
ލިވަޕޫލް މޮޅުވެ 13 ޕޮއިންޓްގެ ސާފު ލީޑެއްގައި, މެންޗެސްޓަރ ސިޓީވެސް މޮޅު
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓަޑް އަތުން 2-0 ން މޮޅުވެ ތާވަލްގައި 13 ޕޮއިންޓްގެ ސާފު ލީޑެއް ލިވަޕޫލްއިން ނަގައިފިއެވެ. ހަނިގޮތަކަށް 1-0 ން މެންޗެސްޓަރ ސިޓީވެސް ވަނީ ޓޮޓެންހަމް ހޮޓްސްޕަރ އަތުން މޮޅުވެފައެވެ.
ތާވަލްގެ އެއްވަނައިގައި ލިވަޕޫލް އޮތީ 28 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. 27 މެޗުން 54 ޕޮއިންޓާއެކު އާސެނަލްއަށް ދެވަނަ ލިބޭއިރު, ރޭ ނޮޓިންގްހަމް ފޮރެސްޓްއާ އާސެނަލް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި ވަނީ އެއްވަރު ވެފައެވެ. ނަމަވެސް 27 މެޗުން 48 ޕޮއިންޓާއެކު ފޮރެސްޓް އޮތީ ތާވަލްގެ ތިންވަނައިގައެވެ. ސިޓީއަށް ހަތަރުވަނަ ލިބެނީ 27 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.
އާސެނަލްއަށް ރޭގެ މެޗުން މޮޅު ނުވެނުމުގެ ފުރިހަމަ ފައިދާ އެންފީލްޑްގައި ނަގާ, ލިވަޕޫލްއިން މޮޅުވި މެޗުގައި އެޓީމަށް ލީޑު ނަގައިދިނީ 11 ވަނަ މިނިޓްގައި ޑޮމިނިކް ޒޮބޮސްލައީއެވެ. ލުއިޒް ޑިއަޒް ތަނަވަސްކޮށްދިން ފުރުޞަތުގައި ލީޑު ނެގިއިރު ލިވަޕޫލްއަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނީ އެލެކްސިސް މެކް އެލިސްޓަރ އެވެ.
"އަހަރެމެން މިދަނީ ލީގު ހޯދަން" މިއަޑުން ގުގުމާލާފައިވާ ސްޓޭޑިއަމްގައި މެޗުގެ 63 ވަނަ މިނިޓްގައި މެކް-އެލިސްޓަރ ގެ ގޯލް ފެނުނީ މުޙައްމަދު ސަލާޙް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ލިވަޕޫލްގެ ހެޑް ކޯޗް އާނެ ސްލޮޓްއަށް ލިބިފައިފައިވާ ދެ މެޗުގެ ސަސްޕެންޝަނާއެކު އެނާ މެޗުބެލީ ބެންޗުން ބޭރުންނެވެ.
ނިއުކާސަލްއަށް ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރާނެ ހަމަލާއެއް ނުއުފެއްދުނު އެޓީމުން މިސީޒަންގައި އެންމެ ގިނަ ގޯލް ކާމިޔާބުކުރި އަލްކްސަންޑަރ އިސާކް އަނިޔާގެ ސަބަބުން ރޭގެ މެޗުން ފެނިފައެއް ނުވެއެވެ.
ނަތީޖާ އާއެކު ނިއުކާސަލް މިވަގުތު އޮތީ ލީގު ތާވަލްގެ ހަވަނައިގައި 27 މެޗުން 44 ޕޮއިންޓާއެކުއެވެ. ނިއުކާސަލް އާއި ލިވަޕޫލް އަންނަ މަހު 16 ގައި އަނެއްކާވެސް ބައްދަލުކުރާނެއެވެ. ކަރަބޯ ކަޕުގެ ފައިނަލްއަކީ ލިވަޕޫލްގެ މައްޗަށް ބަދަލުހިފަން ލިބޭ ފުރުޞަތެވެ.
މި ސީޒަންގައި ކުރީގެ ސިޓީ ފެނުމުގެ އުއްމީދު ނެތް, އަދި އެއްވެސް ތައްޓެއް ކާމިޔާބު ކުރެވޭނެ ކަމުގަ ޔަޤީންކަން ނެތްނަމަވެސް ރޭ ޓޮޓްނަމްގެ މައްޗަށް 1-0 ން ކުރިހޯދާ ސިޓީން އަނެއްކާވެސް ވަނީ އުއްމީދު އާކޮށްފައެވެ.
12 ވަނަމިނިޓްގައި ޖެރެމީ ޑޮކޫ ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލާ މެޗުގެ ހަމައެކަނި ގޯލް ސިޓީއަށް ކާމިޔާބުކޮށްދިނީ އާލިން ހާލަންޑްއެވެ. މިއީ މިސީޒަންގައި ހާލަންޑްގެ 20 ވަނަ ލީގު ގޯލެވެ.
ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއްދެއްކި ސިޓީއަށް އިތުރު ގޯލް ކާމިޔާބުކުރާނެ ރަނގަޅު ފުރުޞަތުތަކެއް ލިބުނެވެ. ޑޮކޫ އަދި ސަވީނިއޯ ގެ އެހީތެރިކަމާއެކު ހާލަންޑް އަދި މަރްމޯޝް އުފައްދަމުންދިޔަ ހަމަލާތައް ހުއްޓުވުން ނޫން ކަމެއް ފުރަތަމަ ޓޮޓެންހަމްއަށް އަށް ނުކުރެވުނެވެ. ނަމަވެސް މެޗު ނިމެންދަނިކޮށް ޓޮޓެންހަމްއަށްވެސް ނަތީޖާއެއްވަރުކުރަން ރަނުގެ ފުރުޞަތެއް ލިބި ވަނީ ބޭކާރުވެފައެވެ.
ނަތީޖާ އާއެކު ޓޮޓެންހަމް އޮތީ ތާވަލްގެ 13 ވަނައިގައި 33 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






