ޣައްޒާގައި ހިންގަމުންގެންދާ ހަނގުރާމަ ލުބުނާނުގެ ބޯޑަރާ ހަމައަށް ފުޅާކުރާނެ ކަމަށް ނަތަންޔާހޫ ބުނެފި
ޣައްޒާގެ ހަނގުރާމައިގެ ލަނޑުދަނޑިތައް އިޒްރާއިލް-ލުބުނާނު ބޯޑަރާ ހަމައަށް ފުޅާކުރާނެ ކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަނަޔާހޫ ބުނެފިއެވެ. ނަތަންޔާހޫ މިހެން ބުނެފައިވާއިރު އިޒްރާއިލް-ލުބުނާން ބޯޑަރާ ކައިރި ހިސާބުތަކުގައި ދިރިއުޅެމުން ދިޔަ އިޒްރާއިލްގެ ގިނަ ރައްޔިތުން ވަނީ ހަނގުރާމަ ފެށުމާއި އެކު އެސަރަހައްދު ދޫކޮށް ގޮސްފައެވެ.
އެހެންކަމުން އެމީހުން އަނބުރާ ގެއަށް ގެނައުމަކީ ހަނގުރާމަ ފުޅާކުރަންޖެހޭ ސަބަބެއްކަމަށް އޭނާ ވަނީ ބުނެފައެވެ.
އިޒްރާއިލް އިން ޣައްޒާގައި ހަނގުރާމަ ފެށި ފަހުން އަހަރެއްވާން ކައިރިވެފައިވާއިރު ލުބުނާނުގެ ހަތިޔާރު އެޅި ގްރޫޕް ހިޒްބުالله އާއި އިޒްރާއިލް އާ ދެމެދު ދަނީ ކޮންމެ ދުވަހަކުވެސް ދެ ގައުމުގެ ބޯޑަރު ހުރަސްކޮށް ހަމަލާތައް ބަދަލުކުރަމުންނެވެ.
މި ހަމަލާތަކާ ގުޅިގެން ބޯޑަރު ކައިރި ސަރަޙައްދުތަކުގައި ދިރިއުޅޭ ލުބުނާން އަދި އިޒްރާއިލްގެވެސް އެތައްހާސް ބަޔަކު ވަނީ އެސަރަޙައްދު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވެފައެވެ. އެއީ ކެނޑިނޭޅި ހަމަލާތައް ބަދަލު ކުރާއިރު ހަމަ ކޮންމެ ވަގުތެއްގައިވެސް އެސަރަޙައްދުގެ ޙާލަތު ގޯސްވެދާނެ ކަމަށް ބެލެވޭތީއެވެ.
"އެ ސަރަޙައްދުގައި ދިރިއުޅުނު ރައްޔިތުން ސަލާމަތްތެރިކަމާއެކު އެމީހުންގެ ގެތަކަށް އަނބުރާ ގެނައުމަށް" ކަމަށްބުނެ ހަނގުރާމައިގެ ނިންމުން ނިންމާފައިވަނީ ބުދަދުވަހުގެ ރޭ އެއްކޮށް ނަތަންޔާހޫގެ ސެކިއުރިޓީ ކެބިނެޓާއެކު ބޭއްވި ބައްދަލުވުމެއްގައި ކަމަށް ނަތަންޔާހޫގެ އޮފީހާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައި ވެއެވެ.
އިޒްރާއިލް އިން މި ނިންމުން ނިންމުމުގެ އެއްދުވަސް ކުރިން އިޒްރާއިލްގެ ދިފާއީ ވަޒީރު ޔޯވް ގެލެންޓް ވެސް ވަނީ އެފަދަ މޭރުމަކުން ވާހަކަ ދައްކާފައެވެ. އދ ގެ ވިޒިޓިން ސަފީރަށް ދިން ރައްދެއްގައި ގެލެންޓް ބުނެފައި ވަނީ އިޒްރާއިލްގެ އުތުރުގައި ދިރިއުޅޭ ރައްޔިތުން ސަލާމަތްތެރިކަމާއި އެކު އަނބުރާ އާދެވޭނީ "އަސްކަރީ ހަރަކާތަކުން" ކަމަށެވެ.
ހިޒްބުالله އޮޕިޝަލުން ބުނެފައިވާ ގޮތުގައި ޣައްޒާގައި އިޒްރާއިލްއިން ހިންގަމުން ގެންދާ ޤަތުލްއާންމު ހުއްޓާލާ, ހަމަލާތައް ހުއްޓާލައިފިނަމަ އެމީހުންވެސް ހަތިޔާރު ބަހައްޓާ ފަހަތަށް ޖެހޭނެއެވެ.
ރިއެކްޝަންސް