެ ސިއްހީ އިންފްރާ ސްޓާރކްޗަރ އެއްކޮށް މިހާރު ވަނީ ނެތިކޮށްލާފައެވެ.
"ސިއްޙީ ޚިދުމަތްދެވޭނެ އެއްވެސް ގޮތެއްނެތި 75,000 މީހުން އުތުރު ޣައްޒާގައި ތާށިވެފައި އެބަތިބި. އެމީހުންގެ ސިއްހީ އެހީތެރިކަން ލިބުމުގެ ހައްޤުން އެކަށް އެވަނީ މަޙްރޫމްކޮށްފަ" އުތުރު ޣައްޒާގައި ކަށީގެ އޮޕަރޭޝަން ޑޮކްޓަރ އަލީ އެލްޔާދީ އަލް ޖަޒީރާއަށް ބުނެފައި ވެއެވެ. އޭނާ އިތުރަށް ބުނީ އިޒްރާއިލްގެ މި އަމަލަކީ ކަނޑައެޅިގެން, ގަސްތުގައި އުތުރު ޣައްޒާގެ އާބާދީ އެއްކޮށް ފައްސާލުމަށް ހިންގާ ޖަރީމާއެއް ކަމުގައެވެ.
ރިއެކްޝަންސް