ރޮނާލްޑޯ އަށް ވާން ބޭނުންވި ފަލަޞްޠީނުގެ ނާޖީ އަލް-ބަބާ އިޒްރާއިލްއިން ޝަހީދުކޮށްލައިފި
ނާޖީ އަލް-ބަބާ ޝަހީދުކޮށްލީ ފުޓްބޯޅަ ކުޅެން ހުއްޓާ
(ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރި, ހަޅުލް) – ދުނިޔޭގެ އެތައްސަތޭކަ ކުޑަކުދިން ފަދައިން 14 އަހަރުގެ ނާޖީ އަލް-ބަބާ ވެސް ބޭނުންވީ ބައިނަލްއަޤުވާމީ ފެންވަރުގައި ކުޅޭ މޮޅު ފުޓްބޯޅް ކުޅުންތެރިއަކަށް ވާށެވެ. އޭނާ އެންމެ ސަޕޯޓްކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދައިންނެވެ. އެކަމަކު އޭނާގެ ނަމުގެ މާނަ "ސަލާމަތްވުން" ފަދައިން އޭނާ އިޒްރާއިލްގެ އަނިޔާވެރިކަމުން ސަލާމަތް ވުމަކީ ނާޖީގެ ތަޤްދީރުގައި ލިޔެވިފައިވާ ކަމެއްނޫނެވެ.
އިޒްރާއިލްގެ ހުޅަނގު އައްސޭރިއަށް އުފަންވެ, ޙަލީލް ޝަހަރުގައި ދިރިއުޅެމުންދިޔަ ނާޖީ އާއި އޭނާގެ ރަޙްމަތްތެރިން އެސަރަޙައްދުގައި ފުޓްބޯޅަ ކުޅެންތިއްބާ އިޒްރާއިލްއިން ދިން ހަމަލާތަކެއްގައި ނާޖީ ދުނިޔެ ދޫކުރީއެވެ. ރަޙްމަތްތެރިން ބުނާގޮތުން ނާޖީ އަކީ އަބަދުވެސް ހިނިތުންވެފައި ހުންނަ, މަޑުމައިތިރި, އަދި އެހާމެ ހިތްހެޔޮ, އެންމެނަށްވެސް އަޅާލާ ކުއްޖެކެވެ. އޭނާއަކީ ފުޓްބޯޅަ ކުޅުމަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ކުއްޖެކެވެ. އަދި ސްކޫލް ނިމުމަށްފަހު ކޮންމެ ދުވަހަކުވެސް ހިސާބުގަނޑު ކުދިންނާއެކު ފުޓްބޯޅަ ކުޅުމަކީ އޭނާގެ އާދައެކެވެ.
"އޭނާގެ އުމުރަށްވުރެ ދިގުކޮށް ހުންނާނީ. އޭނާ އަހަރެމެންނާ ވަކިވުމުން އަހަންނަށް ހީވަނީ އަހަރެންގެ ހަށިގަނޑުގެ ބައެއް ނެތި ދިޔަހެން. އިޒްރާއިލް ސިފައިން އޭނާ މަރާލީ އޭނާ އެކަމަކަށް އެންމެ ލޯބިކުރާ ފުޓްބޯޅަ ކުޅެން ހުއްޓަ" ނާޖީގެ މަންމަ 40 އަހަރުގެ ސަމާހަރް އަލް-ޒަމާރާ އަލްޖަޒީރާއަށް ބުންޏެވެ.
ނާޖީ އަކީ އެ އާއިލާގެ ހަ ކުދިންގެ ތެރެއިން ފަސްވަނަ ކުއްޖާއެވެ. ނާޖީ އެދުވަހު ކުޅެންދިޔައީ މެންދުރުފަހު 3 ޖަހަން އުޅެނިކޮށެވެ. އޭނާގެ މަރުގެ ހަބަރާއިގެން އެކުގައި ކުޅެން އުޅުނު އޭނަގެ ދެބެންގެ ދެދަރި ކުއްޖަކު އައީ 3:30 ވާން އުޅެނިކޮށެވެ. ނަމަވެސް އާއިލާއިން އުއްމީދު ކުރީ އިޒްރާއިލްގެ ހަމަލާތަކުން ޒަހަމްވި ނަމަވެސް ނާޖީ އަދި އެމީހުންނާ ވަކި ނުވާނެ ކަމަށެވެ. ނާޖީގެ ބައްޕަ ނިދާލް އެތަނަށް ދިޔައިރުވެސް ދިހަ ވަރަކަށް ސިފައިން އެތާނގައި ތިއްބެވެ. އޭނާގެ ދަރިފުޅު ކޮބާހޭ ކިޔާ ރޮމުންދިޔަ ނިދާލްއަށް ވެސް އިޒްރާއިލްގެ ސިފައިން އަނިޔާކޮށް އޭނާގެ އަތްވެސް ބިންދާލިއެވެ.
"40 މިނިޓް ފަހުން އަހަންނަށް އަހަރެންގެ ދަރިފުޅު ފެނުނުއިރުވެސް އޭނާ އޮތީ ބިޑިއަޅުވާ, އައްސާފަ ބިންމައްޗަށް އެއްލާލާފަ. އެއީ އަހަރެންގެ ހަޔާތުގެ އެންމެ އުނދަގޫ 40 މިނިޓް" ނިދާލް އަލް ޖަޒީރާއަށް ބުނެފައި ވެއެވެ.
14 އަހަރުގެ އޭނާގެ ދަރިފުޅުގެ ކުށަކީ ކޮބައިތޯ ތަކުރާރުކޮށް އިޒްރާއިލްގެ ސިފައިންގެ ކައިރިން އެހުމުން އެމީހުންގެ ޖަވާބަކަށްވީ ނާޖީ ފަލަޞްޠީނު މީހުނަށް ވަނުންމަނާ ހިސާބަކަށް ވަނުމެވެ.
އިޒްރާއިލްގެ ސިފައިން ދިޔައީ ނާޖީގެ ފުރާނަނެތް މަސްގަނޑުވެސް އެމީހުންގެ ވެހިކަލްއަށް އަރުވައިގެންނެވެ. ނިދާލް ބުނި ގޮތުގައި ވަގުތުކޮޅަކަށް އެއީ އޭނާގެ ދަރިފުޅު ނާޖީ ނޫންކަމުގައި ވެސް އޭނާއަށް ހީވިއެވެއެވެ. އެކަމަކު ދުރުން އެހަށިގަނޑު ވެހިކަލްއަށް އެރުވިއިރު އޭނާއަށް އެއީ ނާޖީކަން ޔަޤީންވިއެވެ. އެއީ ނާޖީ އަރައިގެން ހުރި ބޫޓަކީ އޭނާ ވަރަށް ބޭނުންވެގެން އުޅޭތާ އެތައް ދުވަހެއްފަހުން އޭގެ ދެތިން ދުވަސްކުރިން ނިދާލް އޭނައަށް ގަނެދިން ކަޅުކުލައިގެން ޓްރެއިނިންގ ބޫޓްކަމަށް ވާތީއެވެ.
"އަހަންނަށް ފެންނަނީ އަހަރެން އެ ބޫޓް ގަނެގެން ގެނެސްދިން ދުވަހު އެދަރިފުޅުގެ މޫނުމަތިން ފެނުނު އުފާވެރިކަން. އޭނާ އަބަދުވެސް ބޭނުންވީ ރޮނާލްޑޯ ފަދަ ކުޅުންތެރިއަކަށް ވާން" ނިދާލް ބުންޏެވެ.
އޭގެ 2 ގަޑިއިރު ފަހުން ފަލަޞްޠީނުގެ ހަޅުލްގެ އަބޫ މާޒިން ހޮސްޕިޓަލް އަށް ނިދާލްގެ ހަށިގަނޑު ގެންދެވުނު ހަބަރު އާއިލާއަށް ލިބުނެވެ. ހޮސްޕިޓަލްގެ ފޮރެންސިކް ތަޙްލީލް ތަކުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑަށް ހަތަރު ވަޒަން އަރާފައި ވެއެވެ. އޭގެ ތެރެއިން އެއް ވަޒަން އޭނާގެ ހިތް ފޫއަޅުވާލާފައި ވެއެވެ. އާއިލާއަށް ހޮސްޕިޓަލަށް ދިއުމުގެ ހުއްދި ލިބިފައިވަނީ އަނެއް ދުވަހުގެ ހެނދުނުއެވެ.
ރިއެކްޝަންސް