![ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި](https://amaazmedia.com/uploads/images/202412/image_870x_675465b6af9b0.jpg)
ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި
މުސްތަޤުބަލާ ޙަވާލުވެވޭނެ ފަދަ ޒިންމާދާރު ދަރިންތަކެއް ބިނާ ކުރުމަށް ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި އެވެ. އެ މަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ، މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ހަވީރު އޮތް ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވީ މާތްވެގެންވާ އިސްލާމް ދީނުގެ ވަރުގަދަ ޢަޤީދާގެ މަތީގައި ތިބި، ދިވެހި ޤައުމު ދެކެ ލޯބިވާ، ޤައުމިއްޔަތުގެ ރޫޙު ފުރިހަމައަށް އަށަގެންފައިވާ، ޤައުމުގެ މުސްތަޤުބަލާ ޙަވާލުވެވޭނެ ފަދަ ޒިންމާދާރު، ލޮބުވެތި ދިވެހި ދަރިންތަކެއް ބިނާ ކުރުމަށް އެންމެން އެކުގައި، އެއް ރޫޙެއްގައި، ޤައުމީ ވިސްނުމެއްގައި މަސައްކަތް ކުރެއްވުމަށް ޢަޒުމު ކަނޑައެޅުއްވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަޤުބަލަކީ އުޖާލާ މުސްތަޤުބަލެއް ކަމަށެވެ.
މާފަންނު މަދަރުސާގެ އަހަރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަދަރުސާގެ ތަރައްޤީއަށްޓަކައި އެ ސްކޫލުން ސަރުކާރުގައި އެދޭ ކޮންމެ ކަމެއް، ކުރިއަށް އޮތް ތަނުގައިވެސް ކޮށްދެއްވަމުން ގެންދަވާނެ ކަމަށެވެ. މާފަންނު މަދުރަސާ ބެލެހެއްޓުންތެރި ފަރާތުގެ ގޮތުގައި މި ވަގުތު އޮތް މާލޭ ސިޓީ ކައުންސިލުންވެސް ސަރުކާރާ ގުޅިގެން، ސްކޫލުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވުމަށްއެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން އެ މަނިކުފާނު ވަނީ، މިއަދުގެ ރަސްމިއްޔާތުގައި މާފަންނު މަދަރުސާގެ ފަރާތުން 2 ދަރިވަރަކު އެ މަނިކުފާނަށް ދެންނެވި ފަދައިން، އިސްރަށްވެހިންނަށްވެސް ފަސޭހައިން ބޭނުން ހިފޭ ފަދަ ގޮތަކަށް، 2025 ވަނަ އަހަރުގެ ތެރޭގައި، ސްކޫލުގެ ގްރައުންޑް ފްލޯރގައި، ހޯލެއް ތަރައްޤީކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަކީ އެހެން ކުދިންނެކޭ އެއްފަދައިން، ސްކޫލު މާޙައުލުގައި ޝާމިލުވާ ދަރިވަރުން ކަމުގައި ކަށަވަރު ކުރުމަށްޓަކައި، އެ ރޮނގުން މުދައްރިސުން ބިނާކޮށް، ތަމްރީނު ދިނުމުގެ މަސައްކަތްތައްވެސް ކުރިއަށް އޮތް 2025 ވަނަ އަހަރުގެ ތެރޭގައި އިތުރަށް ފުޅާވެގެންދާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
މާފަންނު މަދަރުސާއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެކި މަޤާމުތަކުގައި އެ ސްކޫލަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް އެކަމުގެ ހަނދާނީ ފިލާ ޙަވާލުކޮށްދެއްވާފައެވެ.
މިހާރުގެ މާފަންނު މަދަރުސާ ހުޅުވުނީ 1984 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މަދަރުސާ އުފެދުނު އިރު ނަރސަރީއިން ފެށިގެން ގުރޭޑް 6 އަށް ކިޔަވައިދިނެވެ. އޭގެ ފަހުން ގުރޭޑް 10ގެ ނިޔަލަށްވެސް މާފަންނު މަދަރުސާގައި ކިޔަވައިދިނެވެ. ނަމަވެސް 2016 ވަނަ އަހަރުން ފަށައިގެން މާފަންނު މަދަރުސާ ޚާއްޞަ ކޮށްފައި ވަނީ، ނަރސަރީއާއި ޕްރީ ސްކޫލު ޢުމުރުފުރާގެ ދަރިވަރުންނަށެވެ.
ރިއެކްޝަންސް
![like](https://amaazmedia.com/assets/img/reactions/like.png)
![dislike](https://amaazmedia.com/assets/img/reactions/dislike.png)
![love](https://amaazmedia.com/assets/img/reactions/love.png)
![funny](https://amaazmedia.com/assets/img/reactions/funny.png)
![angry](https://amaazmedia.com/assets/img/reactions/angry.png)
![sad](https://amaazmedia.com/assets/img/reactions/sad.png)
![wow](https://amaazmedia.com/assets/img/reactions/wow.png)