ފަލަސްޠީނުގެ ހުޅަނގު އައްސޭރި އެނގެނީ ކިހާވަރަކަށް!
ފަލަސްތީނުގައި އިޒްރާއީލްގެ އުދުވާންތަކަށް ނިމުމެއް ނެތް: ފޮޓޯ-އޭޕީ

ފަލަސްޠީނުގެ ހުޅަނގު އައްސޭރި އެނގެނީ ކިހާވަރަކަށް!

15 days ago - 08:19
Sep 2, 2024 - 14:19

އިޒްރާއިލްއިން ވަނީ 1967 ން ފެށިގެން ފަލަސްޠީންގެ ހުޅަނގު އައްސޭރިވެސް ޙިޞާރުކޮށްފައެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އޭގެ މާނައެއް ނޭނގެއެވެ. މިގައިޑްގައި ހުޅަނގު އައްސޭރީގެ އިސްތިޢުމާރީ ތާރީޚަށާއި މިހާރު ދެމުންދާ ހަމަލާތަކަށް އަދި އެކަމުންކުރާ އަސަރަށް އަލިއަޅުވާލާނަމެވެ.

ދާދި ފަހުން އިޒްރާއިލްއިން ހުޅަނގު އައްސޭރީގެ ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދޭން ފެށުމާއި އެކު ހުޅަނގު އައްސޭރީގެ ވާހަކަ ތަންކޮޅެއް ބޮޑަށް މިވަނީ ދެކެވެންފަށާފައެވެ. ހުޅަނގު އައްސޭރީގެ ރައްޔިތުން ދިރިއުޅޭ ހިސާބުތަކަށާއި, ޖެނިން, ނަބްލަސް, ތުބާސް އަދި ތުލްކަރެމްގެ ރެފިއުޖީ ކޭމްޕްތަކަށް ބުދަ ދުވަހު އިޒްރާއިލް އިން ދިން ހަމަލާތަކުގައި 20 މީހަކު ވަނީ މަރުވެފައެވެ.

 

ޙިޞާރުކޮށްފައިވާ ހުޅަނގު އައްސޭރިއަކީ ކޮބާ! އެތަނުގައި އުޅޭ ރެފިއުޖީންނަކީ ކޮންބައެއް!

ހުޅަނގު އައްސޭރި އަކީ ޤަދީމީ ފަލަސްތީނުގެ ބައެއްގެ ގޮތުގައި  ޖޯޑަން ކޯރުގެ ހުޅަނގުގައި  އޮންނަ, ބިމުގެ ގޮތުން 5650 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަޙައްދެކެވެ ހުޅަނގު އައްސޭރި އޮންނަނީ އިޒްރާއިލް އާއި ޖޯޑަން އަދި ޑެޑް ސީގެ މެދުގައި ބިމުގެ ގޮތުން ތަޅުލެވިފައެވެ. 

މި ސަރަހައްދުގައި ގާތްގަނޑަކަށް ތިން މިލިއަން މީހުން ދިރިއުޅެއެވެ. އޭގެތެރޭގައި ފަލަސްތީނުގެ އާއިލާތަކުގެ ބިންތައް ފޭރިގަނެ, އެބިންތަކުގައި ޤާނޫނާ ޚިލާފް ބިނާތައްކޮށްގެން ދިރިއުޅޭ އިޒްރާއިލްގެ އެތައްހާސް ބަޔަކުވެސް ހިމެނެއެވެ.

ހުޅަނގު އައްސޭރީގައި 871,000 މީހުން ރެފިއުޖީންގެ ގޮތުގައި ރަޖިސްޓަރީ ވެފައި އެބަތިއްބެވެ. އޭގެ ތެރެއިން ހަތަރުބައިކުޅަ އެއްބައިމީހުން ދިރިއުޅެނީ ޖުމްލަ 19 ރެފިއުޖީ ކޭމްޕެއްގައެވެ. މި އެންމެންނަކީވެސް 1948 ގައި އިޒްރާއިލް އޭ ކިޔުނު ދަޢުލަތް ޤާއިމްކުރުމާއި އެކު އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުންގެ އަމިއްލަ ގެދޮރުން ނެރެލާފައިވާ ފަލަސްތީނު ދަރިކޮޅުގެ އަހުލުވެރިންނެވެ. 1948 ގެ "ނަކްބާ" ގެ އަހުލުވެރިންނެވެ. ނަކްބާގެ އަކީ 1948 ގައި ފަލަސްތީނުގެ އެތައްހާސް ރައްޔިތުންގެ ގެދޮރު ސުންނާފަތިކޮށް, އެމީހުންގެ ވަޒަނުން ބޭރުކޮށް އެމީހުން ފަހާ ވިއްސިވިހާލިކޮށްލި ބޮޑު މުޞީބާތެވެ. ނަކްބާގައި 15000 މީހުން މަރާލިއެވެ.

 

ޣައްޒާ އާއި ހުޅަނގު އައްސޭރިއާ އޮތީ ކޮން ގުޅުމެއް!

ޙިޞާރުކޮށްފައިވާ ހުޅަނގު އައްސޭރިއާ ޣައްޒާއަކީވެސް ފަލަސްޡީނުގެ ބައެކެވެ. ނަމަވެސް އިޒްރާއިލްއިން ވަނީ މިދެތަން ވަކިކޮށްފައެވެ. އިޒްރާއިލް އިން ހުޅަނގު އައްސޭރި އާއި ޣައްޒާވެސް ޙިޞޯރު ކޮށްފައިވަނީ 1967 ގައެވެ. ނަމަވެސް އިޒްރާއިލްއިން 2005 ގައި ވަނީ ޣައްޒާއިން ފައިބާފައެވެ. 

ނަމަވެސް އިޒްރާއިލް އިން މިއަދުވެސް ގައްޒާގައި ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މީގެ 11 މަސްކުރިން ފެށި ހަމަލާތަކުގައި މިހާތަކަށް 40,000 ށް ވުރެ ގިނަ މީހުން އިޒްރާއިލްއިން ވަނީ ޣައްޒާގައި މަރާލާފައެވެ. އަދި 100,000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޙަމްވެފައެވެ.

އިޒްރާއިލްއިން ޣައްޒާގައި ހިންގަމުންދާ ހަނގުރާމައިގެ އުކުޅުތައް ހުޅަނގު އައްސޭރީގައިވެސް ބޭނުންކުރުމަށް އިޒްރާއިލްގެ ބައެއް ވަޒީރުން ވަނީ އަންގާފައެވެ. މާނައަކީ މިހާރު ޣައްޒާގައި ހިންގަމުންގެންދާ ޤަތުލްޢާންމުގެ އާބާބެއް ހަމައެގޮތުގައި ހުޅަނގު އައްސޭރީގައި ވެސް ކައިރި މުސްތަޤުބަލެއްގައި ހިންގުން ގާތްކަމެވެ.

 

ހުޅަނގު އައްސޭރި "ޙިޞޯރުކޮށްފައޭ" ބުނާ ބުނުމުގެ މާނައަކީ ކޮބާ!

ކުރިން ޖޯޑަންގެ ހިމާޔަތުގައި އޮތް ހުޅަނގު އައްސޭރީގެ ސަރަޙައްދުގައި އދ ން ފަލަސްޠީން ދައުލަތެއްގެ ގޮތުގައި އަލުން ވުޖޫދުކުރުމަށް ކަނޑާއަޅާފައިވާ ބިން 1967ގެ ހަނގުރާމައިގައި އިޒްރާއިލްއިން އެމީހުންގެ ބާރުގެ ދަށަށް ގެނައެވެ. 

އޮސްލޯ އެގްރީމެންޓްގެ ދަށުން އުފައްދާފައިވާ ފަލަސްޡީނިއަން އޮތޯރިޓީ އޮތްނަމަވެސް ފަލަސްޠީނުގެ ހުރިހާކަމެއް އޭގެފަހުން ކޮންޓްރޯލް ކުރަމުންދިޔައީ އިޒްރާއިލް އިންނެވެ. އޭގެ ތެރޭގައި މުހިންމު އިދާރާ ކަންކަމާއި ސަރުކާރުގެ ކަމާގުޅޭ ކަންކަންވެސް ހިމެނެއެވެ. 

އާޚިރުގައި ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިމުގައި އާރެއްބާރެއް ނެތި ނިކަމެތިވީއެވެ. އެބިމުގައި އެމީހުންގެ ކޮންޓްރޯލެއް ނެތްތާ އެތަށް އަހަރެއްވީއެވެ. ނަމަވެސް މިއީ ބައިނަލްއަގްވާމީ ޤާނޫނު ދަންނަ ހަމައެއްނޫނެވެ.

1949 ގައި ވުޖޫދުވި ޖެނީވާ ކޮންވެންޝަންގެ ދަށުން އިޒްރާއިލްއިން ހިފާފައިވާ ފަލަސްޠީނުގެ އެންމެހާ ބިންތައް އޭގެ އަހުލުވެރިނަށް ރައްދުކުރަންޖެހެއެވެ. އަދި ފަލަސްޠީނުގެ ބިމުގައި އިމާރާތްކޮށްފައިވާ އިޒްރާއިލްގެ އެންމެހާ ތަންނަކީ ޣައިރު ޤާނޫނޫ ތަންތަނެވެ.

މިއަށް ރިޢާޔަތްކޮށް އިންޓަނޭޝަލް ކޯޓް އޮޖް ޖަސްޓިސް (އައި.ސީ.ޖޭ) އަދި އދ ގެ ސެކިއުރިޓީ ކައުންސިލް އިން 2004 އަދި 2016ގައި ވެސް ވަނީ ހުޅަނގު އައްސޭރީގައި އިޒްރާއިލްއިން އެމީހުންގެ މިހުން ދިރިއުޅުމަށް ކުރަމުންދާ އިމާރާތްތަކަކީ ޣައިރު ޢާނޫނީ ތަންތަންކަމުގައި ކަނޑައަޅާފައެވެ.

ހަމައެހެންމެ ޖުލައި 2024 ގައިވެސް އައި.ސީ.ޖޭ އިން ވަނީ އިޒްރާއިލް އިން ހުޅަނގު އައްސޭރީގައި ތިބޭތިބުމަކީ ޤާނޫނާ ޚިލާފް ކަމެއްކަމަށް ކަނޑައަޅާ, ވީ އެންމެ އަވަހަށް އެބިމުން ފައިބަން އަންގާފައެވެ.

އިޒްރާއިލްއިން މިއިން އެއްވެސް އަމުރަކަށް ބޯލަނބާފައެއް ނުވެއެވެ. 1980 އާ ހަމައަށް އެކަން ކުޑަކޮށް މަޑުޖެހިފައި އޮތްނަމަވެސް, އޭގެ ފަހުން އިޒްރާއިލްއިން ދަނީ އެމީހުންގެ ވަޒަންވެރިންނަށް ކުރާ އިމާރާތްތައް ހަލުވިމިނެއްގައި ކުރިއަށް ގެންދަމުންނެވެ.

7 އޮކްޓޯބަރާ ހަމައަށް ހުޅަނގު އައްސޭރީގައި 700,000 އިޒްރާއިލް މީހުން ދިރިއުޅެއެވެ. އަދި އޭގަފަހުން މި އަދަދުވަނީ ބޮޑުތަނުން އިތުރުވެފައެވެ. އިޒްރާއިލްއިން ބުނާގޮތުގައި އެމީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް, އަދި އީރާން ފަދަ އަރަބި ބައެއް ގަޢުމުތަކާ ދެމެދު ލެވޭ ފާރެއްގެ ގޮތުގައި އެތަނަށް އިޒްރާއިލްގެ މީހުން ޖަމާކުރުމަކީ މުހިއްމު ކަމެކެވެ.

އިޒްރާއިލްގެ ބައެއް ވަޒަންވެރިންވެސް ޤަބޫލުކުރާގޮތުގައި ސަމާރިއާ އަދި ޖުޑޭއާއަކީ (މިހާރުގެ ހުޅަނގު އައްސޭރި) ބައިބްލްގައި ބަޔާންކޮށްފައިވާ ޔަހޫދީންގެ ބިންތައްކަމަށާއި އެބިން އަނބުރާ ހޯދުމަކީ ދީނީގޮތުން އެމީހުންނަށް ވާޖިބުކަމެކެވެ.

 

ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ އަހުލުވެރިން މިކަމަށް އިޖާބަދެނީ ކިހިނެތް!

ކުރުކޮށް ދަންނަވާނަމަ ރުޅިއާ ގޮތްދޫނުކުރުމާއެކުއެވެ.

އިޒާރާއިލް އިން ހުޅަނގު އައްސޭރި ޙިޞޯރުކުރިއިރު ފަލަސްޠީނުގެ އެތައްހާސް ބަޔަކު މަރާލިއެވެ. ޙައްގުތަކުން މަޙްރޫމްކޮށް, އިޤްތިޞާދީ ގޮތުން ފިއްތުންތައް ކުރިމަތިކުރުވާ, އަދި އިޒްރާއިލް ސިފައިންގެ ކޮންޓްރޯގައި އެމީހުންގެ ކޮންމެ ދުވަހެއް ހޭދަކުރަންޖެހުމުން އެތާނގައި ދިރުއުޅޭ ފަލަސްތީނުގެ ރައްޔިތުން ތިބީ ރުޅިގަދަވެފައެވެ.

އެއަށްވުރެ ބޮޑަށް އިތުރު ބިންތައް އަތުލާ އެމީހުންގެ ވަޒަންވެރިވުން އިތުރުކުރާ މައްސަލައިގައެވެ.

 

ފަލަސްޠީނުގެ އަހުލުވެރިން އެކަމާ ދެކޮޅާށް ނިކުއިންތަ!

އިޒްރާއިލްގެ އަޅުވެތިކަމާ ދެކޮޅަށް 2 އިންތިފާޟާ އެއް ހިންގިއެވެ. 1987 ން 1993 އަށް ހިންގި ފުރަތަމަ އިންތިފާޟާގައި އިޙްތިޖާޖުތައް ފުޅާވެ އޮށްގަލުން ހަމަލާދީ, މަދަނީ ބަސްނޭހުމަކަށް ދިޔައެވެ. އޭގެ ފަހުން މަޞްރަހް ވަރަށް ހޫނުވެގެންވެސް ދިޔައެވެ. އެފަހަރު އިޒްރާއިލްއިން ފަލަސްޠީނުގެ 1000 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި 250 ކުޑަކުދިންވެސް ހިމެއެވެ. 160 މީހުން މަރާލިއެވެ.

ދެވަނަ އިންތިފާޟާ ހިންގީ 2000 ން 2005 އަށެވެ. އެއީ އިޒްރާއިލްގެ އޭރުގެ ބޮޑުވަޒީރު އެރިއަލް ޝެރޯން މަސްޖިދުލް އަޤްސާ ހުންނަ ސަރަޙައްދަށް ކުރި ޒިޔާރަތާ ދެކޮޅު ހެދުމާއެކު އެކީ ފެށުނު ހަމަނުޖެހުންތަކެވެ. އެފަހަރު 3000 ށް ވުރެ ގިނަ ފަލަސްތީންގެ ރައްޔިތުން މަރާލިއެވެ.

 

ހުޅަނގު އައްސޭރީގައި މިއަދުގެ ދިރިއުޅުން އޮތީ ކިހިނެތް!

ފަލަސްޠީނުގެ އަހުލުވެރިންނަށްޓަކައި އެއީ ދަތި, އުނދަގޫ ދިރިއުޅުމެކެވެ.

މުޅި ސަރަޙައްދުގައި އިޒްރާއިލް ސިފައިންގެ ޗެކްޕޮއިންޓްތަކެވެ. އެއްތަނުން އަނެއްތަނަށް ދިއުންވަނީ ދަތިކޮށްފައެވެ. 

ރެފިއުޖީ ކޭމްތައް ވަނީ ފުރި ބާރުވެފައެވެ. ވަރަށް އާދައިގެކޮށް ހަދާފައިވާ އެތަންތަން ވަނީ ވީރާނާވެ ބޮލަށް ވެއްޓެން ކައިރިވެފައެވެ. އާމްދަނީ ހޯދޭނެ މަގެއްނެތެވެ. ޙިދްމަތް ހޯދުމަށް އެހެންތާކަށް ދިއުމުގެ މަގުވަނީ ބަންދުކޮށްފައެވެ. ދިރިތިބުން އެމީހުންނަށް ވަނީ ބުރައަކަށް ވެފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow