
އިޒްރާއިލް-އީރާން ހަނގުރާމައާއެކު ތެލޮގެ އަގު އުފުލި އެމެރިކާގެ ހިއްސާގެ ބާޒާރު ދަަށަށް
އެމެރިކާއިންއީރާންއަށް ހަމަލާދީފާނެ ކަމުގެ ބިރާއެކު ސާފުނުކުރާ ތެލުގެ އަގު ވަނީ އަނެއްކާވެސް 4 އިންސައްތަ އުފުލިފައި
ނިއުކްލިއަރ ހަތިޔާރުގެ މައްސަލައިގައި އިޒްރާއިލްއާ އިރާން ހަމަލާތައް ބަދަލުކުރަމުންދާތާ 6 ވަނަ ދުވަހަށް ފެށިފައިވާއިރު އެމެރިކާއިން ހަނގުރާމައިގެ ތެެރެއަށްވަދެ އީރާން އާ ދެކޮޅަށް ހަމަލާދީފާނެ ކަމުގެ ބިރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިއްޖެއެވެެ.
ދުނިޔޭގެ ތެލުގެ ބާޒާރުގައި އެންމެ ނަގާކިޔާ 'ބްރެންޓް ނޯތް ސީ ކްރޫޑް' އަދި 'ޓެކްސަސް އިންޓަރމީޑިއޭޓް' ގެ ތެލުގެ އަގުތައްވަނީ އަންގާރަ ދުވަހު 4.4 އަދި 4.3 އިންސައްތަ މައްޗަށް ޖެހިލާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އަންގާރަ ދުވަހު ތެޙްރާން އަށް "އެއްވެސް ޝަރުތެއްނެތި އަމާންދިނުމަށް" އަންގާފައެވެ.
ތެލުގެ އަގު އިއްޔެ އުފުލުމުގެކުރިން ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު އެ ދެ ކުންފުނީގައި ހުރީ 76.45 އެމެރިކާ ޑޮލަރަށް އަދި 74.84 އެމެރިކާ ޑޮލަރެށެވެ. އަންގާރަ ދުވަހު 4 އިންސައްތަ އަގު އުފުލުނު ފަހުން ބުދަ ދުވަހު ހެނދުނު އަނެއްކާވެސް ވަނީ ތެލުގެ އަގު 0.5 އިންސައްތަ މައްޗަށް ޖެހިލާފައެވެ.
ހަމަލާތައް ރޭ އަނެއްކާވެސް ވަރުގަދަކޮށްލާފައިވާއިރު އެމެރިކާގެ ހިއްސާގެ ބާޒާރުގެ އަގުތައްވެސް ވަނީ ކުއްލިއަކަށް ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެެ.
އިޒްރާއިލްއިން ހުކުރުދުވަހު ފެށި ހަމަލާތަކުގައި އީރާނުގެ ގުދުރަތީ ގޭހުގެ އެންމެ ބޮޑު ފާމް, ސައުތް ފާސްއަށްވެސް ވަނީހަމަލާ ދީފައެވެ. އަދި ހަމަ އެދުވަހު ސަޙްރަންގައި ހުންނަ އީރާންގެ އެންމެ ބޮޑު ތެޔޮވަޅު އަދި ޝަހްރް ރޭ ތެޔޮ ރިފައިނަރީއަށްވެސް ވަނީ ވަރުގަދަ ހަަލާތަކެއް ދީފައެވެ.
ރިއެކްޝަންސް






