
މަޖިލިސް މެންބަރުންނަށް ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ފޯރުކޮށްދެނީ
ރައްޔިތުން މަޖިލިސް މެންބަރުންނަށް ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ފޯރުކޮށްދިނުމުގެ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ފަށައިފިއެވެ.
މި ޕްރޮގްރާމުގެ ދަށުން، އެއް އަހަރު ދުވަހުގެ މުއްދަތަށް "އެޑްވާންސްޑް ސެޓްފިކެޓް އިން ޝަރީޢާ އެންޑް ލޯ" ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ ފެށުމުގެ ގޮތުން، ކޯހުގައި ބައިވެރިވާ މެންބަރުންނާއި މަޖިލީހުގެ އިދާރާގެ އިސްވެރިންނާއި ޔުނިވަރސިޓީގެ އިސްވެރިންނާއެކު ޚާއްޞަ ބައްދަލުވުމެއް ވަނީ ބާއްވަވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މި ކޯހުގެ މައިގަނޑު މަޤްޞަދަކީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ މަތީ ތަޢުލީމު ޙާޞިލުކޮށްފައިވާ، ޢިލްމީގޮތުން ޤާބިލު މެންބަރުންތަކެއް ތިބި، ނަމޫނާ މަޖިލީހެއްގެ ގޮތުގައި ހެދުން ކަމަށެވެ.
އައިޔޫއެމްގެ ފަރާތުންން ވާހަކަދައްކަވަމުން، ވަގުތީ ގޮތުން ޔުނިވަރސިޓީ ހިންގުމާ ހަވާލުވެހުންނެވި ޑެޕިއުޓީ ވައިސްވައިސް ޗާންސެލަރ އަލްއުސްތާޛް އަޙްމަދު އަމީން މުޙައްމަދު ވިދާޅުވީ، މި ކޯހުގެ ކިޔެވުން ކުރިއަށް ގެންދާނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
މީގެ އިތުރުން، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަޖިލީހުގެ މެންބަރުންނަށް ބެޗްލަރ ޑިގްރީ ކޯހެއްވެސް ދާދި އަވަހަށް ފެށުމަށް ރޭވިފައިވާ ކަމަށް އައިޔޫއެމްއިން މަޢުލޫމާތު ދީފައިވެއެވެ.
ރިއެކްޝަންސް






