
ދެވަނަ މެޗު އެއްވަރު، ޗެމްޕިއަންކަން ރާއްޖެއަށް!
ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތަށް ބަލާއިރުވެސް މިއީ ބޮޑު ކާމިޔާބީއެއް
ދެވަނަ މެޗު އެއްވަރުވިޔަސް، ފުރަތަމަ މެޗުގެ ބޮޑު މޮޅާއެކު ސައިތުއޭޝިޔަން ސުޕަރ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ހޯދައިފިއެވެ.
ރާއްޖޭގެ ގައުމީ ޓީމް ޗެމްޕިއަންކަން ހޯދީ ކޮލަމްބޯގައި ލަންކާއާ ދެކޮޅަށް ކުޅުނު ދެމެޗުގެ އެގްރިގޭޓް 4-1 ން ކުރި ހޯދައިގެންނެވެ. ފުރަތަމަ މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-0 ނެވެ.
މިއަދު ކުޅުނު ދެވަނަ މެޗުގައި ރާއްޖެއިން ލީޑް ނެގީ ދެވަނަ ހާފްގައި ނާއިޒު ހަސަން (ދާދު) ޖެހި ލަނޑުންނެވެ. މެޗުގެ ނަތީޖާ ހަމަހަމަވީ އިތުރު ވަގުތުގައި ކޮޅަށް ވަން ލަނޑުންނެވެ.
މިމުބާރާތަކީ ހަތަރު ގައުމާއެކު ކުޅެން އޮތް މުބާރާތެއް ނަމަވެސް ފަހުވަގުތު ބަނގްލަދޭޝް އާއި ބޫޓާން ވާދަނުކުރުމުން ދެ ގައުމުގެ މެދުގައި ދެ މެޗު ކުޅުނީއެވެ.
މިއީ ކޯޗުކަމާ މުޙައްމަދު ޝިޔާޒު (މޯހަން) ހަވާލުވެ، ރާއްޖެއިން ކުޅުނު ފުރަތަމަ ދެމެޗެވެ.
ރާއްޖެއިން ޗެމްޕިއަންކަން ހޯދުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަރުހަބާ ވިދާޅުވެފައެވެ.
"ސައުތު އޭޝިއަން ސުޕަރކަޕްގައި، ދިވެހި ޤައުމީ ޓީމު ހޯދި ކާމިޔާބީއަށް ފަޚުރުވެރިވެ، އައްސަރިބަހާއި ސާބަސް ދަންނަވަން!" ރައީސް ވިދާޅުވިއެވެ.
ރިއެކްޝަންސް






