ބުންޑަސްލީގާ: ބަޔާނުން ކިއެލްގެ މައްޗަށް ކުރިހޯދާ ލީޑް ފުޅާކުރި މެޗުގައި ކޭން އަށް ރެކޯޑެއް
ޖަރުމަނު ލީގު ތާވަލްގައި ބަޔާން މިއުނިކުން 9 ޕޮއިންޓަށް ލީޑު ފުޅާކުރި މެޗުގައި ހެރީ ކޭން އަނެއްކާވެސް ރެކޯޑެއް ޤާއިމްކޮށްފިއެވެ. ހޮނިހިރު ދުވަހު ބަޔާން މިއުނިކް އިން ހޮލްސްޓެއިން ކިއެލްގެ މައްޗަށް ކުރި ހޯދީ 4-3 ންނެވެ.
މެޗުގައި ދެ ގޯލް ކާމިޔާބުކުރި އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ އެލީގުގައި 50 މެޗަށް ފަހު އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑް ޤާއިމްކޮށްފައެވެ. 2023 ގައި ކޭން ބަޔާން އާ ގުޅުނުފަހުން މިހާތަނަށް ވަނީ 55 ގޯލް ކާމިޔާބުކޮށްދީފައެވެ. އެއީ މިހާތަނަށް ލީގުގެ ތާރީޙްގައި އެހެން ކުޅުންތެރިއަކަށް ލީގުގެ ފުރަތަމަ 50 މެޗުގައި ހޯދިފައިވާ ކާމިޔާބީއެއް ނޫނެވެ.
މެޗުގައި ބަޔާނުގެ ފުރަތަމް ގޯލް 19 ވަނަ މިނިޓްގައި ޖަމާލް މުސިއާލާ ކާމިޔާބު ކުރީ މައިކަލް އޮލިސީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންއަށް ލީޑު ފުޅާކޮށްދިނުމުގައި ކޭން އަށް އެހީތެރިވީ ކިންސްލޭ ކޮމަން އެވެ. އަދި ދެވަނަ ހާފުގެ ފުރަތަމަ މިނިޓްގައި ކޭންގެ ދެވަނަ ގޯލް ޖެހުމަށް އެހީތެރިވީ ޑިފެންޑަރު ރަފޭލް ގެރޭރިއޯ އެވެ. ބަޔާނުގެ ފަހު ގޯލް 54 ވަނަ މިނިޓްގައި ކާމިޔާބުކުރީ ސާޖް ނެބްރީއެވެ.
ކިއެލްގެ ތިންގޯލް ވެސް ކާމިޔާބުކޮށްފައި ވަނީ ބަޔާނުން 4 ގޯލް ކާމިޔާބުކުރިފަހުން މެޗުގެ ފަހު ދިހަ މިނިޓާއި އިތުރު ވަގުތުގައެވެ.
ތާވަލްގެ އެއްވަނައިގައި ބަޔާން އޮތީ 20 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބަޔާން ލެވަކޫސަން 19 މެޗުން 42 ޕޮއިންޓް ހޯދައިގެން އޮތްއިރު, ތިންވަނައިގައި އެންޓްރަޗް ފްރެންކްފަރޓް އޮތީ 37 ޕޮއިންޓާއެކުއެވެ. ބަޔާން ލެވަކޫސަން އިން އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ނިކުންނާނީ ހޮފެންހެމް އާ ދެކޮޅަށެވެ.
ރިއެކްޝަންސް