
ވިނީޝިއުސް ޖޫނިއަރ ގެ ކެޕްޓަންކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑަށް ހަނި މޮޅެއް
ކޮޕާ ޑެލް ރޭގެ ދެވަނަ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ވިނީޝިއުސް ޖޫނިއަރގެ ކެޕްޓަން ކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗު ރެއާލް މެޑްރިޑް ކާމިޔާބުކޮށްފިއެވެ. ރެއާލް ސޮސިއެޑާޑް އާ ބައްދަލު ކުރިމެޗުން ރެއާލް މެޑްރިޑް މޮޅުވީ 1-0 ންނެވެ.
މެޗުގެ ހަމައެކަނީ ގޯލް ކާމިޔާބުކޮށްދިނީ ގިނަ ދުވަސްތަކަކަށްފަހު ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޒުވާން ކުޅުންތެރިޔާ އެންޑްރިކް އެވެ. މެޗުގެ 19 ވަނަ މިނިޓްގައި ގޯލް ޖެހުމުގައި އޭނާއަށް އެހީތެރިވީ ޖޫޑް ބެލިންގްހަމް އެވެ.
ދެވަނަ ހާފުގައިވެސް އިތުރުގޯލެއް ކާމިޔާބުކޮށް ރެއާލަށް ލީޑު ފުޅާކޮށްދޭނެ ރަނގަޅު ޗާންސެއް އެންޑްރިކް އަށް ލިބުނެވެ. ނަމަވެސް އޭނާ ނަގައިދިން ބޯޅަ އެރީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭރިއާގެ އަރިމަތިން ބެލިންގްހަމައަށް ވެސް ރަނގަޅު ފުރުޞަތެއް ލިބުން ނަމަވެސް ރެއާލުން މެޗު ނިންމާލަން ޖެހުނީ އިތުރު ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
މެޗުގެ ހާފްޓައިމްއަށް ދާން ކައިރިވެފައި އޮށްވާ ދެތިން މިނިޓަށް ކެޕްޓަން ވިނީޝިއުސްގެ އެދުމަށް ރެފްރީ ކުޅުންހުއްޓާލިއެވެ. އެއީ ސޮސިއެޑާޑްގެ ސަޕޯޓަރުންގެ ފަރާތުން ރެއާލްގެ ޑިފެންޑަރު ރައުލް އަސެންސިއޯ އަށް ނިސްބަތްކޮށް ގޮވަމުންދިޔަ ބަސްތަކުގެ ސަބަބުންނެވެ.
ރެފްރީ ވަނީ ވަގުތުން އިޖާބަދީ ސްޕެއިންގެ 'އެންޓައި-ހޭޓް ޕްރޮޓޮކޯލް' ގެ ދަށުން ސްޓޭޑިއަމްގެ ބޮޑު ސްކްރީނުގެ ލައުޑް ސްޕީކަރުން ނަސްލީ ތަފާތުކުރުމާ ދެކޮޅު މެސެޖު އިއްވާފައެވެ.
"ނަސްލީ ތަފާތުކުރުމަށް ނޫނެކޭ ބުނެ, ނަފްރާތާއި ތަހައްމަލް ނުކުރޭވޭ ބަސްތައް ބޭނުންކުރުން ހުއްޓާލާ. ޓީމަށް ސަޕޯޓް ކުރޭ. އިދިކޮޅު ޓީމަށް އިޙްތިރާމްކުރޭ" ބޯޑުގައި އޮތް މެސެޖުގައި ވެއެވެ.
މިފަހުން ރެއާލްގެ މެޗުތަކުގައި ތަފާތު ދައްކަމުން އަންނަ ކީލިއަން އެމްބާޕޭ ރޭގެ މެޗުން ފެނިގެން ގޮސްފައެއް ނުވެއެވެ. އެމްބާޕޭ ދަތެއް ނަގައިގެން ކުޑަ ބްރޭކެއްގައި ހުރި އިރު ރެއާލްގެ އެއް ނަމްބަރު ކީޕަރު ތިބޯޓް ކޯޓުއާ އަދި މެދުތެރެއަށް ކުޅޭ ފެޑްރީކޯ ވަލްވާޑޭ އަށް ރޭގެ މެޗުން ވަނީ އަރާމު ކުރަން ފުރުޞަތު ދީފައެވެ.
20 ފަހަރު ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފައިވާ ރެއާލް, ފައިނަލް ކަށަވަރުކުރުމަށް ސެމީފައިނަލްގެ ދެވަނަ ލެގުގައި އެޕްރީލް 1 ވަނަ ދުވަހު ނިކުންނާ ރެއާލްގެ އަމިއްލަ ދަނޑު, ސެންޓިއޭގޯ ބެނަބެއުގައެވެ.
ރިއެކްޝަންސް






