
ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިން- މެޑަމް ސާޖިދާ
ދިވެހި ޤައުމު މި ދެކޭ ކުރިއެރުމާއި ތަރައްޤީގެ ޙަޤީޤީ މޭސްތިރިންނަކީ އިސްރަށްވެހިންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޤައުމެއްގެ ހައިބަތު އިތުރުކުރުމަށްޓަކައި އެ ޤައުމެއްގެ އިސްރަށްވެހިން މުހިންމުކަން ފާހަގަގަކުރައްވައި، އިސްރަށްވެހިންގެ އަރިހުން އެކަމަނާ އިލްތިމާސްކުރެއްވީ، އެ ބޭފުޅުންގެ ތަޖުރިބާތައް ހިއްސާކޮށްދެއްވުމަށެވެ. މީގެއިތުރުން އިސްރަށްވެހިންގެ ޢިލްމާއި ތަޖުރިބާއިން ދަރުސް ލިބިގަތުމަށް ދަރިވަރުންނަށް އިލްތިމާސްކުރެއްވިއެވެ. އަދި އިސްރަށްވެހިންގެ ކިބައިން ޢިލްމީ، ފިކުރީ އަދި ހުނަރުގެ މަންފާ ލިބިގަތުމަށް އެކަމަނާ ވަނީ ޒުވާނުންނަށް އިލްތިމާސްކުރައްވާފައެވެ.
އިސްރަށްވެހިންގެ ނާދީގެ ލޯގޯ އާއި ނާދީގެ މެންބަރުންގެ ކާޑުވެސް އެކަމަނާ ވަނީ އިފްތިތާޙުކޮށްދެއްވާފައެވެ.
2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހު، އިސްރަށްވެހިންގެ ނާދީ އިފްތިތާޙުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ. މާލޭގައި ހުޅުވާފައިވާ އިސްރަށްވެހިންގެ ނާދީއަކީ، ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަމަށްވާ، އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާޢީ މަރުކަޒުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ބިނާކުރެއްވި ފުރަތަމަ މަރުކަޒެވެ.
ރިއެކްޝަންސް






