ގިނަ މެޗުތަކާއެކު ބުރަބޮޑުވެ ކުޅުންތެރިން ހަޅުތާލަކަށް ގޮސްދާނެ- ރޮޑްރީ
ކުޅުންތެރިން ހަޅުތާލެއްކުރުމާ "ކައިރިވެއްޖެ" ކަމަށް މެންޗެސްޓަރ ސިޓީގެ މިޑްޕީލްޑަރު ރޮޑްރީ ބުނެފިއެވެ. އޭނާ މިހެން ބުނީ މެޗުތައް ގިނަވުމުގެ ސަބަބަން މާބުރަކޮށް މަސައްކަތްކުރަންޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް އެހެން ބައެއް ކުޅުންތެރިން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ސްޕެއިންގެ މިޑްފީލްޑަރު ވަނީ ފާއިތުވި ސީޒަންގައިވެސް ސިޓީއަށާއި ޤައުމީ ޓީމަށް ޖުމްލަ 63 މެޗު ކުޅެދީފައެވެ. އެއީ ޔޫރޯ 2024 ގެ މެޗުތަކާ އެކުއެވެ.
ޗެމްޕިއަންސް ލީގާއި, ކްލަބް ވޯލްޑްކަޕާއި އެކު މިސީޒަންގައި އޭނާ ކުޅެންޖެހޭ މެޗުތަކުގެ އަދަދު އަދި ވަކިން ގިނަވާނެއެވެ. އެހެންކަމުން މިހާ ބުރަކޮށް މަސައްކަތްކުރަންޖެހި ކުޅުންތެރިން މިހާރުތިބީ ހަޅުތާލު ކުރާ ހިސާބުގައި ކަމަށް ހޯމަ ދުވަހު ރޮޑްރީ ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.
"އަހަންނަށް ހީވަނީ އަހަރެމެން މިހާރު މިތިބީ އެހިސާބުގަހެން. އެކަން އަހަރެމެންނަށް އަންޑަސްޓޭންޑް ވޭ. އަހަންނަށް ހީވަނީ މިހާރު ހަމަ ކޮންމެ ކުޅުންތެރިއެއް ކައިރީ އެހިއަސް މިހެން ހެން ބުނާނީ. މިއީ ހަމައެކަނި އަހަރެން ދެކޭގޮތެއް ނޫންކަން އޭރުން އެނގޭނެ. މިއީ ހަމަ ހުރިހާ ކުޅުންތެރިންވެސް މިކަމުގައި ދެކޭނެ ގޮތްހެން އަހަންނަށް ހީވަނީ. މިގޮތަށް މިކަން ކުރިއަށް ދަންޔާ އަހަރެމެންނަށް ގޮތްހުސްވެ, އެ ހިނދުކޮޅު އައިސްދާނެ ހަމަ. އަހަންނަށް ހަމަ ހީވަނީ އެހެން. ދެން ބަލަމާ" ރޮޑްރީ ބުންޏެވެ.
އޭނާއަށްވެސް ވާނެ ގޮތެއް ނޭނގޭ ކަމަށާއި އެކަމަކު އެކަމާހެދި އަހަރެމެން ވަރަށް ހާސްވެފައި ތިބިކަމަށް ރޮޑްރީ ބުންޏެވެ. އެއީ މި ހުރިހާ ކަމެއް ތަޙައްމަލް ކުރަނީ ކުޅުންތެރިންކަން އޭނާ ފާހަގަކުރިއެވެ.
ބައިނަލްއަގުވާމީ އެންމެ މަތީ ފެންވަރުގައި ކުޅޭ ގިނަ ކުޅުންތެރިން ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއެކު މިސީޒަން ނިމޭއިރު މަދުވެގެން 85 ވަރަކަށް މެޗު ކުޅޭނެއެވެ. ރޮޑްރީ 2019 ގައި ސިޓީއާ ގުޅުނުފަހުން އެވްރެޖްކޮށް އަހަރަކު 50 މެޗު ކްލަބަށް ކުޅެއެވެ. އެކަމަކު އެއީ އަސްލު ވަރަށް ގިނަ މެޗުކަމުގައި 28 އަހަރުގެ ކުޅުންތެރިޔާ ވަނީ ބުނެފައެވެ.
"އަހަންނަށް ނޭނގެ އަސްލު އަދަދެއް. ސީޒަނެއްގަ 60-70 އާ ދެމެދުގެ އަދަދެއް ކަންނޭނގެ. އެކަމަކު ރަނގަޅު ފެންވަރުގައި ކުޅުންތެރިޔަކަށް ކުޅެވޭނީ 40-50 ދެމެދުގެ އަދަދެއްގެ މެޗު. އޭގެ ފަހުން އަސްލު ފެންވަރެއް ނުދެއްކޭނެ. އެއީ ފިޒިކަލީ ވާނެކަމެއްނޫން. މިއަހަރު 70 ނޫނީ 80 މެޗު ނޫންކަމެއް ނޭނގެ. އެކަން އިނގޭނީ މުބާރާތްތަކުގައި ޓީމު ކުރިއަށްދާ ގޮތަކުން. އެކަމަކު އަހަރެން ދެކެނީ އެއީހަމަ މާގިނަ ކަމަށް" އޭނާ ބުންޏެވެ.
2024 ވަނަ އަހަރުގެ ބެލެންޑޯ ނޮމިނޭޝަންސްގައި ރޮޑްރީ ވަނީ ހިމެނިފައެވެ. އޭނާ ވަނީ ސިޓީން ޖެހިޖެހިގެން 4 ވަނަ ފަހަރަށް ޕްރިމިއަރ ލީގުގެ ތަށި އުފުލާލިއިރު އެ ހުރިހާ ކާމިޔާބީއެއްގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. އަދި ޔޫރޯ 2024 ސްޕެއިން އަށް ކާމިޔާބު ކޮށްދިނުމުގައި ވެސް ރޮޑްރީގެ ދައުރު އިންތިހާއަށް ބޮޑެވެ.
އާ ފޯމެޓުގައި ޗެމްޕިއަންސްލީގުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި އަމިއްލަ ދަނޑުގައި ބުދަ ދުވަހު އެ ޓީމު ނިކުންނާނީ އިންޓަ މިލާނާ ދެކޮޅަށެވެ.
ރިއެކްޝަންސް