
ބާސެލޯނާ ލަލީގާ ތާވަލްގެ އެންމެ ކުރިއަށް
ސްޕްނިޝް ލަލީގާގައި ހޯމަ ދުވަހު 1-0 ން ރަޔޯ ވަޔަކާނޯ ބަލިކޮށް ތާވަލްގެ އެންމެ ކުރިއަށް ބާސެލޯނާ ޖެހިލައިފިއެވެ. މިއީ ޑިސެމްބަރު މަހުގެ ފަހުން ބާސެލޯނާ ތާވަލްގެ އެންމެ ކުރިއަށް ޖެހިލި ފުރަތަމަ ފަހަރެވެ.
ތާވަލްގެ ކުރީގައި އޮތް ރެއާލް މެޑްރިޑް އަދި ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑް ހުކުރު ދުވަހު ކުޅުނު މެޗުތަކުން އެއްވަރުވެ ޕޮއިންޓްގެ ފަރަގުކުޑަކުރުން ލިބުނު ފުރުޞަތު ގެއްލުމާއެކު ބާސެލޯނާއިން އެކަމުގެ ފައިދާ މިވަނީ ނަގާފައެވެ.
މެޗުގެ ހަމައެކަނި ގޯލް ޕެނަލްޓީއަކުން ކާމިޔާބުކުރީ ރޮބާޓް ލެވަންޑޮސްކީއެވެ. ފުރަތަމަ ހާފުގެ 28 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކީ ވަޔަކާނޯގެ މެދުތެރެއަށް ކުޅެމުންއަންނަ ޕާތް ސިސް ބާސެލޯނާގެ އިނީގޯ ނާޓިނޭޒްއަށް ކުރި ފައުލަކާ ގުޅިގެން ވީއޭއާރުން ވެސް ރިވިއުކުރުމަށްފަހު ދިން ޕެނަލްޓީއެކެވެ.
މިއީ ލެވަންޑޮސްކީ މިސީޒަނުގައި ބާސެލޯނާއަށް ކާމިޔާބުކޮށްދިން 20 ވަނަ ގޯލެވެ. ދެވަނަ ހާފުގައި ބާސެލޯނާއަށް ގޯލް ޖަހާނެ ރަނގަޅު, ގިނަ ފުރުޞަތުތައް ލިބި ވަނީ ބޭކާރުވެފައެވެ.
މެޗުގައި ވަޔަކާނޯއަށް ނަތީޖާ އެއްވަރުކުރެވުނުހެން ހީވި ވަގުތުކޮޅެއްވެސް ދިޔައެވެ. ނަމަވެސް ކައުންޓަރ އެޓޭކުގައި އެޓީމުގެ ފުރްޓޯސް ބޯޅަ ގޯލަށް ފޮނުވާލިއިރުވެސް އެންމެ ކުރިއަށްކުޅޭ ރެންޑީ ތޭކާ ހުރީ އޮފްސައިޑް ޕޮޒިޝަން ގައެވެ.
މި ނަތީޖާ އާއެކު ހެންސީ ފްލިކްގެ ބާސެލޯނާ ތާވަލްގެ އެންމެ ކުރިއަށްޖެހިލީ 51 ޕޮއިންޓާއެކު ކުރިން އެމަޤާމްގައި އޮތް ރެއާލަށްވުރެ ގޯލުގެ ތަފާތުންނެވެ. ތިންވަނައިގައި އެތްލެޓިކޯ އޮތީ ބާސެލޯނާ އަދި ރެއާލް މެޑްރިޑަށްވުރެ އެންމެ ޕޮއިންޓެއް މަދުން ހޯދައިގެންނެވެ. ލީގުގައި މިހާރު ބާކީ އޮތީ 14 މެޗެވެ.
ރިއެކްޝަންސް






