
ފަލަޞްޠީނުގެ ރައްޔިތުން ޣައްޒާއިން ނެރުމަށް އިޒްރާއިލް ތައްޔާރުވަނީ
ޣައްޒާގެ ރައްޔިތުން 'އަމިއްލައަށް' ފަލަޞްޠީނު ދޫކޮށްދިއުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމަށް އިޒްރާއިލް ސަރުކާރުގެ ވަކި އިދާރާއެއް އުފެއްދުމުގެ މަސައްކަތް ކުރަމުން ދާކަމަށް އިޒްރާއިލްގެ ޑިފެންސް މިނިސްޓަރު ބުނެފިއެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާގެ ނަޞްލު ނައްތާލުގެ ޕްލޭން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އިޒްރާއިލް އިން ރާވާފައިވާ ގޮތެވެ.
ހަމަލާތައް މެދުކަނޑާލުމަށް ޤާއިމްކޮށްފައިވާ އެއްބަސްވުމުގެ ދަށުން މަރުވެފައިވާ ރަހީނުންގެ ހަތަރު ހަށިގަނޑަކާ ބުރާސްފަތި ދުވަހު ހަވާލުވުމަށްވެސް އަސްކަރިއްޔާއިން އަންނަނީ ތައްޔާރުވަމުން ކަމުގައި އިޒްރާއިލްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރަން ހަމަޖެހިފައިވާ 33 މީހުންގެ ތެރެއިން ދިރިތިބި އެންމެން މިހާރުވަނީ މިނިވަންކޮށްފައެވެ.
ޓްރަމްޕްގެ ޕްލޭނަށް ވާގިވެރިވުމުގެ ގޮތުން އިޒްރާއިލްއިން ދަނީ ލުބުނާނުގައި ތިބި އަސްކަރިއްޔާގެ ބައެއް ފައުޖުތައް އަނބުރާ ގެންނަން ފަށާފައި ކަމުގައި އޮފިޝަލުންނާ ހަވާލާދީ އަލްޖްޒީރާގައި ރިޕޯޓްކޮށްފައި ވެއެވެ. ނަމަވެސް ދެކުނު ލުބުނާނުގެ މުހިއްމު ޕޮއިންޓްތަކުގައި އަދިވެސް އިޒްރާއިލް އަސްކަރިއްޔާ ޤާއިމްވެ ތިބޭނެއެވެ.
އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހޯމަދުވަހު ބުނެފައިވަނީ ޓްރަމްޕްގެ އިއުލާންކޮށްފައިވާ ޣައްޒާގެ ރައްޔިތުން ފައްސާލާ އެބިމަށް ވެރިވެގަތުގެ ޕްލޭނަށް އެއްބާރުލުން ދިނުމުގައި އިޒްރާއިލް ދެމިއޮންނާނެ ކަމަށެވެ. އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް, ސެކްރެޓަރީ އޮފް ސްޓޭޓް މިވަގުތުވެސް ހުރީ ސައުދީ އެރޭބިއާގައި އެކަމާ ގުޅޭގޮތުން މަޝްވަރަށް ކުރުމަށް ގޮހެވެ. ނަމަވެސް ޓްރަމްފް މި ޕްލޭން ވަނީ އަރަބި ޤައުމުތަކުން ޤަބޫލު ނުކުރާނެކަން އިއުލާން ކޮށްފައެވެ.
15 މަސްދުވަހުގެ ޤަތުލްއާންމުގައި އިޒްރާއިލްއިން ފަލަޞްޠީނުގެ 61,709 މީހުން ވަނީ ޝަހީދުކޮށްލާފާއި ވާކަމަށް ބެލެވޭކަމުގައި ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ރަސްމީކޮށް މިހާތަނަށް ޔަޤީންވެފައިވާ އަދަދަކީ 48,271 އެވެ. ނަތަންޔާހޫ ވަނީ ހަމާސް ނުވަތަ ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) އަށްވެސް ޣައްޒާ ހިންގުމުގެ ބާރު ނުދޭނެކަމަށް ވައުދުވެފައެވެ. ނަތަންޔާހޫ މި ވާހަކަތައް ދައްކާފައިވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބީނޯ އާއެކު ޤުދުސްގައި ބޭއްވި ބައްދަލުވުމުގައެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން ވަނީ ޓްރަޕްމްގެ ޕްލޭނާއެކު ގަދަކަމުން ފަލަޞްޠީނުގެ ރައްޔިތުން އެބިމުން ނެރެލުމަށް ހިންގާ ކޮންމެ އަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނާގެ ދަށުން ނަސްލުނައްތާލުން ކަމަށް ބުނެފައެވެ.
ރިއެކްޝަންސް






