ނުވާވަރުން ހަވާލުނުވޭ, އުމްރާވެރީންނަށް 'އިހުމާލު' ނުވޭ!
ޠައިބާ ގްރޫޕްގެ އުމްރާވެރިއަކު ދުއާއަށް އަތް އުފުލާލައިގެން: ފޮޓޯ-ޙަފްޞީ

ނުވާވަރުން ހަވާލުނުވޭ, އުމްރާވެރީންނަށް 'އިހުމާލު' ނުވޭ!

އުމްރާ ގްރޫޕްތަކަށް ބައެއް ކަންކަން ލާޒިމްކޮށް މޮނިޓަރ ކުރަންޖެހޭ

12 hours ago - 08:23
Jan 9, 2025 - 08:36

2024 ވަނަ އަހަރުގެ މާރޗް މަހު ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އުމްރާގެ އަޅުކަން އަދާކުރަން ކުރި ދަތުރެއްގައި އެގްރޫޕްގެ އިސް މީހަކާއި, އެހީތެރިއެއްގެ ގޮތުގައި ދިޔަ މީހަކާއެކު މަގެއްގެ މަތީގައި މަޑުކޮށްލައިގެން ތިއްބާ އުމްރުން ދުވަސްވީ ދައްތައެއް ފަހަތުން އައިސް, ފެންކަޅިވެ އެދުނީ އެދައްތައަށް ކާއެއްޗެއް ގަނެދިނުމަށެވެ. އެދައްތަ އަތުގައި ފައިސާ ހުއްޓެވެ. އެކަމަކު ކާއެއްޗެއް ގަންނަން ހަދަންވީ ގޮތެއް, ބުނަންވީ ކީކޭ ކަމެއް ނޭންގި ވަރުބަލިކަންމަތީ ހުރީ ރޮވިފައެވެ.

ކާއެއްޗެއް ހޯދަން އެކަނި ބޭރަށް ނުކުންކަން ޖެހުނު ސަބަބާމެދު ސުވާލުކޮށްލުމުން ބުނީ އުމުރާގެ އަޅުކަން ނިންމުމަށްފަހު އެނބުރި ހޮޓަލަށް ދިޔައިރު ކާއެއްޗިހި ނަގާފައިވާފައިވާ ކަމަށެވެ. ކެއުމަށް ކަނޑައެޅިފައިވާ ވަގުތު ހަމަވީއެވެ. ޤިބްލަ ގްރޫޕްގެ ހޮޓަލަށް ކާންދާން ދައުވަތު ދިނުމުން އެދައްތަ އިންކާރު ކުރިއެވެ. އަދި ކާއެއްޗަކަށް ފައިސާ ދޭން އުޅުމުންވެސް އިންކާރު ކުރިއެވެ. އެދައްތަ ބޭނުންވީ ހަމައެކަނި ކާއެއްޗެއް ގަތުމަށް އެހީތެރިވެދިނުމަށެވެ. ފައިސާ ދެއްކީ ދައްތަ އަމިއްލައަށެވެ. އިހުމާލެކެވެ. މިފަދަ ކިތައް އިހުމާލު ތޯއެވެ. އެތައް މިލިއަން މީހުން ޖަމާވެފައިވާ އެމާތް ބިމަށް އަލަށް ގޮސްއުޅޭ އުމްރުން ދުވަސްވީ މީހުންނާ މެދުވެސް އިހުމާލެވެ.

މިދިޔަ ޑިސެމްބަރު މަހު ޠައިބާ ހައްޖު އުމްރާ ގްރޫޕާއެކު އުމްރާގެ އަޅުކަމަށް ކުރި ދަތުރުގެ ތެރެއިން ފެނުނު މަންޒަރެކެވެ. ރޭގަނޑުގެ ވަގުތެއްގައި ހޮޓަލަކުން ދިވެހިން އެމީހުންގެ ލަގެޖާއެކު ނިކުންނަނީ އެވެ. އެތަނުން ބައްދަލުވި ދިވެއްސަކު ވެގެން އުޅޭގޮތް އޮޅުންފިލުވައިދިނެވެ. ހުއްދަނޫން ނުވަތަ އުސޫލަށް ނުފެތޭ ހޮޓަލެއްގައި ބައިތިއްބާފަ ތިބި ދިވެހީންގެ ބަޔަކު ހޮޓަލުން ނެރުނީއެވެ. ރެންޑަމްކޮށް ފުލުހުން ޗެކްކުރިއިރު އެހޮޓަލީ މީހުން ބައިތިއްބަން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތޭ ހޮޓަލެކެވެ. އެހޮޓަލުގައި އޭރުވެސް ބައެއް މަސައްކަތްތައް ކުރަމުން ދެއެވެ. 

Advertisement

ހޮޓަލަށް ވަދެނިކުމެ ހަދަން ދެ ދޮރު ނެތް ހޮޓާތަކަށް ހުއްދައެއް ނުދެއެވެ. އެއީ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް ވަދެވޭނެ ދެވަނަ މަގެއް ހުންނަން ޖެހެއެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ހޮޓަލެއްގައި މީހުން ބައިތިއްބުމުގެ ހުއްދައެއްވެސް ނުދެއެވެ. މިއީ ކަނޑައެޅިގެން ގްރޫޕްތަކަށް އިނގޭ ކަންކަމެވެ. ރިސްކެއް ނެގުމަށްފަހު ދިވެހި އުމްރާވެރީން ބައިތިއްބީއެވެ. ބައެއް ގްރޫޕްތަކުން ޢާއްމުކޮށް ބައިތިއްބާ ހޮޓާތަކުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާތީއާއި އުސޫލަށް ފައްތަން މަސައްކަތް ކުރަމުންދާތީ އެހެން ހޮޓާތައް ހޯދައިގެންވެސް މީހުން ބައިތިއްބިއެވެ. އެކަމަކު ރިސްކު ނެގި ގްރޫޕްތަކުގެ ސަބަބުން ދިވެހި އުމްރާވެރީންގެ އެތައްބަޔަކު ބޮޑު ތަކްލީފެއް އުފަލަން ޖެހުނެވެ. އިހުމާލެވެ.

ޑިސެމްބަރު އުމްރާގައި މައްކާއިން ދިމާވި ރަހުމަތްތެރިއެކެވެ. ރާއްޖޭގެ ވޮލީކޯޗެކެވެ. އޭނާ އުމްރާގެ އަޅުކަމަސް ދިޔައީ އަނބިދަރީން ގޮވައިގެންނެވެ. ބަންޑުންކޮށްލީ މުޅިން ޝަކުވާއެވެ. ރަނގަޅު ކާއެއްޗެއް ނުލިބެއެވެ. ކަނޑައެޅޭ ވަގުތެއް ހަމަވުމުން ހުރި ކާއެއްޗެއްވެސް ނުލިބެއެވެ. އަޅުކަމަށްފަހު އެންމެންނަށް އެގަޑިއަކަށް ހޮޓަލަކަށް ނާދެވެއެވެ. ހުސްވީމަ ހުސްވީއެވެ. ދަތުރު ޝެޑިއުލެއް ނުލިބެއެވެ. އަޅުކަމަށް ފުރީ ކަނޑައެޅިފައިވާ ޕެކޭޖަކަށް ފައިސާ ދައްކައިގެންނެވެ. އެކަމަކު ހަމަ ކޮންމެ ކަމަކަށް ވަކީން ނަންނޯޓްކޮށް, ކަނޑައެޅޭ ވަގުތެރެއްގެ ތެރޭގައި ލިސްޓްގައި ނަން ޖަހަން ޖެހެއެވެ. އެކަމަކު ދަތުރުގެ ބާކީބައިގެ ކޮން ދުވަހެއްގައި އޮތީ ކޮން ކަމެއްކަން އިނގެނީ ވަގުތު ކުޑަތަންވާފަހުންނެވެ. މިއީ ރަހުމަތްތެރިޔާ ދެއްކި ވާހަކައެވެ.

މަދީނާ ދަތުރަށް ފުރީ މައްކާ ހޮޓަލުން ޗެކްއައުޓް ވުމަށްފަހު އެހޮޓަލުގެ ކޮޓަރިތަކުން ބޭރުގައި ބޮޑަތި ލަގެޖްތައް ބަހައްޓާފައެވެ. މަދީނާއަށް ދިޔަ މަގުމަތީގައިވެސް ކާއެއްޗެއް ނުދެއެވެ. ރައުޟާއަށް ވަންނަން މުޅިރޭ ހޭދަކުރަން ޖެހުނެވެ. ހޮޓަލުގައި ތިބެ ބުނާނެއެވެ. 'އެންމެން އަންނާށެވެ, ދާންވީއެވެ." ނަބަވީ އަށް ގޮސް ވަގުތުތަކެއް ވާފަހުން ބުނާނެއެވެ. 'ފަސްވެއްޖެއެވެ, ހޮޓަލަށް ހިނގާށެވެ.' މިފަދަ ހާލެއްގައި މުޅި ރޭގެ ނިދި ގެއްލުނެވެ. ކާން ކަނޑައެޅިފައިވާ ވަގުތު ހަމަވެ, ކާއެއްޗެއް ނުލިބުނެވެ. ބުފޭގެ ވަގުތު ހަމަވުމުން ދެން އެމީހަކާ އެމީހެކެވެ. ކެވުން ގޮތަކަށް ކާންވީ އެވެ. މިއީވެސް ރަހުމްތެރި ވޮލީކޯޗު ކިޔައިދިން އޭނާގެ ގޯސް ތަޖުރިބާއެވެ. އަނބިދަރީންނާއެކު އުފުލަން ޖެހުނު ތަކްލީފެވެ. އެގްރޫޕްގެ އެންމެންނަށް ރައުޟާއަށް ވަނުމުގެ ފުރުޞަތެއްވެސް ނުލިބުނެވެ. ދެންމިފަހަރު ވީގޮތްތާއެވެ.

އެނބުރި މައްކާއަށް އައިސް އުފުލަން ޖެހުނު ތަކްލީފެއްވެސް ކުޑައެއް ނޫނެވެ. ހޮޓަލުގައި ރޫމެއް ނެތެވެ. ޗެކްއައުޓްވުމުން ރޫމްތައް އެހެން ބަޔަކަށް ކުއްޔަށް ދީފިއެވެ. އަނެއްރޭގެ ނިދި ޚަރާބުވީއެވެ. ކުޑަކުދީންނާއި, އުމްރުން ދުވަސްވީ ބަލި މީހުން އުފުލަން ޖެހުނު ތަކްލީފާއި ވޭނުގެ ވާހަކަ އޭނާ ކިޔައިދިނީ މިއީވެސް އުމްރާގެ އަޅުކަމަށް ގެނެސް ޖައްސާ ހާލުތޯ ސުވާލުކުރަމުންނެވެ.

" ގްރޫޕް މީހުން ބުނެގެން ހޮޓަލުގެ ހަތަރު ކޮޓަރިއެއްގައި އަހަރެން ޓަކިދިނިން. ކޮންމެ ކޮޓަރިއަކުވެސް މީހުން އުޅޭ. ހޮޓަލުގައި ކޮޓަރިއެއް ނެތް. އެރޭ އެއްކޮށް ދިޔައީ ނުނިދި, ކޮޓަރިއަށް ނުވަދެވި" އޭނާ ޝަކުވާތައް އޮއްސާލިއެވެ.

 

ޑިސެމްބަރު އުމްރާގެ ތެރެއިން ދިމާވި ރަހުމްތެރި ކެމެރާމަނެކެވެ. ކުރިން އެކުގައި މަސައްކަތްކުރި ރަހުމަތްތެރިއެކެވެ. މައްކާގައި ހުރިކަން އިނގިގެން ކޮފީއަކަށް ދައުވަތު ދިނުމުން ދެމީހުން ބައްދަލުވީއެވެ. ހުސް ޝަކުވާއެވެ. ކެއުމުގެ ޝަކުވާއެވެ. ދަތުރު ޝެޑިއުލްގެ ޝަކުވާއެވެ. އެކޮމަޑޭޝަންގެ ޝަކުވާއެވެ. ކޮންމެ ކަމަކަށް ނަންނޯޓް ކުރަން ޖެހުމުގެ ޝަކުވާއެވެ.

"އަހަރެމެން މިއައީ ކަނޑައެޅިފައިވާ މިންވަރަށް އުމްރާގެ އަޅުކަން އަދާކުރަން ފައިސާ ދައްކައިގެން. ދެން ހަމަ ކޮންމެ ފަހަރަކު ނަންނޯޓްކުރަން ޖެހޭ ހެއްޔެވެ. ދާން ބޭނުންނަމަ އޭ ސުވާލުކުރަން ޖެހޭ ހެއްޔެވެ?" މިއީ އޭނާގެ ޝަކުވާއިން އެންމެ ޖުމްލައެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި މައްކާއަށް ދިއުމަށްފަހު ބައެއް ދަތުރުތަކަށް ގްރޫޕުން ނަގަނީވެސް މާބޮޑު އަގުތަކެކެވެ. އެކަން އިނގިގެން އޭނާ އޭނާގެ އާއިލާއާއެކު ތާއިފް ދަތުރުކުރީ ވަކީންނެވެ. ވަކީން ވެހިކަލެއް ނަގައިގެން އެދަތުރުކުރުމުން ބޮޑުތަނުން ޚަރަދު ކުޑަވިކަމަށް އޭނާ ބުންޏެވެ. ރައުޟާއަށް ނުވަދެވި އުފުލަން ޖެހުނު ތަކްލީފާއި, މުޅި ރޭގެ ނިދި ގެއްލުނު ވާހަކަ އޭނާވެސް ހިއްސާކުރިއެވެ. ޚުދު އޭނާއަށްވެސް ރައުޟާއަށް ނުވަދެވުނެވެ.

އުމްރާގެ އަޅުކަން އަދާކުރަމުންދިޔަ އިރު ދިމާވި ދިވެހީންގެ ބައެކެވެ. އެމީހުން ހާސްވެ ކަންބޮޑުވެގެން އުޅުނީ އެމީހުންނާއެކު އަޅުކަމަށް ދިޔަ އާއިލީ އެހެން ބަޔަކު ގެއްލިގެންނެވެ. ނުވަތަ އެމީހުންނާ ވަކިވެ, ފެންނަން ނެތިގެންނެވެ. ގުޅޭނެ ގޮތެއް ނެތެވެ. ހޯދޭނެ ގޮތެއް ނެތެވެ. ގެއްލުނީކަމެއް, އެމީހުންގެ ލޯމައްޗަށް ގެއްލުނީކަމެއްވެސް ޔަގީނެއް ނޫނެވެ. ތިބީ ހާސްވެފައެވެ. އެމީހުންގެ ފުރަތަމަ އުމްރާއެވެ. އުމްރާގެ އަޅުކަމަށް އައީ ގުޅޭނެ ގޮތެއް ނެތިއެވެ. 'ސިމްކާޑް' ނުނަގައެވެ. ގުޅޭނީވެސް އަނބުރާ ހޮޓަލަށް ދެވިގެންނެވެ. އަހަރެން އުމްރާއަށްދިޔަ ޠައިބާ ގްރޫޕްގެ އުމްރާވެރީން އަޅުކަމަށް ގެންދިޔައީ ސިމްކާޑް ނަގައިދީފައެވެ. އުމްރާގެ އަޅުކަމަށް ދިއުން ކުޑަކޮށް ލަސްވިއެވެ. އެހެނަސް ޝެއިޚު ވިދާޅުވީ ލަސްވިޔަސް ގުޅޭނެ ގޮތެއް ނެތި ދިއުމުން ދެން ދިމާވާ އުނދަގޫތައް މާބޮޑުވާނެ ކަމަށެވެ. ކަމެއް ދިމާވިޔަސް, ގެއްލުނަސް ވާނުވާ ނޭންގުނަސް ގުޅޭނެ ގޮތެއް އޮވެގެން ނޫނީ ހައްލެއް ހޯދަން އުނދަގޫވާނެ ކަމަށެވެ. އެހެންނޫނީ ހާސްކަން ބޮޑުވެ, އަޅުކަމަށްދޭންވާ ސަމާލުކަންވެސް ނުދެވިދާނެ ކަމަށެވެ. ހަގީގަތުގައިވެސް އެއީ ރަނގަޅު ވާހަކައެއްކަން ފަހުން ފެނުނު ކަންކަމާއި, ދިމާވި ކަންކަމުން ގަބޫލުކުރެވުނެވެ.

ކޮންމެ އުނދަގުލަކާއި, ތަކްލީފަކާ ގުޅިގެން އުމްރާވެރީންގެ ޝަކުވާ ބޮޑުވުމުން އެފަދަ ގްރޫޕްތަކުން އަމަލުކުރާ ޚާއްޞަ ގޮތެއްވެސް އޮވެއެވެ. އެއީ ކެތްތެރިކަމުގެ ފިލާވަޅު ނަގައިދިނުމެވެ. ކެތްތެރިކަމުގެ ފިލާވަޅުން އުމްރާވެރީން ހަމަޖައްސަން މަސައްކަތް ކުރެއެވެ. ކެތްތެރިކަމަކީ އޮންނަ ކަމެކެވެ. އެހެނަސް ކަންކަން ހަމަޖައްސައި ނުދީ, އިހުމާލުމެ އެފިލާވަޅުން ފިލާވަޅު ނަގައިދީގެން ކަންކަން ހަމަޖައްސަން އުޅޭނަމަ އެބައެއްގެ އިލްމާއި, ނިޔަތާމެދުވެސް ސުވާލު އުފެދެއެވެ. މިރިޕޯރޓަށް ޝަކުވާތައް އޮއްސާލި އުމްރާވެރީންވެސް ވަނި އެފިލާވަޅު އެމީހުންނަށް ނަގައިދީގެން ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިކަމަށް ބުނެފައެވެ.

އުމްރާއަށް ދާއިރު ގްރޫޕެއް ކަނޑައެޅުމާއި, ދިއުމުގެ ކުރިން އަދި ދަތުރުގެ ތެރޭގައި އުމްރާވެރީންވެސް ބައެއް ކަންކަމަށް ޑިމާންޑްކޮށް އެނޫންގޮތަކަށް ކުރިޔަ ނުދިނުމަށް ބާރުއަޅަން ޖެހޭ ބައެއް ކަންކަން ހުރިކަމަށް ގަބޫލުކުރެވެއެވެ. އެފަދަ ބައެއް ކަންކަމަކީ:

·      މާލެއިން ފުރުމުގެ ކުރިން ދެކޮޅު ޓިކެޓް ހޯދުން

·      މާލެއިން ފުރުމުގެ ކުރިން ދަތުރު ޝެޑިއުލް ހޯދުން

·      ފުރަތަމަ އުމްރާ އަށް ދިއުމުގެ ކުރިން ސިމްކާޑް ނެގުން, އެކަން ފަހިކޮށްނުދޭނަމަ އިހުތިޖާޖު ކުރުން

·      މާލެއިން ފުރުމުގެ ކުރިން ހޮޓަލުގެ މައުލޫމާތު ހޯދުން

·      ގްރޫޕްގައި ދަނީ ކިތަމް މީހުންތޯ އާއި ހަވާލުވެދަނީ ކިތައް ޝެއިޚުންތޯ ޔަގީންކުރުން

·      ގްރޫޕްގެ ދަތުރު މައުލޫމާތު ބަރާބަރަށް ޢާއްމުކޮށް, އެންމެ ކުޑަމިނުން ސޯޝަލް މީޑިޔާ އެކައުންޓްތަކުގައި ހިއްސާކުރާކަން ކަށަވަރުކުރުން

·      އިތުބާރުކުރެވޭ ޝެއިޚުން ބައިވެރިވާކަން ޔަގީންކުރުން

·      ކެއުމުގެ މައިގަނޑު މެނޫއާއި ގަޑިތައް ފުރުމުގެ ކުރިން އޮޅުން ފިލުވުން. (އަޅުކަމުގެ ވަގުތާ ކާވަގުތު ދިމާވެއްޖެނަމަ ކަންކުރާނެގޮތް ސާފްކުރުން)

·      ދަތުރުގެ ތެރެއިން އިތުރު ކަންކަމަށް އަގުނަގާނަމަ އެއަގުތައް ދުރާލާ އޮޅުންފޮލުވުން

 

މިކަންކަން އުމްރާވެރިންނަށް އޮޅުންފިލުވައިދީ އެއިންތިޒާމްތައް ހަމަޖެއްސުމަށް ގްރޫޕްތަކަށް މިނިސްޓްރީން ލާޒިމްކޮށް, އެއޫސުލުން ބޭރުވާނަމަ ވަގުތުން ރިޕޯރޓް ކުރެވޭނެ ނިޒާމެއް ގާއިމް ކުރަން ޖެހެއެވެ. އުމްރާވެރީން އުމްރާގެ އަޅުކަމުގެ ދުވަސްވަރު ވަގުތުން ކުރާ ޝަކުވާތަކަށް 24 ގަޑިއިރު އިޖާބަދެވޭނެ ނިޒާމެއް ގާއިމްކުރަންޖެހޭ ހާލަތަށް ވަނީ ގޮސްފައެވެ.

އުމްރާގެ އަޅުކަމަށް މީހުން ގެންދިއުމަކީ ގެއްލުމުގައި ކުރާ ވިޔަފާރިއެއްތޯ ނުވަތަ ގެއްލުމުގައި ދަރުމައަށް އެދި ކުރާކަމެއްތޯ ސުވލު ކުރާ ހިސާބަށް ހަގީގަތުގައި ކަންކަން ގޮސްފިއެވެ. އުމްރާވެރީން ކަނޑައެޅޭ އަގުދައްކައެވެ. އެކަމަކު އެނބުރި އަންނަން ބަލާއިރު ގްރޫޕްގައި ޓިކެޓް ނަގާނެ ފައިސާއެއް ނުހުރެއެވެ. ނުކަތާވަރުން މީހުން ގެންދެއެވެ. ގެންދާ މީހުންނަށް އަޅާލާނެ އެހީތެރިވާނެ މީހުންނެއް ނުގެންދެއެވެ. ދީނީ މައުލޫމާތު ފޯރުކޮށްދޭނެ ޝެއިޚުން ނުގެންދެއެވެ. ނުވަތަ އުމްރާވެރީންގެ އަދަދާ އެކަށީގެންވާ ވަރަށް ނުގެންދެއެވެ. ނަތީޖާއަކީ އިހުމާލުގެ މައްޗަށް އިހުމާލު އައުމެވެ.

މިއިހުމާލު ހުއްޓުވަން ދެން އޮތީ ހަރުކަށިފިޔަވަޅު ނޫން ކޮން ހައްލެއްތޯއެވެ,. ޔަގީނުންވެސް ދައުލަތުގެ ބަޖެޓުން އެފަދަ ކޮންމެ އިހުމާލެއް ފޫބެއްދުމަކީ ހައްލެއް ނޫނެނެވެ. ދިވެހީން ބިކަވާހިނދު ދައުލަތަކަށް ބަލަހައްޓައިގެންވެސް ނުތިބެވޭނެއެވެ. ގިނަ ގްރޫޕްތަކުން ރަނގަޅަށް ކަންކަން އިންތިޒާމްކުރާއިރު އިހުމާލުވާ މަދު ބައެއްގެ ސަބަބުން ގެއްލިގެންދާ އިތުބާރާއި, އުފުލަންޖެހޭ ތަކްލީފާމެދު އަވަސް ހައްލެއް ހޯދަން އެބަޖެހެއެވެ. ނޫންނަމަ އެނބުރި ނާދެވި ކޮންމެ ފަހަރަކު ދައުލަތުން އަނބުރާ ގެންނަން ޖެހޭނީ 24 އުމްރާވެރީންނެއް ނޫނެވެ. އެއަދަދު އަހަރުން އަހަރަށް އިތުރުވެ, މީހުން ގެންދާ ގްރޫޕްތަކުގެ ވެރީން މުސަނދިވާތަން ފެނުމަކީ ދުރުކަމެއް ނޫނެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow