
ޔުވެންޓަސް އަތުން އުނދަގޫ މޮޅަކާއެކު ރެއާލް ކުއާޓާއަށް
ބެލިންގްހަމް ގެ ދެބެއިންގެ ފުރަތަމަ ކުރިމަތިލުން ކުއާޓަރ ގައި ނުފެންނާނެ
ފީފާ ކްލަބް ވޯލްޑްކަޕްގައި ރޭ ޔުވެންޓަސްއަތުން އުނދަގޫ މޮޅެއް ހޯދާ މުބާރާތުގެ ކުއާޓަރ ފައިނަލަށް ދަތުރުކުރި ރެއާލް މެޑްރިޑް, ކުއާޓަރ ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ވާދަކުރަން ޖެހިއްޖެއެވެ. މިއަދު ހެނދުނު ގަދަ 16 ގައި ބޮރޫޝިއާއިން މެކްސިކޯގެ މޮންޓެރޭ އާ ވާދަކުރި މެޗު ބޮރޫޝިއާ ކާމިޔާބުކުރީ 2-1 ންނެވެ.
މި ދެ ޓީމު ކުއާޓަރ ގައި ވާދަކުރި ނަމަވެސް ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބިގޮތަށް ބެލިންގްހަމްގެ ދެބެއިންގެ ފުރަތަމަ ކުރިމަތިލުން, ޖޯބް ބެލިންގްހަމް އެއް މެޗަށް ސަސްޕެންޑްވުމާ ގުޅިގެން ދެން ނުފެންނާނެއެވެ
މަޔާމީގެ ހާޑްރޮކް ސްޓޭޑިއަމްގައި ކުޅުނު ރެއާލް އާއި ޔުވެންޓަސްގެ މެޗުގެ ފުރަތަމަ ހާފުގެ ފެނިގެންދިޔައީ ފޫހި ކުޅުމެކެވެ. މެޗުގެ ހަމައެކަނި ގޯލް ދެވަނަ ހާފު ފެށިގެން ނުވަ ވަނަ މިނިޓްގައި ކާމިޔާބު ކުރީ ރެއާލްގެ ގޮންޒާލޯ ގާސިއާ އެވެ. އަލަށް ރެއާލް އާ ގުޅުނު ޓްރެންޓް އަލެކްސަންޑާ އާނޯލްޑްގެ ރީތި ހުރަހަކުން ގޮންޒާލޯ މި ގޯލް ކާމިޔާބުކުރި އިރު އޭނާ އަންނަނީ މި ފަހުން ރެއާލްގައި ތަފާތު ދައްކަމުންނެވެ.
މެޗުގައި ޔުވެންޓަރސްގެ ރަންޑަލް ކޮލަމުއާނީއަށް ނަތީޖާ އެއްވަރުކުރާނެ ރަނގަޅު ފުރުޞަތެއް ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ ޖޫޑް ބެލިންގްހަމަ އަދި ފެޑެރީކޯ ވަލްވާޑޭއަށްވެސް ވަނީ ރަނގަޅު ފުރުޞަތެއް ލިބި ބޭކާރުވެފައެވެ. މެޗު ނިމުނީ 1-0 ން ރެެއާލް ކާމިޔާބުކޮށްގެންނެވެ.
މިއަދު ހެނދުނު މާސިޑީސް ބެންޒް އެރީނާގައި ޑޯޓްމަންޑް އާއި މޮންޓޭރޭ ބައްދަލުކުރި މެޗުގައި ބޮރޫޝިއާގެ ދެ ގޯލްވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައި ސާހޮއު ގުއިރަސީއެވެ.
ދެވަނަ ހާފުގެ ހަތަރު ވަނަ މިނިޓްގައި މޮންޓެރޭގެ ހަމައެކަނި ގޯލް ޖާމަން ބެޓޭރާމޭ ކާމިޔާބުކުރި ނަމަވެސް ސްޕެއިންގެ ސާޖިއޯ ރާމޯސްގެ ކެޕްޓަންކަމުގެ ދަށުން ކުޅޭ މޮންޓެރޭއަށް އިތުރު ގޯލެއް ޖަހާނެ ފަހު ފުރުޞަތެއް ނުލިބެއެވެ.
ރިއެކްޝަންސް






